ކުރިމަތިލުންތަކުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕާކިސްތާނުގައި ހަވާ އަރުވައިފި

ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ފެށި ހަމަލާ ބަދަލުކުރުންތަކުން ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން  ޕާކިސްތާނުގެ ލާހޫރުގައި ހަވާ އަރުވައިފިއެވެ
މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ބަހަލްގަމްގައި ދިން ހަމަލާއާ ގުޅިގެ އިންޑިއާއިން އިސްވެ ވަނީ މިމަހުގެ ހަވަނަ ދުވަހު ޕާކިސްތާނަށް ވައިގެ މަގުން ހަމަލާތަކެއްދީފައެވެ. ހަމަލާތައް ދިނުމުގެ ކުރިން އިންޑިއާއިން ވަނީ ކަޝްމީރުގައި ދިން އެ ހަމަލާއަކީ ޕާކިސްތާނުގެ އަތެއް އޮވެގެން ދިން ހަމަލާއެއްކަމަށް ބުނެފައެވެ. އިންޑިއާއިން ޕާކިސްތާނަށް ހަމަލާތައް ދީފައިވަނީ ފްރާންސްގައި އުފައްދާ ރަފައެލް މަރުކާގެ ފައިޓަޖެތްތައް ބޭނުންކޮށްގެންނެވެ.
އިންޑިއާއިން ހަމަލާތައް ދޭން ފެށުމުން ޕާކިސްތާނުންވެސް ވަނީ، ޖެޓްތައް ހުއްޓުވުމަށް ރައްދުގައި ހަމަލާތައްދީފައެވެ. ދެޤައުމުގެ ދެމެދުގައި ހިނގާދިޔަ ކުރިމަތިލުންތަކުގައި ޕާކިސްތާނުންވަނީ އިންޑިއާގެ ބައެއް ޖެޓްތަކަށް ހަމަލާދީ ވައްޓާލާފައެވެ. ޕާކިސްތާނުގެ ވައިގެ ސިފައިން ދޭންފެށި ވަރުގަދަ ހަމަލާތަކާއެކު، އެންމެފަހުން އެމެރިކާއިން ދެޤައުމުގެ އޮފިޝަލުންގެ މެދުގައި ކުރިއަށްގެންދިޔަ ވާހަކަތަކަށްފަހު، އެ ޤައުމުން ވަނީ މިދިޔަ ހޮނިހިރުދުވަހު ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އެއްބަސްވެފައެވެ. އެގޮތުން އެންމެފަހުން ދެ ޤައުމުން ވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައެވެ.
Advertisement
ދެޤައުމުގެ ދެމެދުގައި ފެށި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުން ޕާކިސްތާނު ރައްޔިތުން ސިފަކުރީ އަނެއްކާވެސް އިންޑިއާއަތުން ލިބުނު މޮޅެއްގެ ގޮތުގައެވެ. އެގޮތުން ޕާކިސްތާނުގެ ލާހޫރުގައި ވަނީ އިންޑިއާ އަތުން މޮޅުވުމުގެ އުފަލުގައި ހަވާއެރުވުމުގެ ބޮޑު ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި، އޮފިސަރުން ބައިވެރިވިއެވެ. 
ލާހޫރުގައި ކުރިއަށްގެންދާ އުފާފާޅުކުރުމުގެ ތެރެއިން... ފޮޓޯ: ޕާކިސްތާން ޓްރިބިއުން
މި ހަރަކާތުގައި ބައިެވރިވި ލާހޫރުގެ ރައްޔިތުން ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވައިގެ ސިފައިންގެ ހިތްވަރު ފާހަގަކޮށްފައެވެ. އެގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ވައިގެ ސިފައިންނަކީ އެޤައުމުގެ ފަހުރުކަމަށް އެމީހުން ވަނީ ބުނެފައެވެ. މި ހަރަކާތުގައި ބައިވެރިވި ހަމްޒާ ނަމަކަށް ކިޔާ ޒުވާނަކު ޓްރިބިއުން ނޫހާ ވާހަކަދައްކަމުން ބުނެފައިވަނީ، ޕާކިސްތާނުގެ ވައިގެ ސިފައިންގެ އޮފިސަރުންނަކީ ކިހާ ގާބިލްބައެއްކަން އިންޑިއާގެ އިތުރުން މުޅި ދުނިޔެއަށްވެސް ހާމަވެގެން ހިނގައްޖެކަމަށެވެ. 
"އިންޑިއާއިން ކިތަންމެ ބިރެއް ދެއްކިއަސް މުސްލިމުން ބިރު ގަންނާނީ ހަމައެކަނި މާތް ﷲ ދެކެ. މިހާރު ދެން މީގެ ފަހުން އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން ހާސްފަހަރު ވިސްނާނެ" ހަމްޒާ ބުންޏެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވާއިރު، އިންޑިއާއިން ބުނެފައިވަނި ހަމަލާތައް ބަދަލުކުރުން ހުއްޓާލިނަމަވެސް ޓެރަރިޒަމާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާނުލާނޭކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ