ސަރުކާރުން ޤާނޫނާ ޚިލާފަށް ފައިސާ ޗާޕުކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާޙު ވިދާޅުވީ، ސަރުކާރުން ފައިސާ ޗާޕުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި މިފަދަ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާފަދަ ގޮތަކަށްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެ އޮތީ އެމްޑީޕީގެ ސަރުކާރުގައި އަޑިވަޅަކަށް ވައްޓާލާފައި. އެމްޑީޕީގެ ވެރިކަމެއް ކުރުމަށްފަހު ދެން އަންނަ ބަޔަކު ކޮންމެ ފަހަރަކު މި ޖެހެނީ މި އަޑިވަޅުން ނަގައި އިޤްތިޞާދު ކޮޅަށް ޖަހަން،" ފަލާޙު ވިދާޅުވިއެވެ.
ފަލާޙުގެ މި ބަސްފުޅުތައް އައިސްފައިވަނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކޮށްފައިވާކަމަށް ފާހަގަކުރައްވަމުންނެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ފައިސާ ޗާޕުކުރުމަކީ ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރުވަފާނެ ކަމެއްކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ. އެހެންކަމުން، މިފަދަ ޚަބަރުތައް ފެތުރުމަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިކުރުވައިފާނެ ކަމެއްކަމަށް ބެލެވެއެވެ.
ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށް ބުނާ ވާހަކައަކީ ދޮގެއް: ފަލާޙު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ