ފްލައިން ސްކޫލް ބޭރުގެ ބަޔަކާ ހަވާލު ކުރަނީ

ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އައްޑޫ ގަމުގައި މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ނަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ބޭރުގެ ބަޔަކާ ހަވާލު ކުރަން ނިންމައިފި އެވެ.
އެތަން ހިންގަން ހަވާލު ކުރަން ނިންމާފައި ވަނީ ބޭރުގެ އަމިއްލަ ކުންފުންޏަކާ އެވެ. އެއީ ޒެނިތު އޭވިއޭޝަން އެކަޑެމީ އެވެ. އެ ކުންފުންޏާ ފްލައި ސްކޫލް ހިންގުން ހަވާލު ކުރުމުގެ މަހަރުލާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިރުޝާދުގެ ދަށުން މިހާރު އަންނަނީ ކުރަމުންނެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން އައިއޭއެސް އިން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ވަނީ މެނޭޖްމަންޓް ބަދަލުކުރާކަން އަންްގައިފަ އެވެ.
އެނގިފައިވާ ގޮތުގައި މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގަން ބޭރުގެ ބަޔަކާ ހަވާލު ކުރަން ނިންމީ އެތަން ހިންގަން އައިއޭއެސް އަށް މާލީ ގޮތުން ހުރި ގޮންޖެހުންތަކާ ހެދި އެވެ.
އެ ފްލައިން ސްކޫލަކީ ކުރިން ގަމުގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކް (އޭއޭއޭ) އިން ހިންގަމުން އައި ފްލައިން ސްކޫލް ހުއްޓާލަން ޖެހުމާ ގުޅިގެން 2022 ގައި އުފެއްދި ތަނެކެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ވުޖޫދަށް ގެނައީ އައިއޭއެސް އާއި ގައުމީ ޔުނިވަސިޓީ ގުޅިގެންނެވެ. އަދި އެތަން މިހާތަނަށް ހިންގަމުން އައީ ޗެކް ރިޕަބްލިކްސްގެ ފްލައިން އެކަޑެމީއާ ގުޅިގެންނެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގަން ހަވާލުކުރަން ނިންމާފައިވާ ޒެނިތު އޭވިއޭޝަން އެކަޑެމީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި ރަޖިސްޓްރީ ވެސް ކޮށްފައިވާ އިރު، އެ ކުންފުނީގައި އެޓޯލް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑާއި ސިމްޕްލިފައި ހޯލްޑިންސް ގްރޫޕް ވެސް ހިއްސާވެ އެވެ.
ޒެނިތު އޭވިއޭޝަން އެކަޑެމީގެ މެނޭޖިން ޑިރެކްޓަރަކީ އިންޑިއާ މީހެއް ކަމަށްވާ ސަންދީޕް ކުމާރެވެ. އެތަނުން ފްލައިން ސްކޫލް ހިންގަން ފަށާ އިރު، ސީއޯއޯ އަކީ އިސްމާއީލް ރަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ