ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫންކަމަށާއި، އެއީ، އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްޤުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ފަދައިން ވިދާޅުވީ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025، ހުޅުުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ފޯރަމްގެ މަޢުޟޫޢު "ސްޓްރެންތެނިންގ އިންޓެގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" އަކީ މިއަދުގެ ޙާލަތާއި ގުޅޭ މަޢުޟޫޢެއް ކަމަށް ވިދާޅުވިއެވެ. އަދި، އިންވެސްޓަރ ކޮންފިޑެންސާއި ރައްޔިތުންގެ އިތުބާރު ހޯދުމުގައި ނަޒާހަތްތެރިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާ ހިންގުމުގެ މުހިންމުކަމުގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމަކީ ސެކްޓަރުގެ ދެމެހެއްޓެނިވިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމުގެ ރިވެތި ނަން ދެމެހެއްޓުމާއި، ދިގުމުއްދަތުގެ ކުރިއެރުން ކަށަވަރުކުރުމަށް އެންމެ މުހިންމުކަން ކަމަށާއި، އަދި އެއީ ރާއްޖޭގެ ޕްރެމިއަރ ޑެސްޓިނޭޝަން ލަޤަބު ދެމެހެއްޓުމަށް އޮތް މަގުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އީޖާދީ ވިސްނުމާއި ކެޕޭސިޓީ ތަރައްޤީކުރުމުގައި ސަރުކާރުތަކާއި، ޕްރައިވެޓް ސެކްޓަރ، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަޤްވާމީ އިދާރާތަކުގެ ދައުރަށްވެސް ބައްލަވާލައްވާފައިވެއެވެ. އެގޮތުން، ހަރުދަނާ ސިޔާސަތުތަކާއި، މޮނިޓަރކޮށް ތަންފީޒުކުރުމާއި، ޤަވާއިދުން އިވޭލުއޭޓްކުރުމާއި، އޭގެ ސަބަބުން އަންނަ ބަދަލުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އަދި، ވިސްލް ބްލޯވަރޒް ބާރުވެރިކޮށްދީ، އެފަދަ ފަރާތްތަކަށް ޤާނޫނީ ހިމާޔަތްދީ، ނަޒާހަތްތެރިކަމަކީ އިސްތިސްނާއެއް ނޫން މިންގަނޑަކަށް ހަދައިދޭ ނިޒާމުތައް ބިނާކުރަން އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި، އެންޓި-ކޮރަޕްޝަން އިދާރާތަކަކީ މިނިވަންވެ، އަމިއްލަ އިސްނެގުމާއި، ސިޔާސީ ތަޢައްސަބުން މިނިވަންވެފައިވާ އިދާރާތަކަށް ވާންޖެހޭކަމަށްވެެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީގެ ރައީސް، ހިޒް އެކްސެލެންސީ މާޒިން ބިން އިބްރާހީމް އަލް-ޚަމޫސް ވަނީ ދެޤައުމުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
ދެދުވަހުގެމުއްދަތަށް ކުރިއަށްދާ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ އަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެންބަރު ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާތަކަށް އަމާޒުކޮށްގެން ހިންގާ ފޯރަމެކެވެ. މިފޯރަމްގައި 180އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.
ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްޤުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް: ނައިބު ރައިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ