ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ދިވެއްސަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ކާރަކަށް ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ދަނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ލާމިގެ، މާލެ، މުޙައްމަދު އުޝާން (46އ) އެވެ.ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި އަމީން އެވެނިއު މެޕަލް ކުރިމަތިން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނިފައިވާ ކަމަށެވެ.އެ ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު 84 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.މި މައްސަލައާ ގުޅިގެން، ކާރު ދުއްވި މީހާ ހައްޔަރުކޮށް އެ ކާރު ވަނީ ޓޯ ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ވެސް 40 ފުޅި ބަނގުރަލާ އެކު އިންޑިއާ ދެ މީހަކު ހުޅުމާލެއިން ހައްޔަރުކުރި އެވެ. އެ މީހުން އަތުލައިގަތީ ބޯފެން ހުސްކުރި ފުޅިތަކަކަށް ރާ އަޅައިގެން، ވޭނެއްގައި އެ ހިފައިގެން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ