ބަންގްލަދޭޝްގެ މަސްރަހު އަނެއްކާވެސް ގޯސްވަނީ

ބަންގްލަދޭޝްގެ މަސްރަހު އަނެއްކާވެސް ގޯސްވެ، ސަރުކާރު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ޔޫނުސް އިސްތިއުފާ ދެއްވާ އުޅުއްވައިފިއެވެ.
މައްސަލަ ގޯސްވީ، މިއަހަރުގެ ނިޔަލަށް އިންތިޚާބު ބާއްވަން ޖެހޭނެކަމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ވަކަރުއްޒަމާން ވިދާޅުވުމާއި ގުޅިގެންނެވެ. އިންތިޚާބު ބާއްވައިފިނަމަ ވަގުތީ ގޮތުން ބޮޑުވަޒީރުގެ ޒިންމާއާއި ހަވާލުވެ ހުންނެވި މުހައްމަދު ޔޫނުސްގެ ވެރިކަން ނިމުމަކަށް އައިސް، އައު ބޮޑިވަޒީރެއް އަންނާނެއެވެ.
އަސްކަރިއްޔާގެ ވެރިޔާގެ ވާހަކަތަކާއެކު އިސްތިއުފާ ދެއްވާނެކަމުގެ އިންޒާރު އިއްޔެ ޔޫނުސް ދެއްވިއެވެ. އެއާއެކު މިދިޔަ އަހަރު މުޒާހަރާކުރަން ނިކުތް ޒުވާނުންގެ ލީޑަރުން ވަނީ ޔޫނުސްއާއި ބައްދަލުކޮށް، އިސްތިއުފާ ނުދެއްވުމަށް އެދިފައެވެ. ޒަމާންތަކެއް ވަންދެން ބަންގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދެވި ޝެއިޚް ހަސީނާގެ ވެރިކަން މިދިޔަ އަހަރު ވައްޓާލީ މި ޒުވާނުންތައް ނިކުމެ ވެރިރަށް ޑާކާއާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި މުޒާހަރާކޮށްގެންނެވެ. އަދި ޔޫނުސް ވަގުތީ ގޮތުން ވެރިކަމާއި ހަވާލުވީ އެމީހުންގެ ރުހުމާއެކުގައެވެ.
ބައެއް މުހައްލިލުން ދެކޭ ގޮތުގައި ސިޔާސީ ފިއްތުންތަކާއެކު ގައުމުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލެން ނެތްކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވާނެކަމަށް ޔޫނުސް އިންޒާރު ދެއްވީ އޭނާއަށް އޮންނަ ސަޕޯޓް އިތުރުކޮށް، އަސްކަރިއްޔާގެ ވެރިޔާގެ ބާރު ކަނޑުވާލުމަށެވެ. ސަބަބަކީ ޔޫނުސް އިސްތިއުފާ ދެއްވައިފިނަމަ އަނެއްކާވެސް ޑާކާގެ މަގުތައް ހަލަބޮލިވެ، ޒުވާނުން މުޒާހަރާތަކަށް ނިކުމެދާނެކަމުގެ ބިރު އޮތުމެވެ.
ޝެއިޚް ހަސީނާގެ ސަރުކާރު ވައްޓާލުމަށްފަހު އިންތިޚާބެއް ނުބާއްވައި ގިނަ ދުވަސްތަކެއް ވަމުންދާ މައްސަލައިގައި ބައިނަލްއަޤްވާނީ މުޖްތަމައުންވެސް މިހާރު ޔޫނުސްގެ ސަރުކާރަށް އަންނަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
އަނެއްކޮޅުން ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީ ބީ.އެން.ޕީ އިން މިހާރު ވަނީ މަގުތަކަށް ނިކުންނަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ