ފްރެންޗް އޯޕަން އަށް ވޯމްއަޕް ކުރަން ޖޮޮކޮވިޗް ޖެނީވާ މުބާރާތުގައި ކުޅޭނެ ފްރެންޗް އޯޕަން އަށް ވޯމްއަޕް ކުރަން ޖޮޮކޮވިޗް ޖެނީވާ މުބާރާތުގައި ކުޅޭނެ

ޖެނީވާ، ސްވިޒަލެންޑް (މެއި 12) - ކުރިއަށް އޮތް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ، ފްރެންޗް އޯޕަން އަށް ތައްޔާރުވުމުގެ ގޮތުން، ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް، ވައިލްޑްކާޑު ފުރުސަތެއްގައި ޖެނީވާ އޯޕަންގައި ކުޅެން ނިންމައިފި އެވެ.
މޮންޓެ ކާލޯ އާއި މެޑްރިޑް މުބާރާތުގައި މިދިޔަ މަހު، އަވަހަށް ކަޓައިގެންދިޔަ، ޖޮކޮވިޗް، 37، ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފަ އެވެ. އަދި، ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ޖޮކޮވިޗް، މިހާރު ކުރިއަށްދާ އެޓީޕީ މާސްޓާސް، ރޯމް މުބާރާތުގައި ވެސް ބައިވެރިނުވެ އެވެ.
ރޯމް މުބާރާތުގެ ޗެމްޕިއަންކަން، ހަ ފަހަރު ހޯދާފައިވާ ޖޮކޮވިޗް މި ފަހަރު އެ މުބާރާތުގައި ނުކުޅުނު ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ޖެނީވާ އޯޕަންގައި ވައިލްޑްކާޑު ފުރުސަތެއްގައި ކުޅެން ނިންމި ޖޮކޮވިޗްގެ މައިގަނޑު ޓާގެޓަކީ ފްރެންޗް އޯޕަން އަށް ތައްޔާރުވުމެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޖޮކޮވިޗް ވަނީ ފްރެންޗް އޯޕަން ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
މި މަހު 38 އަހަރު ފުރޭ ޖޮކޮވިޗް، ޓެނިހުގެ މި ސީޒަނުގައި ކުޅުނު 19 މެޗުގެ ތެރެއިން 12 މެޗުން ވަނީ މޮޅުވެފަ އެވެ. މިދިޔަ މާޗް މަހު، މިއާމީ އޯޕަން ފައިނަލުގައި 19 އަހަރުގެ ޔަކޫބް މެންސިކް އަތުން ބަލިވެ، ޖޮކޮވިޗް، 100 ވަނަ އޭޓީޕީ ސިންގަލްސް ތަށި ހޯދަން ކުރަމުން އަންނަ އިންތިޒާރު ވަނީ ދިގުލައިފަ އެވެ. މިދިޔަ އަހަރުގެ ޖެނީވާ އޯޕަންގައި ޖޮކޮވިޗް ވަނީ ސެމީ ފައިނަލަށް ދަތުުރުކޮށްފަ އެވެ.
ޖެނީވާ އޯޕަން މި މަހު 17 ގައި ފަށާއިރު، ފްރެންޗް އޯޕަން ޝެޑިއުލްކޮށްފައި އޮތީ މި މަހު 25 ވަނަ ދުވަހު ފަށާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ