ކަރަންޓުގެ ހިދުމަތް ދިނުމާ ބެހޭ އެއްބަސްވުން ނުހެދުމުން ކުޅުދުއްފުށި ކައުންސިލުން ފެނަކަ ގޮވައިގެން ކޯޓަށް ކަރަންޓުގެ ހިދުމަތް ދިނުމާ ބެހޭ އެއްބަސްވުން ނުހެދުމުން ކުޅުދުއްފުށި ކައުންސިލުން ފެނަކަ ގޮވައިގެން ކޯޓަށް

ކުޅުދުއްފުށްޓަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ޕްރައިވެޓް ލިމިޓެޑުން އެ ސިޓީގެ ކައުންސިލާއެކު އެއްބަސްވުމެއް ހެދުމަށް އިންކާރު ކުރާ މައްސަލައިގައި ފެނަކަ އާ ދެކޮޅަށް ދައުވާ ކުރަން ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ނިންމުން ނިންމީ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ބައްދަލުވުމުގަ އެވެ.
ކުޅުދުއްފުށި ކައުންސިލުން ފެނަކައާ ދެކޮޅަށް ދައުވާ ކުރަން ނިންމީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެއްބަސްވުމެއް ހެދުމަށް ފެނަކައިން އިންކާރު ކުރުމުންނެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަނީ އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ވާނީ ކައުންސިލުން ކަމަށެވެ. އަދި އެ ހިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ނަމަ އެ ފަރާތަކާއި ކައުންސިލާ ދެމެދު، ކަރަންޓު ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއް އޮންނަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާން ކޮށްފައި އޮވެ އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ފެނަކަ އާ ދެކޮޅަށް އެ ކައުންސިލުން ދައުވާ ކުރަން ނިންމީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަސް އެކި ފަހަރުމަތިން ލިޔުމުން އެދުމުން ވެސް އެއްބާރުލުން ދިނުމެއް ނެތި އެފަދަ އެއްބަސްވުމެއް ހެދުމަށް ފެނަކައި އިންކާރު ކުރުމުން ކަމަށެވެ.
އެގޮތުން ގާނޫނުގައި ބަޔާންކުރާ ގޮތަށް އެއްބަސްވުމެއް އެކުލަވައިލަން ބޭނުންވާ ކަމަށް ބުނެ ކުޅުދުއްފުށި ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޖޫން 3، ގައި ފެނަކައަށް ސިޓީއެއް ފޮނުވި ކަމަށް އެ ކައުންސިލުން ބުންޏެވެ.
ގާނޫނުގައި އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް ފެނަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލޭނެ ކަމަށް ބުނެ ޖޫން 27، 2024 ގައި ފެނަކައިން ރައްދު ޖަވާބު ލިޔުމުން ދިން ކަމަށް ކުޅުދުއްފުށި ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ގާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ވެސް ހިމެނޭނެ ކަމަށާއި ރާއްޖޭގެ އެހެން ރަށްރަށުގެ ކައުންސިލުތަކާއެކު އެއްބަސްވުން ހެދިފައި ނުވުމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާ އެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމަށް ބުނެ ޖުލައި 9، 2024 ގައި އަނެއްކާ ވެސް ފެނަކައަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ސިޓީގެ ޖަވާބު ލިބިފައި ނުވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ