މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުން މިދިޔަ ހަފްތާ ބޮޑު ނިންމުމެއް ނިންމި އެވެ. އެ ބޭންކުގެ ބޯޑުގެ މެންބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވި ބޮޑު ނިންމުމަކީ ހުޅުމާލޭގައި ފައިނޭންޝަން ސެންޓަރެއް ގާއިމްކުރަން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުމެވެ.
އިތުބާރުހުރި މަސްދަރަކުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި، އެ ބޭންކުގެ ބޯޑުގައި ނެގި ވޯޓުގައި ވޯޓް އެއްވަރުވެ، ވަކި ކޮޅަކަށް ފާހެއް ނުވި އެވެ. ދެން އެ ހިސާބުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވޯޓު ދެއްވީ 14 ބިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކައި ބިން ގަތުމަށެވެ. އެ ހިސާބުން އެ ނިންމުން ބޯޑުގައި ފާސްވީ އެވެ. މިހާރު ދެން އޮތީ އެ ނިންމުން ތަންފީޒުކުރުމުގެ މަރުހަލާ އެވެ.
އެކަމަކު، އެ ނިންމުމާ މެދު ބޯޑުގައި ތިއްބެވި ބައެއްގެ ބޭފުޅުންގެ ހިޔާލު ތަފާތުވީ ހަގީގީ ކަންބޮޑުވުންތަކެއް ހުރެގެންނެވެ. އެ ނިންމުމުގެ އިގްތިސާދީ ނުރައްކާ ބޮޑުކަމުންނެވެ. ހާއްސަކޮށް ދަރަނި ބޮޑުވެފައިވާ މި ރާއްޖޭގެ މާލީ ހާލަތު މިވަގުތަށް އޮތް ގޮތުންނެވެ. އަދި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން މިވަގުތަށް ކޮންމެހެން މަޖުބޫރުވެފައިވާއިރު އެ ނިންމުމާ އެކު ދެން ވެދާނޭ ގޮތަކާ މެދު ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުން ކަންބޮޑުވި އެވެ.
އެމްއެެމްއޭއިން މިދިޔަ ސަރުކާރުގެ ތެރޭގައި ވެސް މިފަދަ ނިންމުމެއް ނިންމި އެވެ. އެއީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުން 84،000 އަކަފޫޓުގެ ބިމެއް އެ ބޭންކަށް ގަތުމެވެ. އެފަހަރު ވެސް ބިން ގަތީ 200-300 މިލިއަން ރުފިޔާގެ އަދަދެއް އެމްއެމްއޭއިން އެޗްޑީސީއަށް ދައްކައިގެންނެވެ.
އެ ބިމުގައި ވެސް އެމްއެމްއޭއިން މާ ބޮޑު ކަމެއް އަދި ކޮށްފައި ނެތްއިރު، އޭރު ވެސް އިގްތިސާދީ ބޭފުޅުން ވިދާޅުވީ އެއީ ވަލުދޮރާއްޓެއްގެ ބޭނުން ހިފައިގެން އެމްއެމްއޭއިން ފައިސާ ޗާޕް ކުރުން ކަމަށެވެ.
އިގްތިސާދީ ބޭފުޅުން ސިފަކުރައްވާ ގޮތުގައި މިފަހަރު ވެސް އެމްއެމްއޭއިން ކުރަން މިއުޅެނީ އެއް ކަމެކެވެ. ހަމަ އެކަނި ތަފާތަކީ މިފަހަރު އެކަން ކުރާ ސްކޭލް ބޮޑުކޮށްލުމެވެ.
އެކަަމަކު، އެމްއެމްއޭއިން މި ނިންމުމާ މެދު އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވެ އެވެ.
އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ އޭރުވެސް މިހާރު ވެސް އެމްއެމްއޭއިން ބިން ގަތުމުގެ މުއާމަލާތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ދުނިޔޭގެ ސެންޓްރަލް ބޭންކުތަކުން އާންމުކޮށް އިންވެސްޓްކުރަނީ ރަން ފަދަ ފަސޭހައިން ފައިސާއަށް ބަދަލު ކުރެވޭ ބާޒާރަށް އަންނަ ބަދަލުތަކުން އަގު ވެއްޓުމުގެ ފުރުސަތު ކުޑަ އެސެޓްތަކަށެވެ. ބިމަކީ އެހާ ފަސޭހައިން ފައިސާއަށް ބަދަލު ކުރެވޭ އެއްޗެއް ނޫނެވެ.
އިގްތިސާދީ ވަޒީރުކަން ކުރެއްވި އަހުމަދު މުހައްމަދު ވިދާޅުވީ ހުޅުމާލެއިން ބިމެއް ގަންނަން އެމްއެމްއޭއިން ނިންމި ނިންމުމަކީ ނުސީދާ ގޮތަކުން ފައިސާ ޗާޕް ކުރުން ކަމަށެވެ. ހަމައެކަނި އެކަން ކުރާ ގޮތް ތަފާތު ކުރަނީ ކަމަށާއި ނަތީޖާއަކީ އެއް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް ފައިސާ ޗާޕްކުރުމުން މިވަގުތު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނޭ އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ދިވެހި ފައިސާގެ އަގު ދަށަށް ދިޔުމެވެ. ސަބަބަކީ ދައުރުވާ ފައިސާގެ ތެރެއަށް ރުފިޔާތަކެއް އިތުރުވުމެވެ. ހާއްސަކޮށް ރާއްޖޭގެ އިގްތިސާދުގައި އެނބުރޭ ބޭރު ފައިސާ ގިނަވާނެ މަގެއް ފެންނަން ނެތި ރުފިޔާ އިތުރުވުމެވެ.
"މިއީ ނުސީދާ ގޮތުން ފައިނޭންސިން ފަހިކޮށްދިނުމުގެ އަމަލެއް. އަދި ފައިސާ ޗާޕުކުރުމެކޭ އެއްފަދަ ކަމެއް. އެއީ އުފެއްދުންތެރިކަން އިތުރުވުމަކާ ނުލައި އިގްތިސާދަށް އާ ފައިސާ ވަންނާތީ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
"ބޭންކުތަކުން މި ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ޓްރެޒަރީ ބިލްތަކާއި ބޮންޑުތައް ގަތުމުގެ ސަބަބުން މާލީ ނިޒާމުގެ ތެރޭގައި ލިކުއިޑިޓީ އިތުރުވެ، އަގުތައް މައްޗަށް ދިއުމަށް މަގުފަހިވެދާނެ."
އޭނާގެ ވާހަކައަކަށް އެއްބަސްވަމުން ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ، އެމްއެމްއޭއިން ފައިސާ ލިބުމާއެކު އެޗްޑީސީން މާލީ ވުޒާރާއަށް ދައްކަން ހުރި ދަރަނި ދެއްކުމުގެ ނަމުގައި އެ ފައިސާގެ ވަރަށް ބޮޑު ބައެއް ސަރުކާރަށް ދައްކާނެ އެވެ. އެއާ އެކު، ދެން ފިނޭންސް މިނިސްޓްރީން އެ ފައިސާ ބޭނުން ކުރާނީ އެކި ހަރަދުތައް ހަމަޖެއްސުމަށެވެ.
"އޭރުން އެ ފައިސާއަކީ ލޯކަލް އިކޮނޮމީ ތެރެއަށް ވަންނާނެ ފައިސާ އެއީ. އޭރުން ފައިސާ ޗާޕް ކުރުމޭ އެވީ އެއްވަރު. ޑޮލަރު ފަހާ ދުވާ ރުފިޔާ އޭރުން އެ ގިނަވަނީ،" އެ ބޭފުޅާ ވެސް ވިދާޅުވި އެވެ.
އޭނާ ލަފާކުރައްވާ ގޮތުގައި އެ ފިޔަވަޅު އަޅަން ސަރުކާރަށް މަޖުބޫރުވެގެން އުޅެނީ މިއަހަރު ބަޖެޓް ޑެފިސިޓަށް ފައިނޭންސް ހޯދަން ރޭވި ގޮތަށް ފައިސާ ނުހޯދިގެންނެވެ. ހާއްސަކޮށް ރާއްޖޭގެ މާލީ ރޭޓިންތައް ހުރި ގޮތުން ބޭރުގެ ފައިނޭންސިން އާއި ޓީބިލްތައް ވިއްކަން ސަރުކާރަށް އުނދަގޫވުމަކީ މިފަޔަވަޅު އަޅާ ސަބަބެއް ކަމަށް ވެދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި އާމްދަނީއަށް ވުރެ އިތުރަށް ހިނގާ ހަރަދުތައް ފޫބައްދަން 19 ބިލިއަން ރުފިޔާ މިއަހަރު ހޯދަން ޖެހެ އެވެ. އެގޮތުން، ސަރުކާރުން އެ ފައިސާ ހޯދަން ރާވާފައިވާ ގޮތަކީ:
ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓް ލޯން - 7 ބިލިއަން ރުފިޔާ
ރާއްޖޭގެ އެތެރޭގެ ބާޒާރުން - 5 ބިލިއަން ރުފިޔާ
މަޝްރޫއުތައް ހިންގުމަށް ސޮއިކޮށްފައިވާ ލޯންތަކުން - 5.1 ބިލިއަން ރުފިޔާ
ދަރަނި ދައްކަން އެސްޑީއެފުން ފައިސާ ނެގުން - 2 ބިލިއަން ރުފިޔާ
ބަޖެޓުގައި ވެސް ލަފާކޮށްފައިވާ ގޮތުގައި ބަޖެޓް ފައިނޭންސިންއަށް ހޯދަން ޖެހޭ ފައިސާ ގިނަކަމުން އާންމު ހާލަތެއްގައި އެވަރަށް ފައިސާ ހޯދަން އުނދަގޫވާނެ އެވެ. އެ ހާލަތުގައި ސަރުކާރުން ވިސްނާފައި ވަނީ ހަރަދު ކުޑަކުރަން ކަމަށް ވެސް ބަޖެޓުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް މިހާރު ސުވާލަކީ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ހިޔާލު ދޫކޮށްލުން ކަމަށް ވެދާނެ އެވެ. އޭގެ ބަދަލުގައި ހަރަދުތައް ހުރި ވަރެއްގައި ބަހައްޓައިގެން ފައިސާ ޗާޕްކޮށްގެން ހަރަދުތައް ހަމަޖައްސަން ސަރުކާރުން ވިސްނަނީ ކަމަށްވުން ކަމަށް ގާތެވެ. އެމްއެމްއެމްއޭ އިން ބިން ގަންނަން ހަރަދުކުރަން ނިންމާފައިވާ 14 ބިލިއަނެއްހާ ރުފިޔާ އަކީ ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނޭ ކަމަށް ލަފާކޮށްފައިވާ އަދަދުގެ %73 އެވެ. އެހެންކަމުން އެމްއެެމްއޭއިން އެ އަދަދަށް ފައިސާ ނެރެފި ނަމަ ސަރުކާރުން އިތުރަށް ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނީ 5 ބިލިއަނެއްހާ ރުފިޔާ އެވެ. އެއީ މަޝްރޫއުތައް ހިންގަން ސޮއިކޮށްފައިވާ ލޯނުތަކުން ލިބޭ ފައިސާ ނޫން ހުރިހާ ފައިސާއެއް ބަޖެޓަށް ހޯދަނީ ފައިސާ ޗާޕްކޮށްގެން ކަމަށް ބުނެ ހިސާބުތަކުން ބާރު ލިބެ އެވެ.
އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުން 7-8 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޗާޕްކޮށްގެން ނެރެ، އިގްތިސާދުގެ އުފެއްދުންތެރިކަމުގެ ގާބިލުކަމަށް ވުރެ ފައިސާގެ ސަޕްލައި އިތުރުކުރުމުގެ ނަތީޖާއަކީ ޑޮލަރު ރޭޓް 18-19ރ. އާ ދޭތެރޭގެ އަދަދަކަށް އެރުމެވެ.
އިގްތިސާދީ ދާއިރާގެ ބައެއް ބޭފުޅުންގެ ލަފާކޮށްފައި ވަނީ އިތުރު ފައިސާ ޗާޕްކޮށްފި ނަމަ މިހާރު ހުރި ޑޮލަރުގެ ރޭޓް 20ރ. ހުރަސް ކުރާނޭ ކަމަށެވެ. ނަތީޖާއަކީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އަނެއްކާވެސް ބޮޑުވުމެވެ. ބޮޑުކުރަން ވިޔަފާރިވެރިންނަށް މަޖުބޫރުވާ ފަދަ އިގްތިސާދީ ހާލަތްތަކެއް ކުރިމަތިވުމެވެ.
މިހާރު ވެސް ރާއްޖޭގެ އިންފްލޭޝަން ވަނީ މިއީ މިިދިޔަ 9 އަހަރު ތެރޭ މައްޗަށް ނުދާހާ ވަރަށް މައްޗަށް ޖެހިފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު މުޅި ރާއްޖޭގެ އިންފްލޭޝަން ވަނީ %4.80އަށް އަރާފަ އެވެ. އަދި އަތޮޅު ތެރޭގެ އިންފްލޭޝަނަށް އެކަނި ބަލާ ނަމަ އެ އަދަދު ހުރީ %5.57 އެވެ.
މިއަހަރު ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައިވާ އަދަދަށް ވުރެ މާ މައްޗަށް އިންފްލޭޝަން މިހާރު ވެސް މި ވަނީ އަރައިފަ އެވެ. ސަރުކާރުން ލަފާކުރީ މިއަހަރު އިންފްލޭޝަން %3.9ގައި ހިފެހެއްޓޭނޭ ކަމަށެވެ. އެކަމަކު ފައިސާ ޗާޕް ކުރާ ނަމަ އެއީ ހާސިލް ކުރެވޭނޭ ކަމެއް ނޫން ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
"ފައިސާގެ ސަޕްލައި އިތުރުވެ، އިންފްލޭޝަންގެ ޕްރެޝާ އިތުރުވުމާ ގުޅިގެން، ރުފިޔާއަށް އޮންނަ އިތުބާރު ކުޑަވެ ނުވަތަ އިންފްލޭޝަނުން ރައްކާތެރިވުމަށް، ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ރުފިޔާ ބޭރު ފައިސާއަށް ބަދަލުކުރުމަށް މަސައްކަތް ކުރާ މިންވަރު އިތުރުވާނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ބޭރު ފައިސާއަށް ޑޮލަރު ފަހާ މީހުން ދުވާވަރު އިތުރުވުމާ އެކު ރުފިޔާގެ އަގު ދަށްވެ، އިމްޕޯޓުކުރުމަށް ހިނގާ ހަރަދު ބޮޑުވުމުން ކަރަންޓް އެކައުންޓް ޑެފިސިޓް ނުވަތަ ދަރަނި އިތުރުވާނެ ކަމަށެވެ.
"ރުފިޔާގެ އަގު ދަށްވުމުގެ ސަބަބުން ބެލެންސް އޮފް ޕޭމަންޓްސްއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރިމަތިނުވެ ނުދާނެ. ހާއްސަކޮށް ބޭރުގެ ދަރަނި އަދާކުރުމުގެ ހަރަދުތައް އިތުރުވާނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
"އިންފްލޭޝަން މަތިވުމާއި އެކްސްޗޭންޖް ރޭޓަށް ކުރިމަތިވާ ޕްރެޝަރާއި ކަރަންޓް ކައުންޓް ޑެފިސިޓް އިތުރުވުމުގެ ސަބަބުން އިގްތިސާދުގެ ހަމަޖެހުން ގެއްލި، އިގްތިސާދު ހީނަރުވެގެން ހިނގައިދާނެ ފަދަ ކަމެއް މިއީ."
ފައިސާ ޗާޕްނުކޮށް ސަރުކާރަށް މިވަގުތަށް ކުރެވެން އޮތް ކަމަކީ ހަރަދުތައް ކުޑަކުރުމެވެ. ހާއްސަކޮށް ކުންފުނިތަކަށް ކުރާ ހަރަދުތަކާއި މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސާއި ސަރުކާރުގެ މުވައްޒަފުންގެ އަދަދުތައް މަދުކުރުމެވެ. އެކަމަކު ސުވާލަކީ ސަރުކާރަށް އެކަން ކުރުމުގެ ސިޔާސީ ގާބިލްކަން އެބަހުރި ހެއްޔެވެ؟ އެހެން ހިތްވަރު ނެތް ނަމަ ފައިސާ ޗާޕްކުރުން ނޫން ގޮތެއް އޮތް ކަމަކަށް ނުފެނެ އެވެ. އެކަމަކު އެކަން ކޮށްފި ނަމަ ނަތީޖާއަކީ އިގްތިސާދީ ވޭންތަކެއް އުފުލަން ޖެހުމެވެ. އާންމު މީހާއަށް އެއީ އަގުތައް މަތިވުމެވެ. ވިޔަފާރިވެރިންނަށް އެ މީހުންގެ ވިޔަފާރިތަކުގެ ވިކުރާ ދަށްވުމެވެ.
އެމްއެމްއޭން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުން؛ އިގްތިސާދަށް ލޮޅުން އަރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ