އޭޕްރީލް 18، ގައި މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ދެވަނަ ފަހަރަށް ފުލުހުން ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލު، 22، ގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.
މަހެއްހާ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ފުލުހުން ރައުދު ދޫކޮށްލީ އިއްޔެ ހެނދުނު 11:00 ހާއިރު އެވެ. ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާ ބަންދު ކުރަން ދަށު ކޯޓުން ނެރުނު އަމުރު އިސްތިއުފާނު ކުރުމުން އިއްޔެއަށް އޮތީ ހައި ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
އަލުން ކޯޓު އަމުރެއް ހޯދައިގެން ރައުދު ހައްޔަރުކުރީ އިއްޔެ ހަވީރު އެވެ.
ފުރަތަމަ ފަހަރަށް ރައުދު ހައްޔަރު ކުރީ ޔުމްނު ވެއްޓުނުތާ ހަ ދުވަސް ފަހުން އޭޕްރީލް 24، ގަ އެވެ. ރައުދު ހައްޔަރު ކުރުމުގެ އަމުރެއް ޔުމްނު ވެއްޓުނު ދުވަހު ވެސް ކޯޓުން ނެރުނެވެ. ނަމަވެސް އެ އަމުރު ފުލުހުން ތަންފީޒެއް ނުކޮށް، ރައުދުއާ ސުވާލު ކުރުމަށް ފަހު ދޫކޮށްލި އެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.
ރައުދު ފުރަތަމަ ހައްޔަރު ކުރީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ. އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ފުލުހުން ހެދި ގޯސްތަކުގެ ތެރޭގައި، ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީ ގޭގެ ބައެއް ފަންގިފިލާތަކުގައި ކެމެރާ ހުރި އިރު ވެސް ކެމެރާ ނެތް ކަމަށް ބުނެ ދޮގު ހެދުން ހިމެނެ އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ތަންތަން ބަލައި ފާސް ކުރަން ފުލުހުން ވަނީ ފަސްޖެހިފަ އެވެ. އޭގެ ތެރޭގައި ޔުމްނު އާއި އޭނާއާއެކު އުޅުނު ބަޔަކު ދިޔަ މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅޭ ގެ އާއި އެ މައްސަލައިގައި ހިމެނޭ އިތުރު މީހެއްގެ ގެ ހިމެނެ އެވެ.
އެތަންތަން ބަލައި ފާސް ކުރުމަށް ފުލުހުން ދިޔައީ ހަ ދުވަސް ފަހުންނެވެ. ބަލައި ފާސް ކުރުމަށްފަހު ފުލުހުން ބުނީ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް އެ ދެ ގެއިން ފެނިފައިނުވާ ކަމަށެވެ. އަދި މިނިސްޓަރު އަމީން ދިރިއުޅޭ ގޭގެ ވީޑިއޯ ފުޓޭޖް ހަލާކުވެފައިވާތީ، ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ