ނޭޕްލްސް، އިޓަލީ (މެއި 24) - ފަހު މެޗުގައި ކަލިއަރީ އަތުން 2-0 އިން މޮޅުވެ، ނަޕޯލީން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން، ހަތަރު ވަނަ ފަހަރަށް ހޯދައިފި އެވެ.
ނަޕޯލީން ލީގު ޗެމްޕިއަންކަން ހޯދީ، 1986/1987, 1989/1990، 2022/2023 އަދި މި ސީޒަނުގަ އެވެ.
މިދިޔަ ސީޒަނުގައި ލީގުގެ 10 ވަނައިގައި ނިންމި، ނަޕޯލީން މި ފަހަރު ލީގު ތަށި އުފުލާލައިފައި މި ވަނީ، ފަހު މެޗުގައި ޕްރެޝަރު ހާލަތެއްގައި މޮޅުވެގެންނެވެ. މިރޭ ނަޕޯލީން މޮޅުވެގެން، ލީގު ޔަގީންކުރެވެން އޮތްއިރު، އެ ޓީމަށް މޮޅުނުވެވުނު ނަމަ، ލީގު ޗެމްޕިއަންކަން ލިބޭނީ، ކޯމޯ ދަނޑުގައި 2-0 އިން މޮޅުވި އިންޓަ މިލާނަށެވެ.
އިޓާލިއަން ލީގު ތާވަލުގެ އެއް ވަނައިގައި އޮވެ، ނަޕޯލީން ޗެމްޕިއަންކަން ހޯދީ 82 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ އިންޓަ އަށް ލިބުނީ 81 ޕޮއިންޓެވެ.
ނޭޕްލްސްގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ނަޕޯލީން އެއްކޮށް ކަހަލަ ގޮތަކަށް ކުރިއަށް ޖެހިގެން ކުޅުނުއިރު، އެ ޓީމަށް ލީޑުނަގައިދިން ލަނޑު ޖެހީ، 42 ވަނަ މިނިޓްގައި ސްކޮޓް މެކްޓޮމިނޭ އެވެ. މަޓެއޯ ޕޮލިޓާނޯ ނެގި ހުރަހަކުން މެކްޓޮމިނޭ މި ގޯލު ޖެހީ އެކްރަބެޓިކް ކިކަކުންނެވެ. މިއީ، މި ފަހަރު ލީގުގައި މެކްޓޮމިނޭ ޖެހި 12 ވަނަ ގޯލެވެ.
ނަޕޯލީގެ މެކްޓޮމިނޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ފަސް މިނިޓް ތެރޭ ނަޕޯލީން ދެ ވަނަ ގޯލު ޖެހި އެވެ. މެޗުގެ 50 ވަނަ މިިނިޓްގައި، ލުކާކޫ އަށް ލިބުނު ބޯޅަ ހިފައިގެން، ކަލިއަރީ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ، އޭނާ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބަދަލަކަށް ކުޅެން އެރި ނަޕޯލީގެ ޑޭވިޑް ނެރެސް އަށް ގޯލެއް ޖަަހަން ލިބުނު ދެ ފުރުސަތުގައި ވެސް ބޭނުމެއް ނުކުރެވުނެވެ.
މިއީ، 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު، އެއް ސީޒަނެއްގައި، ނަޕޯލީ އަށް ލީގުގައި ކަލިއަރީ އަތުން ދެ މެޗުން މޮޅު ހޯދުނު ފުރަތަމަ ފަހަރެެވެ. މި މެޗުން، ކަލިއަރީ އަތުން ނަޕޯލީ އަށް މޮޅެއް ލިބުނީ، އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބެންޗުގައި ނެތި އެވެ. ނަޕޯލީން ލީގުގައި ޕާމާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި، ކޮންޓޭ އާއި ޕާމާގެ ކޯޗު، ކްރިސްޓިއަން ކީވޫ އަށް ރަތް ކާޑު ދެއްކުމުން އެއް މެޗަށް ސަސްޕެންޑްވީ އެވެ.
ސެސްކް ފަބްރެގަސްގެ ކޯޗުކަމުގައި ކުޅޭ ކޯމޯ ދަނޑުގައި އިންޓަ އިން ލީޑުނެގީ 20 ވަނަ މިިނިޓްގަ އެވެ. މި ލަނޑު ޖެހީ، އިންޓަގެ ހަކަން ޗަނޮނޯލޫ ނެގި ކޯނަރަކުން، ސްޓެފަން ޑި ވްރައި ބޮލުންނެވެ.
މި މެޗުގައި، ކޯމޯ އަށް މައްސަލަ ދިމާވީ، އިންޓަގެ މަހުދީ ތަރޭމީ އަށް ކޯމޯގެ ކީޕަރު، ޕެޕޭ ރެއިނާ ކުރި ފައުލަކަށް އޭނާ އަށް ދެއްކި ރަތް ކާޑަކާ ހެދި، އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައިގައި ކުޅެން ޖެހުމެވެ. ލެެޖެންޑަރީ ކީޕަރު، ރެއިނާގެ ޕްރޮފެޝަނަލް ކެރިއަރު ނިމުނު މެޗުގައި އޭނާ އަށް މި ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ކޯމޯގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މެޗުގެ 51 ވަަނަ މިނިޓްގައި، އިންޓަ އިން ދެ ވަނަ ލަނޑު ޖެހި އެވެ. މި ގޯލު ޖެހީ، ތަރޭމީ ދިން ބޯޅައަކުން ޔަކީން ކޮރޭއާ އެވެ.
ޕްރެޝަރަށް ޖަވާބުދީ ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކޮށްފި ޕްރެޝަރަށް ޖަވާބުދީ ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ