ގަވާއިދުން ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރާނަމަ ކޮލޯން ކެންސަރުން ދުރުކޮށްދީ އެ ބަލި ޖެހުމުގެ ނިސްބަތް ކުޑަކުރެވޭ ކަމަށް ބައިނަލްއަގުވާމީ ދިރާސާއަކުން ދައްކައިފި އެވެ. މިއީ މިފަދަ ބަލި މީހުންގެ މެދުގައި ކުރެވުނު މިފަދަ އެންމެ ބޮޑު ދިރާސާ އެވެ.
ކޮލޯން ކެންސަރަކީ ބޮޑު ގޮހޮރުން ނުވަތަ ރެކްޓަމް އިން ފެށޭ ކެންސަރުގެ ބާވަތެކެވެ. މިއީ ދުނިޔޭގައި އެންމެ އާންމުކޮށް ފެންނަ ކެންސަރުތަކުގެ ތެރެއިން އެއްވައްތަރެވެ. ކޮލޯން ކެންސަރު ގިނަ ފަހަރަށް ފެށެނީ ކުދި ޕޮލިޕްސް ނުވަތަ ގޮހޮރުގެ އެތެރޭގައި އުފެދޭ ކުދި ގޮށްތަކުންނެވެ. ކޮލޯން ކެންސަރުގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހަޖަމުގެ މައްސަލަތަކާއި، ބޮޑުކަމުދާއިރު ލޭ އައުމާއި، ބަނޑުގައި ރިއްސުމާއި އަދި އާދަޔާ ހިލާފަށް ވަރުބަލިވުމެވެ.
ކެނެޑާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، އިޒްރޭލް އަދި އެމެރިކާގައި ކުރެވުނު މި ދިރާސާގައި ކޮލޯން ކެންސަރު ފަރުވާ ނިންމާފައިވާ 889 ބަލި މީހުން ބައިވެރިކުރި އެވެ. މި ބަ ލިމީހުން ދެ ގްރޫޕަކަށް ބަހާލެވުނެވެ. އެއް ގްރޫޕަށް ހަމައެކަނި ދުޅަހެޔޮ ކެއުމާއި ކަސްރަތާ ބެހޭ މައުލޫމާތު ދެވުނެވެ. އަނެއް ގްރޫޕަށް ތިން އަހަރުގެ ކަސްރަތު ޕްރޮގްރާމެއް ހިންގުނެވެ. މި ޕްރޮގްރާމުގައި ފުރަތަމަ އަހަރު ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު، އަދި ދެން އޮތް ދެ އަހަރު ކޮންމެ މަހަކު އެއްފަހަރު ކޯޗުންނާ ބައްދަލުކުރެވުނެވެ.
ދިރާސާގެ ނަތީޖާތައް ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކުރެވި، ޗިކާގޯގައި ބޭއްވުނު އެމެރިކަން ސޮސައިޓީ އޮފް ކްލިނިކަލް އޮންކޮލޮޖީގެ އަހަރީ ބައްދަލުވުމުގައި ހުށަހެޅުނެވެ. މި ދިރާސާއަށް ފައިސާ ހޯދައިދިނީ ކެނެޑާ، އޮސްޓްރޭލިއާ އަދި ޔޫކޭގެ އެކަޑަމިކް ރިސާޗް ގްރޫޕްތަކުންނެވެ.
ދިރާސާގައި ބައިވެރިވި ގިނަ ބަލިމީހުން ހަފްތާގެ ކޮންމެ ދުވަހަކު 45 މިނެޓު ހިނގުމަށް ހޭދަކުރި އެވެ. އަށް އަހަރު ފަހުން ދިރާސާގެ ނަތީޖާތައް ދެއްކި ގޮތުގައި ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވި ބަލި މީހުންގެ މެދުގައި ކެންސަރު އަނބުރާ ޖެހުން 28 ޕަސެންޓުން މަދުވެފައިވެ އެވެ. އަދި ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މަރުވުމުގެ ނިސްބަތް 37 ޕަސެންޓު މަދުވެފައިވެ އެވެ. ނަމަވެސް ކަސްރަތު ކުރި ގްރޫޕުގައި މަސްތަކަށް ލިބޭ އަނިޔާތައް އިތުރުވެފައިވެ އެވެ.
ކިންގްސްޓަން ހެލްތު ސައިންސަސް ސެންޓަރުގެ ކެންސަރު ޑޮކްޓަރު އަދި ދިރާސާގެ އެއް ލިޔުންތެރިޔާ ޑރ. ކްރިސްޓޮފާ ބޫތު ބުނީ ނަތީޖާތައް ފެނުނު އިރު އޭނާ ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ.
މި ދިރާސާގެ ނަތީޖާތަކަށް ބަލާއިރު މާހިރުން ބުނާގޮތުގައި ކެންސަރު ސެންޓަރުތަކާއި އިންޝުއަރެންސް ޕްލޭންތަކުން ކަސްރަތު ކޯޗިން ކޮލޯން ކެންސަރު ބަލިމީހުންނަށް ދޭ ފަރުވާގެ އައު މިންގަނޑެއްގެ ގޮތުގައި ހިމަނަން ވިސްނަންޖެހެ އެވެ. އެހެންނަމަވެސް އެކަން ހަމަޖެހެންދެން، ބަލިމީހުންނަށް ފަރުވާ ނިމުމަށްފަހު ކަސްރަތު އިތުރުކޮށް، ކެންސަރު އަނބުރާ ޖެހުން ހުއްޓުވުމަށް މަސައްކަތްކުރެވިދާނެ އެވެ.
ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ލޭ ނަގައި، ކަސްރަތާއި ކެންސަރު ހުއްޓުވުމާ ހުރި ގުޅުން ދެނެގަތުމަށް އިތުރު ދިރާސާތައް ކުރެވޭނެ އެވެ. މީގެތެރޭގައި އިންސިއުލިން ޕްރޮސެސިން ނުވަތަ އިމިއުން ސިސްޓަމް ވަރުގަދަވުން ނުވަތަ އެހެނިހެން ކަންކަން ހިމެނިދާނެ އެވެ.
މި ދިރާސާގެ ނަތީޖާތަކުން ދައްކުވައިދެނީ ކޮލޯން ކެންސަރު ބަލިމީހުންނަށް ބޭސްފަރުވާއާއެކު ކަސްރަތަކީ ވެސް މުހިންމު ބައެއްކަމެވެ. ކަސްރަތުގެ ފައިދާތައް ބައެއް ބޭސްތަކާ އެއްވަރަށް ހުރިކަން މާހިރުން ފާހަގަކުރެ އެވެ. މިއީ ކެންސަރު ބަލިމީހުންނަށް އައު އުންމީދެއް ގެނެސްދޭ ކަމެކެވެ.
ގަވާއިދުން ކަސްރަތު ކުރުމުން ކޮލޯން ކެންސަރުން ދުރުކޮށްދޭ ގަވާއިދުން ކަސްރަތު ކުރުމުން ކޮލޯން ކެންސަރުން ދުރުކޮށްދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ