ބުރިޖު ހުޅުވި އޮގަސްޓް 30އަކީ، ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފި
މާލެއާ ހުޅުމާލެ އަދި ހުޅުލެ ގުޅައިލާ "ސިނަމާލެ" ބުރިޖު ހުޅުވި އޮގަސްޓް 30އަކީ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައެވެ. ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އެ ދުވަސް ރައީސް ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ ކަމަށެވެ. އަދި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސް ކަމަށް ރައީސް އޮފީހުން ނެރުއްވި ބަޔާނުގައިވެއެވެ. ރައީސް އޮފީހުން ވަނީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން ކަމުގައި ބުނެފައެވެ. ސިނަމާލެ ބުރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ. ބުރިޖުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ބުރިޖު ހުޅުވީ 2018ވަނަ އަހަރުގެ އޯގަސްޓް 30 ވަނަ ދުވަހުއެވެ. އެ ބުރިޖުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދިޔަ އިރު، އޭރުގެ ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސް މުއިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ