ތެލެސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ކުރަން ރާއްޖޭން ސައިޕްރަސްއާއެކު ސޮއިކޮށްފި

ތެލެސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ރާއްޖޭން ސައިޕްރަސް ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 78ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ. ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީތެރިކަން ލިބޭނީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކަމަށެވެ. އެގޮތުން، ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެއެވެ. ތެލެސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ކުރަން ރާއްޖެއިން ސައިޕްރަސް އާއެކު ސޮއިކޮށްފި -- ފޮޓޯ/ ހެލްތް މިނިސްޓްރީ މީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވި ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތްދިނުން ވެސް މީގެތެރޭގައި ހިމެނޭއިރު ސިއްހީ ޚިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްއިން އެހީތެރިކަން ލިބޭނެކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި، ސައިޕްރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ހެލްތު މިނިސްޓަރު މައިކަލް ދަމްޔަނޮސްއެވެ. މިނިސްޓްރީން ބުނީ ސޮއިކުރެވުނު އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު އަދި ފާހަގަކޮށްލެވޭ ފިޔަވަޅެއްކަމުގައި މިނިސްޓަރު ނާޒިމް ފާހަގަކޮށްފައި ވާކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 18 އިންސައްތަ މީހުންނަށް ތެލެސީމިއާ ފަރުވާދެމުންދާކަމާއި ތެލަސީމިއާއަކީ އާންމު ޞިއްޙަތާ ގުޅޭ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ސައިޕްރަސް ފަދަ ތެލެސީމިއާ ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ގައުމެއްގެ ފަރާތުން އިބުރަތް ހާސިލުކޮށް އެފަރާތުގެ ފަންނީ އެހީތެރިކަން ލިބިގެން ދިއުމަކީ ޞިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި މިނިސްޓަރު ފާހަގަކޮށްފައި ވެފައެވެ. މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ތެލެސީމިއާ ޕްރިވެންޝަން އެންޑް މެނޭޖްމަންޓާއި ލޭ އެޅުމުގެ ޚިދުމަތާއި، ކްލިނިކަލް އަދި ފަންނީ ތަޖުރިބާ ހިއްސާކުރުން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަކީ އަމާޒެއްކަމުގައި މިނިސްޓްރީން ވަނީ ފަހަގަކޮށްފައެވެ. ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގައި ހިމެނޭ މުހިންމު ވައުދެކެވެ. ސައިޕްރަސް އަކީ ތެލަސީމިއާ ކުދިން ނިސްބަތުން ގިނަ ޤައުމަކަށްވެފައި އެ ޤައުމުން އެކުދިންނަށް ދެމުންގެންދާ ފަރުވާއާގުޅޭ ތަޖުރިބާ ހިއްސާކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށް ސޮއިކުރެވުނު އެއްބަސްވުން ތަންފީޒުކުރުމަކީ މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ