މުލަކަތޮޅު އޭޓީއެމްތައް ހުޅުވައިދެއްވުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މުލަކަތޮޅަށް ވަޑައިގެންފިއެވެ. މިއަދު މެންދުރުފަހު ފެއްޓެވި މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ހުޅުވައި ދެއްވީ މ. މަޑުއްވަރީ އޭޓީއެމެވެ. އެ ކަމަށް ޓަކައި މިއަދު ހަވީރު މަޑުއްވަރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޭޓީއެމް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ.
މިއަދު ހަވީރު މަޑުއްވަރީގައި ބޭއްވި މި ރަސްމިއްޔާތުގައި މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރާއި، މ. އަތޮޅު ކައުންސިލްގެ ރައީސާއި، މަޑުއްވަރީ ކައުންސިލްގެ ނާއިބް ރައީސާއި، ބެންކް އޮފް މޯލްޑިވްސްގެ ޗެއާރޕާސަނާއި، ސީއީއޯ އަދި އެމްޑީ ބައިވެރިވެވަޑައިގެންނެވިއެވެ.
އޭޓީއެމް ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އަތުގައި އޮތް ކާޑު ހިއްޕަވައިގެން ދުރުވެ ރަށުގެ އޭޓީއެމުން ފައިސާ ނެގޭނެ ގޮތް ވުމަކީ މަޑުއްވަރީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށް ވިދާޅުވިއެވެ. އަދި މި ލުއި ފަސޭހަ ލިބިގެން ދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތް ހޯއްދަވައި ދެއްވުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި، މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހިންގާ މަޝްރޫޢުގެ ތެރޭން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހައި ހަލުއި ސްޕީޑެއްގައި މިކަން ހަމަޖެހިގެން މި ދިޔައީ އިކޮނޮމިކް މިނިސްޓްރީއާ، ބެންކް އޮފް މޯލްޑިވްސްއިން އެ ކަމަށް ދެއްވި ޚާއްޞަ ސަމާލުކަމުގެ ސަބަބުން ކަމަށް ވިދާޅުވެ އެ ހުރިހައި ފަރާތްތަކަށް މިނިސްޓަރ ޝުކުރުދެންނެވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި، ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް އަންނަނީ ދެމުންނެވެ.
ހަބަރު: ސަރުކާރު
މުލަކަތޮޅު އޭޓީއެމްތައް ހުޅުވައިދެއްވުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މުލަކަތޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ