ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތުގެ 3.6 ކިލޯ ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތުގެ 3.6 ކިލޯ ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ އަދަދެއްގެ މެތަމްފެޓަމިން (މެތު) އަތުލައިގެންފި އެވެ. އެއީ ވަރަށް ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެކެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގެން ތަކެތީގެ ޖުމްލަ ބަރުދަނަކީ 3.6 ކިލޯ ކަމަށެވެ.
ފުރަތަމަ ތަހުލީލުތަކުން މި ތަކެތި މެތަށް ޕޮސިޓިވް ވެފައިވާ ކަމަށާއި މިއީ މަގުމަތީ އަގުން ބަލާނަމަ 7.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
މި ތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މި މައްސަލައިގައި މިހާތަނަށް ފުލުހުން ބަހެއް ނުބުނެ އެވެ.
މި ފަހަކަށް އައިސް މެތު ބޭނުންކޮށް އިންޖެކްޓް ކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ދަނީ ބުނަމުންނެވެ. އަދި، މެތު ބޭނުން ކުރުމުން ފަރުވާ ދިނުމަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތަކުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ