ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކުން ވައްކަން ކުރި މީހަކު ހައްޔަރަށް؛ 9 ކާރު ހިމެނޭ

ހުޅުމާލޭގައި ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ އެއްގަމު އުޅަނދުތަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވައި އެ މައްސަލައިގެ ތުހުމަތުގައި އޭނާ މިއަދު ހައްޔަަރުކޮށްފި އެވެ. 
ވީ ކިހިނެއް؟ - މި މައްސަލައާ ގުޅިގެން ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރިން، ޕާކިން ޒޯން ސަރަހައްދުން ފުލުހުން ހައްޔަރުކޮށްފައި ވަނީ އަބްދުއްރަހްމާން ހުސައިން 33، އޯކޮޑްމާގެ/ލ. އިސްދޫ އެވެ.
އޭނާ ވައްކަން ކުރި އުޅަނދުތަކުގެ ތެރޭގައި ނުވަ ކާރު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ތަފްސީލު - ފުލުހުންގެ ވެބްސައިޓުގައި މިކަމާ ގުޅޭ ގޮތުން ޝާއިއުކުރި ހަބަރުގައި ބުނީ: 
އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ހުންނަ ސަރަހައްދުން ޕާކިން ޒޯން ކައިރީގައި ހުއްޓައި އެ ވަގުތު ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމާ އެކު އެއްޗެއް ފޮރުވަން މަސައްކަތްކޮށް، ސައިކަލަށް އަރައިގެން ދާން މަސައްކަތްކުރާކަން ފާހަގަކުރެވިގެން އިތުރަށް ބެލިބެލުމުން
އެނާ ހުއްޓުވައި ބެލިބެލުމުން އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ގިނަ ވެހިކަލްތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވުމާ ގުޅިގެން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނުނު
އޭނާ ވަނީ އެ ސަރަހައްދުގައި ޕާކްކޮށްފައިވާ ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައި އެ ވެހިކަލްތަކުން ބައެއް ތަކެތި ވަގަށް ނަގާފައި
"ހައްޔަރުކޮށްފައިވާ މީހާ އާއި އޭނާ އަރައިގެން ދާން މަސައްކަތްކުރި ސައިކަލް ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި ފައިސާ އާއި ފޯންތަކަކާއި ޗާޖިން ކޭބަލް ފަދަ ތަކެތި ފެނިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، އަބްދުއްރަހްމާން ހުސައިން ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް އެއްލި އެވެ. އަދި އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
 މައްސަލަ ތަހުގީގު ކުރަމުންދަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ