9 އަހަރަށްފަހު އިސްކަންދަރު ސްކޫލްގެ ވީރާނާވެ، ހަލާކުވެފައި އޭ ބްލޮކްގައި މިހާރު ހިންގަމުންދާ ދެ ބުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މީގެ 64 އަހަރު ކުރިން އިމާރާތްކޮށްފައިވާ އިސްކަންދަރު ސްކޫލްގެ މި އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާބެހޭ ފަރާތްތަކާއި މާހިރުން ސާވޭ އެއް ހެދުމަށްފަހު، މިދިޔަ 8 އެއްކަ އަހަރުގެ ތެރޭގައި ދެ ފަހަރުގެ މަތިން އެންގި ކަމަށްވެއެވެ. އެހެންކަމުން އެ އިމާރާތުގެ ފުރަތަމަ ބުރި ބޭނުން ކުރަމުން އައީ ގުދަނެއްގެ ގޮތުގައި ކަން ފާހާގަކޮށްލަން ޖެހެއެވެ.
އޭ ބްލޮކްގެ މަތީގައި ޖުމުލަ ހަތް ކްލާސް ރޫމް ހުރި ނަމަވެސް އެ އިމާރާތް ބޭނުންކުރުން ރައްކާތެރިނޫން ކަމަށް ކަމާބެހޭ ފަރާތްތަކާއި މާހިރުން އެންގުމާއިއެކު، އެ ކްލާސް ރޫމުތައް ބޭނުންކުރުން ހުއްޓާލިތާ އަހަރުތަކެއްވެއްޖެއެވެ. އެހެންނަމަވެސް ދެވަނަ ބުރީގައި ޕްރިންސިޕަލް އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ރޫމާއި، ޓީޗަރުންގެ ރޫމާއި ހެލްތު ރޫމް ދަނީ ހިންގަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ ސްކޫލްގެ އޭ ބްލޮކްގެ ދެ ބުރީގެ އިމާރާތުގެ ބަދަލުގައި އެތަނުގައި އާ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައިވާއެވެ. މިނިސްޓުރީން ބުނި ގޮތުގައި އައު އިމާރާތަކީ ޖުމުލަ 21 ކްލާސްރޫމް ހިމެނޭ އިމާރާތެކެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އެ ސްކޫލުގައި މިހާރުވެސް ދެހާހަށް ވުރެ ގިނަ ކުދިން ކިޔަވަމުން އާންނައިރު އެ އިމާރާތް ވަރަށް ބޮޑަށް ހަލާުކުވެ، ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ އިމާރާތް ބޭނުން ނުކުރެވުމުގެ ސަބަބުމް ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ އެ ސްކޫލުގެ ބީ ބްލޮކް އާއި ސީ ބްލޮކްގައެވެ.
މިކަމުގެ ސަބަބުން ސްކޫލުގެ ކްލާސްރޫމްތައް މަދުވެ، މެނޭޖުކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުންނަކަމަށް އެ ސްކޫލުގެ ބެލެނިވެރިން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، 21 ކްލާސްރޫމް ހިމެނޭ މި އާ އިމާރާތާއިއެކު މިފަދަ މައްސަލަތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
9 އަހަރަށްފަހު އިސްކަންދަރު ސްކޫލުގެ ބައު އިމާރަތް ތަޅާލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ