ވާހަކަ: މިސްރާބު - ފުރަތަމަ ބައި

ދިރިއުޅުމަކީ ފާޑެއްގެ އެއްޗެކެވެ. ތިމާ ކިތަންމެ ބޭނުން ނުވިޔަސް ބަދަލު ކުރަން ޖެހޭ ހާލަތްތައް އާދެ އެވެ. އަހަރެން ކުރިން ދިރިއުޅެމުން ދިޔައީ ރަށުގަ އެވެ. އަހަރެންގެ އުފަން ރަށަކީ އަހަރެން ވަރަށް ލޯބިވާ ތަނެކެވެ. ރަށުގައި އުޅޭއިރު، ގޮނޑުދޮށަށް ބީއްސާ ރާޅުގެ އަޑު އިވެ އެވެ. ހިޔާ ބޮޑު ގަސްތަކުގެ ފިނިކަން އިހުސާސް ކުރެވެ އެވެ. މައިންބަފައިންގެ ބޮޑު ގޭގެ ހިތްހަމަޖެހުމާއި ރަށުގައި އުޅޭ ރައްޓެހިންގެ އެކުވެރިކަން ފެންނަނީ ވެސް ރަށުންނެވެ. ރާއްޖެތެރެއިންނެވެ. އަހަރެންގެ އުމުރުގެ ކުރީކޮޅު ހޭދަވީ މައިންބަފައިންނާ އެކު އަމިއްލަ ގޭގަ އެވެ. ފަރަށް ގޮސް މަސް ހިފުމާއި ވަލަށް ގޮސް ދަރު ހޮވުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރި ކަންކަމެވެ. މަންޑިކުޅުމާއި ފީކޮއި ކުޅުމުގައި އުޅެނިކޮށް އިރުއޮއްސެ އެވެ. އުޅެބޮޑުވާ މާހައުލަކީ ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު ތަނަކަށް ވެދެ އެވެ. އެ ތަނަކަށްޓަކައި ހާއްސަ ލޯތްބެއް ހިތުގައި އުފެދެ އެވެ. އެކަމަކު ކުރިމަގު އުޖާލާ ކުރުމަށްޓަކައި ލޯތްބާއި އުފާތައް ގުރުބާން ކުރަން މަޖުބޫރުވި އެވެ. އަހަރެންނަށް ވެސް މާލެ އަންނަން ޖެހުނީ އެވެ.
އަހަރެންނާ އެކުގައި މައިންބަފައިން ވެސް މާލެ އަ އެވެ. އަލުން އެނބުރި ރަށަށް ދާކަށް އެ މީހުން ވެސް ބޭނުމެއް ނުވި އެވެ. އަހަރެންގެ ހަޔާތުގެ ބޮޑުބައި ހޭދަވީ މާލޭގަ އެވެ. ކުޑަ ކުއްޔަކަށް ތަނެއް ލިބުނެވެ. އެ ވެސް ނަސީބެކޭ ހިތަށް އެރި އެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ މުސްތަގުބަލު އުޖާލާ ކުރަން ބޭނުންވާނެ އެވެ. ވީހާ ވެސް ރަނގަޅު އާމްދަނީއަކަށް ހިތްއެދެ އެވެ. ފައިސާއަށް އުފަލެއް ނުގަނެވޭނެ އެވެ. ހަގީގަތަކީ އަދި މުޅިން ތަފާތު އެއްޗެކެވެ. ހިތްދަތި މަހުޖަނުން ނޫޅެއެކޭ ނޫނެވެ. ނަމަވެސް އަތްމަތި ދަތިވުމުން ކޮންމެ މީހަކަށް ވެސް އުފަލަކީ ބީރައްޓެހި އެއްޗަކަށް ވެދެ އެވެ.
އަހަރެންގެ ޒުވާން އުމުރެވެ. ހިތުގައި ލޯބި އެންމެ ގަދައަށް އަށަގަންނަ ދުވަސްވަރެވެ. އަހަރެން ވެސް ކުއްޖަކަށް ހިތްކި އެވެ. ކައިވެންޏާ ހިސާބަށް ދިޔައީ މައިންބަފައިންގެ ރުހުމާއި ލޯތްބާ އެކުގަ އެވެ. އޭނަގެ ނަމަކީ މަލީހާ އެވެ. މަލީހާއަކީ ރީތި ކުއްޖެކެވެ. ފިރިހެނަކު ހިތް ކިޔާނެހާ ހުރިހާ ސިފައެއް މަލީހާގެ ކިބައިގައި ހުއްޓެވެ. ލޮލަށް ވެއްޓުނު ކުނިކޮޅެއްހެން މަލީހާ ގެންގުޅުނީމެވެ. ކައިވެނީގެ ކުރީކޮޅުގައި ދެ މީހުން ވެސް އުޅުނީ ނުލާހިކު ލޯބިންނެވެ. އުފަލުގަ އެވެ. އާއިލާއަށް ވެސް ފެނުނީ އެ މީހުން އެންމެ ބޭނުންވާ މަންޒަރެވެ. މަލީހާގެ އާއިލާއަކީ މުއްސަނދި ބައެކެވެ. ނަމަވެސް އޭނާގެ ކިބައިގައި ބޮޑާކަމާއި ކިބުރުވެރިކަމެއް ނެތެވެ. ނުވަތަ އަހަރެންނަށް ނުފެނުނީ އެވެ. ނޫނީ ބަލަން ބޭނުން ނުވީ އެވެ. ކޮންމެ އެއްޗެކޭ ވެސް ބުނެވިދާނެ އެވެ. ދުވަސްކޮޅެއް ނުވެ މައްސަލަތައް ފެންމަތިވާން ފެށި އެވެ. ރޭގަނޑު ގިނަ ވަގުތު ބޭރުގައި އުޅުމެވެ. އަހަރެންނަށް ދޭ ވަގުތު މަދުވުމެވެ. އަހަރެންނާ ދިމާލަށް ބަސް ބުނުމެވެ. ހައްދެއް ނެތް މިންވަރަށް ހަރަދު ކުރުމެވެ. އަހަރެންނާ ޖަދަލު ކުރުމާއި ޒުވާބު ކުރުމެވެ. އަހަރެންގެ އުޅުމަށް އެއްވެސް ބަދަލެއް ނުގެންނަމެވެ. މަލީހާ ގެންގުޅުނީ ލޯބިންނެވެ. ލޯބި ދީގެންނެވެ. އުފަލުގަ އެވެ. ބަދަލުގައި އަހަރެންނަށް އޭނާ ދިނީ ކޮޅުކެއްސެވެ. އަހަރެންގެ ހިތުގައި ކޮޅުފައިން ޖަހާފައި އެހެން މީހަކާ ހިތާވި އެވެ. އެހެން ވުމުގެ ސަބަބުން އެ ކައިވެނި ޖެހުނީ ރޫޅާލާށެވެ. އަހަރެން ހިތާ ދެކޮޅަށެވެ. ނަމަވެސް އެއީ މަލީހާ ބޭނުންވި ގޮތެވެ. އަހަރެން އެތައް ނަސޭހަތެއް ދިނީމެވެ. ކެތްކުރީމެވެ. މަލީހާއަށް ވިސްނައިދިނީމެވެ. އެކަމަކު ވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ފުރަތަމަ ލޯތްބެވެ. ހަނދާން ނައްތަލާނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ކައިވެންޏެވެ. ފުރަތަމަ ވަރި އެވެ. ހިތް ހަލާކުވި ވެސް ފުރަތަމަ ފަހަރެވެ. އެކަމުން އަރައިގަންނަން އެންމެ ހިތްވަރު ދިނީ މަންމަ އާއި ބައްޕަ އެވެ. ނަމަވެސް ވަރިކުރިފުޅު މަތިން ހަނދާން ނައްތާލަން އުނދަގޫވި އެވެ. އަހަރެން ބޭނުންވީ އެންމެ ކަމެކެވެ. އެއީ އަހަރެންނަށް ފެންނަ ހިސާބަށް މަލީހާ ނައުމެވެ. މަގެއް މަތިން ވެސް މަލީހާ ނުފެނުމެވެ. ނަމަވެސް ތިމާ ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ނުވާނެ އެވެ.
އަހަރެންގެ ދިރިއުޅުން އެހެން ސަރަހައްދަކަށް ބަދަލު ކުރީމެވެ. ވަޒީފާ ވެސް ބަދަލު ކުރީމެވެ. އާ މާހައުލަކަށް ނުކުތުމާއި މަސައްކަތުގައި އަވަދިނެތި އުޅެން ފެށުމުން މީހާ މަޑުމަޑުން ހަމައަކަށް އެޅެން ފެށި އެވެ. އަހަރެންނަށް ލިބުނީ ހޮސްޕިޓަލެއްގެ ޒިންމާދާރު ވަޒީފާއެކެވެ. މަންމަ އާއި ބައްޕަ އެކަމާ އުފާ ކުރި އެވެ. އަހަރެން ވެސް ވަރަށް އުފާވިއެވެ.
ހޮސްޕިޓަލަށް އަލަށް ވަން ނަރުހެކެވެ. އޭނަގެ ނަމަކީ އަފްނާން އެވެ. އަފްނާނަކީ ކުލަ އަލި ރީތި ކުއްޖެކެވެ. އިސްތަށިގަނޑު އެހާ ދިގެވެ. ކަޅިރަވަ ތޫނެވެ. އަހަރެންގެ ލޮލުގައި އަފްނާން އަޅައިގަތީއެއް ނޫނެވެ. އަފްނާން ފެންނަން ހުރިއްޔާ އަހަރެން އެއްޗެއްގައި އަޅައިނުގަންނަ ފަހަރެއް މަދެވެ. ހިނގާ އިރު ދާން އޮންނަ މަގަށް ނުބަލާ އަފްނާންއާ ދިމާލަށް ބަލަންޏާ ވާނީ މި ކަހަލަ ގޮތެކެވެ. އަހަރެން ނޫނަސް ހޮސްޕިޓަލްގެ އެހެން މީހުން ވެސް ދައްކަނީ އަފްނާން ރީތި ވާހަކަ އެވެ. އެކަމާ އެހެން އަންހެންކުދިން ތިބެނީ ހަސަދަލައިގެންނެވެ. ހުސްހަށިބައި ފިރިހެނުންނާއި މީހުންގެ ފިރިން އަފްނާނަށް މުގޯލިއަޅާތީ މީހުންގެ އަނބިން ތިބެނީ އަފްނާނަށް ކަޅިއަޅައިގެންނެވެ. އަހަރެންނަކީ މީހަކާ އިނދެ ވަރިވެފައިވާ މީހެކޭ ހިތަށް އަރާ ވަރުން ހިތަށް ވެރިވެފައިވަނީ ޒާތެއްގެ ފިނޑިކަމެކެވެ. ވެރިއަކާއި މުވައްޒަފެއްގެ ދެމެދުގައި އޮންނަ ގުޅުން އަހަރެންނާއި އަފްނާންއާ ދެމެދު އޮވެ އެވެ. އަހަރުމެން ވާހަކަ ދައްކަމެވެ. ތަނުގެ ވާހަކަ އާއި އަމިއްލަ ވާހަކަ ވެސް ދައްކަމެވެ. ދެކެވުނު ވާހަކަތަކުން އަހަރެންނަށް ވިސްނުނީ އަފްނާންގެ ފިރިއެއް ނުހުންނަ ކަމެވެ. އެކަމަކު ލޯބިވެރިއެއް ނުހުންނަ ކަމެއް ނޭނގެ އެވެ. އަހަރެންގެ ހިތް ބުނީ އެހާ ލޯބި ކުއްޖަކު އެކަނި ނުހުންނާނެ ކަމުގަ އެވެ.
އެއް ދުވަހެއްގެ ހެނދުނެވެ. އަހަރެން އިނީ ކެބިންގަ އެވެ. މަސައްކަތް ވަރަށް ގިނަ އެވެ. ނަމަވެސް ދޭތެރެއަކުން އަފްނާން ކޮބާތޯ ބަލާލެވެ އެވެ. އެ ރީތި މޫނު ދެކެ ނުލާ އެހާ ގިނަ ވަގުތު ހޭދަ ކުރަން އުނދަގުލެވެ. ނުފެންނަތާ ގަޑިއެއްހާ އިރު ވުމުން ހިތަކަށް ކުޅަދާނައެއް ނުވި އެވެ. ކެބިން އިން ބޭރަށް ނުކުމެ ތަނަށް ނަޒަރު ހިންގާލީމެވެ. އަފްނާން ފެންނާކަށް ނެތެވެ. ފޫހިވެފައި ހުރެގެން އަނެއްކާ ކެބިންއަށް ވަނީމެވެ. ފަހަތުން މީހަކު ވަންހެން ހީވެގެން ހިތް އަވަސް ވެފައި ފަހަތް ބަލާލީމެވެ. ހިތް ބުނަމުން ދިޔައީ އެއީ އަފްނާން ކަމުގަ އެވެ. ނަމަވެސް އެތެރެއަށް ވަދެގެން އައީ ސަލީމާ އެވެ. އެއީ އަހަރެންގެ ދަށުން މަސައްކަތް ކުރާ ކުއްޖެކެވެ. އަހަރެންނާ ދިމާލަށް ކިޔާނީ ބޮހެވެ. އަހަރެންގެ މޫނުމަތީގެ ކުލަވަރު ފަނޑުވެގެން ދިޔަ އެވެ. އުންމީދު ކުރަމުން ދިޔަ ކަމަނާ ލޮލަށް ނުފެނުމުން ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެތައް ސުވާލުތަކެއް ހިތަށް އަރަމުން ދިޔަ އެވެ.
އަހަރެން ގޮސް މޭޒު ކައިރީ އިށީނީމެވެ. ސަލީމާ ވެސް ފަހަތުން އައިސް ގޮނޑިއެއްގައި އިށީނެވެ. އަތުގައި ފައިލްތަކެއް ހުއްޓެވެ. އަހަރެންގެ ކުރިމައްޗަށް ވާ ގޮތަށް ސަލީމާ އިނެވެ. އަހަރެން އިނީ އަފްނާން ނުފެނިގެން އެ ކަމާ މީހާ މިލާމޯޅިވެފަ އެވެ. ސަލީމާ ގެނައި ފައިލްތަކުގައި އަހަރެން ސޮއި ކުރަން ފެށީމެވެ.
"ބޮސް، ބޮސް ބުނި ގޮތަށް އަހަރެން ހުރިހާ މަސައްކަތްތަކެއް ނިންމައިފިން،" ސަލީމާ ބުންޏެވެ.
"އެހެންތަ؟" ބޭރު ދޮރާ ދިމާލަށް ބަލާލަމުން އަހަރެންނަށް ބުނެވުނެވެ. "ގުޑް ގުޑް."
ސަލީމާ އަތަށް ފައިލްތައް ދިއްކޮށްލުމުން އޭނާ އަހަރެންގެ އަތުގައި ހިފާލި އެވެ. ވަގުތުން އަހަރެން އަތް ފޮޅުވާލީމެވެ. އަދި ސަލީމާއާ ދިމާލަށް ބަލާލީމެވެ. އޭނާ ހިނިތުންވެލި އެވެ. އެއީ ސަލީމާ ގަސްތުގައި ކުރި ކަމެކެވެ.
"ބޮސް، މިއަދު އަޅުގަނޑު ގެއަށް ދާނީ ބޮސް ގޮވައިގެން. މަންމަ ބުނެފައި އޮތީ ބޮސް ގޮވައިގެން ނޫނީ ގެއަށް ނާންނައްޗޭ. މަންމަ ހުންނާނީ ސައި ވެސް ހަދާފައި. އެހެންވީމަ ކޮންމެހެންވެސް މިއަދު ޖެހޭނެ ދާންް،" ސަލީމާ ވާހަކަ ދެއްކި އެވެ. އެ ވާހަކަތައް އަހަރެންނަށް އަލެއް ނޫނެވެ. ކޮންމެ ދުވަހަކު ވެސް ސަލީމާ އެ ކަހަލަ ކޮންމެވެސް ވާހަކައެއް ދައްކާނެ އެވެ.
"މިއަދު ނެތޭ ދެވޭކަށް. މިއަދު އަހަރެން އެބަ ޖެހޭ ހަވީރު މީޓިންއަކަށް ދާން،" އަހަރެން ހެދީ ދޮގެކެވެ.
"އެހެން ނޫން ނަމަ އަންނާނަންތަ؟" އުފާވެފައި ސަލީމާ އެހި އެވެ. އެ ވަގުތު ކެބިންއަށް މޫމިނާ ވަނެވެ. މޫމިނާއަކީ ސަލީމާއާ އެކުގައި މަސައްކަތް ކުރާ ކުއްޖެކެވެ. ނަމަވެސް ދެ މީހުންގެ މެދުގައި މާ ބޮޑު އެކުވެރިކަމެއް ނޯވެ އެވެ. ފޫހިވެގެން ސަލީމާ ނުކުމެގެން ދިޔަ އެވެ.
"ބޮސް، ސަލީމާ ދައްކާ ވާހަކަ ގަބޫލު ނުކުރާތި. އޭނަ ވަރަށް ދޮގު ހަދާނެ،" މޫމިނާ އަތުގައި އޮތް ފައިލްއެއް ދިއްކޮށްލަމުން ބުންޏެވެ. "ތިއީ އަހަރެންގެ ބޮސްއަށް ވެފައި އަދި އެކުވެރިއެއް ގޮތުގައި ދެކޭތީ ރަނގަޅަކަށް މި ބުނަނީ."
"އެހެންތަ؟ އަހަރެން އުޅޭނީ ވިސްނައިގެން،" ނޫން ގޮތަކަށް އަހަރެން ބުނީމެވެ.
"ބޮސް، މިއަދު ދެވޭނެތަ އަހަރެންނާ އެކު ފިލްމެއް ބަލަން. ވަރަށް ރީތި ފިލްމެއް ހަވީރު އަޅުވާނެ،" މޫމިނާ އެދުނެވެ. އަހަރެން ހައިރާނެއް ނުވި އެވެ.
-ނުނިމޭ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ