އިޒްރޭލުން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

ގާޒާގެ އުތުރާއި ދެކުނުގެ ސަރަހައްދުގައި އިޒްރޭލުން ވަރުގަދަ ބިމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.
އެ އޮޕަރޭޝަނަށް ފަހު އިޒްރޭލުން ގާޒާއަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީ، ގާޒާއަށް ކާބޯތަކެތީގެ މަދު ސަޕްލައި ވެއްދުމުގެ ހުއްދަ ދޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މިއަދު ބުނެފައިވެ އެވެ.
މިދިޔަ މާޗު މަހުން ފެށިގެން ގާޒާއަށް ކާބޯތަކެތި ވެއްދުން އިޒްރޭލުން މަނާ ކުރުމާ ގުޅިގެން ޕްރެޝަރު ބޮޑުވެ، ގިނަ ބަޔަކު ބަނޑަށް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. 
އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ވަނީ ވަރުގަދަކޮށްފަ އެވެ. ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ރިޕޯޓްކުރާ ގޮތުގައި، ފާއިތުވި ހަފުތާގެ ތެރޭގައި ދިން ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި، ރޭގަނޑު ދިން އެއް ހަމަލާ އިން ވެސް 130 މީހަކު ވަނީ މަރުވެފަ އެވެ.
އދ.ގެ އެހީގެ ވެރިޔާ ޓޮމް ފްލެޗާގެ ތަރުޖަމާނު އެރީ ކަނެކޯ ވިދާޅުވީ އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކުން އެ އެޖެންސީއަށް ގާޒާއަށް ކޮންމެ ވެސް ވަރަކަށް ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހާލަތަށް ރިއާޔަތްކޮށް ތަކެތި ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން މިގޮތަށް ނިންމީ ގަތަރުގައި އިޒްރޭލާއި ހަމާސްއާ ދެމެދު ނުސީދާކޮށް ކުރިއަށް ގެންދާ އާ ސިލްސިލާ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ދެ ފަރާތުގެ މަސްދަރުތަކުން އިޝާރާތް ކޮށްފައި ވަނިކޮށެވެ.
ނަތަންޔާހޫ ވިދާޅުވީ އެ މަޝްވަރާތަކުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ އިޒްރޭލުގެ މީހުން މިނިވަން ކުރުމުގެ އެއްބަސްވުމެއްގެ ވާހަކަ އާއި ހަމާސްގެ ހަނގުރާމަވެރިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ލަފާދިނުން ހިމެނޭ ކަމަށެވެ. ހަމާސް އިން ކުރިން ވަނީ އެ ހުށަހެޅުމަށް އިންކާރުކޮށްފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ފަހުން ނެރުނު ބަޔާނެއްގައި އިޝާރާތްކޮށްފައި ވަނީ ދޯހާގެ އެއްބަސްވުމަކަށް ޖާގަ ދިނުމަށް އަދިވެސް އެ މީހުންގެ ޕަރޭޝަންތައް މަދު ކުރެވިދާނެ ކަމަށެވެ.
ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ ހަފުތާގެ ތެރޭގައި ފަލަސްތީނުގެ 464 މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
އިޒްރޭލުގެ ކެމްޕެއިންގެ ސަބަބުން ގާޒާ  ފުނޑުފުނޑުވެ، އެ ގައުމުގެ ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ ތެރެއިން އެންމެންގެ ގެދޮރު ހުސްކުރަން މަޖުބޫރުވެ، 53،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ