މުރައިދޫ ސެމީފައިނަލް ޔަގީންކުރިއިރު، ބާކީ އެއްމެޗު އޮއްވައި އުތީމު މުބާރާތުން ކަޓައިފި

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން އުތީމު ބަލިކޮށް މުރައިދޫ އިން ސެމީފައިނަލް ޔަގީން ކުރިއިރު ބާކީ އެއްމެޗު އޮއްވައި އުތީމު މުބާރާތުން ކަޓައިފި އެވެ.
މުބާރާތުގައި އުތީމު ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ފިނޭ އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ދިއްދޫގެ އަތުން އެޓީމު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި މުރައިދޫގެ ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖައަކުން ދިއްދޫ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން ބަލިކޮށްފިއެވެ.
މުރައިދޫ އާއި އުތީމް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހުސެއިން ފަލާހް
މެޗުގެ ފުރަތަމަ ދެ ސެޓް ވާދަވެރި ކުޅުމަކަށްފަހު 26-24 އަރު 18-25 ގެ ނަތީޖާއަކުން މުރައިދޫ އިން ކާމިޔާބުކުރިއިރު، ޖެހިގެންއައި ދެ ސެޓް 23-25 އަދި 21-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އުތީމުންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 ޕޮއިންޓްގެ ފަސްވަނަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 11-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުރައިދޫ އިން ވަނީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުރައިދޫގެ އަސްރާރު އަބްދުﷲ އެވެ.
ޝަރަފްވެރި މެހެމާން އުތީމް ކައުންސިލް ރައީސް އަބްދުﷲ ރަޝީދު  މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުރައިދޫގެ އަސްރާރު އަބްދުﷲ ޓްރޮފީ ހަވާލުކޮށްދެނީ.. ފޮޓޯ: ހުސެއިން ފަލާހް
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މުރައިދޫއަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ޕޮއިންޓްގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އުތީމަށް ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ހަތަރުވަނައިގައެވެ.
މި މުބާރާތުގައި މުރައިދޫގެ އިތުރުން ތިލަދުންމަތީގެ އިތުރު ނުވަ ރަށަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މުރައިދޫ އާއި އުތީމް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހުސެއިން ފަލާހް
މި މުބާރާތުގެ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ސްވާން ފެމިލީ ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ވެލްކޯ, ހަނދުވަރު މޯލްޑިވްސް، ސީގަލް ގުރޫޕް، އޭއެސްއޭ މާޓް، ގްރީން ކާޕެޓް އަދި އެސްޖޭ މޯލް ވާނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި މުރައިދޫ ކައުންސިލް އިދާރާ ހިމެނޭއިރު، ކިޓްސް ޕާޓްނަރަކީ ޖާޒިޔާ އެވެ. އަދި ބެވަރޭޖް ޕާޓްނަރަކަށް ރެޓޯ ސޮލިއުޝަން ހަމަޖައްސާފައިވާއިރު، ކޭޓަރިންގ ޕާޓްނަރަކީ ކޮފީ ހަޓެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓް ލެބް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މިޑީޔާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ