މުސްލިމް އަޚުންނޭވެ! އެހެން މީހުންނަށް އެހީތެރިވުމުގައި، ކައުއިތުރު މާތް ނަބިއްޔާ z ގެ އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުން އަހަރެމެންނަށް ގިނަގުނަ ޢިބުރަތް ލިބެއެވެ. أَبُوْ هُريْرَة رَضِيَ الله عَنْه ރިވާކުރައްވައިފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. "رسول الله ﷺ ގެ އަރިހަށް އެއްދުވަހަކު މީހަކު އައިސް ދެންނެވިއެވެ. އަޅުގަނޑު މި ވަނީ ބަނޑުހައިހޫނުކަމާއި ފަޤީރުކަމާ ކުރިމަތިލާން ޖެހިފައެވެ.
އެހިނދު رسول الله ﷺ އެކަލޭގެފާނުގެ އަނބިކަނބަލުންގެ ގޭގެއަށް އެއްވެސް ކާއެއްޗެއް ހުރިތޯ ބައްލަވަން ފޮނުއްވިއެވެ. އެއިން އެއްވެސް ގެއެއްގައި ކާއެއްޗެއް ނެތުމުން رسول الله ޙަދީޘް ކުރެއްވިއެވެ. މިރޭ މި މީހާ ގޭގައި ބަހައްޓައިގެން މެހުމާންދާރީ އަދާކުރާނީ ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟ އެ މީހަކަށް މާތް الله ރަޙްމަތްލައްވާ ހުއްޓެވެ. އެހިނދު أَبُوْ طَلْحَة رَضِيَ الله عَنْه ދެންނެވިއެވެ. އެ މީހަކީ އަޅުގަނޑެވެ. ދެން أَبُوْ طَلْحَة رَضِيَ الله عَنْه އެމީހާ ގޮވައިގެން ގެއަށް ވަޑައިގެން އަނބިކަނބަލުންނަށް ވިދާޅުވިއެވެ. މިއީ ރަސޫލު الله ﷺ ގެ މެހުމާނެކެވެ. ގޭގައި އެއްވެސް ކާއެއްޗެއް ހުރި ނަމަ، އެ ހުރި އެއްޗެއް ގެންނާށެވެ! އެ ވަގުތު އަނބިކަނބަލުން ދެންނެވިއެވެ. ގޭގައި ހުރީ ހަމައެކަނި ކުޑަކުދިންނަށް ހުރި ކާއެތިކޮޅެކެވެ. އަހަރެމެން ދެމީހުން ކާނެ އެއްޗެއް ވެސް ނެތެވެ. أَبُوْ طَلْحَة رَضِيَ الله عَنْه ވިދާޅުވިއެވެ. އެ ކުދީން ބަނޑުހައިވެގެން ރޯންފަށައިފި ނަމަ، ކޮންމެވެސް ގޮތަކުން އެ ކުދީން ހަމަޖައްސައި މަސަލަސްކޮށް ނިންދަވާށެވެ! އަދި ތިޔަ ހުރި އެއްޗެއް ގެނެސް ކާން ތައްޔާރުކުރުމަށް ފަހު، ބައްތި ރަނގަޅުކުރަނީކަމަށް ހަދައި އެ ބައްތި ނިއްވައިލާށެވެ! އެއީ، رسول الله ﷺ ގެ މެހުމާނާއެކު އަހަރެން ނުކާކަން އޭނާއަށް އެނގުނަ ނުދިނުމަށެވެ. އަހަރެމެން ދެމަފިރިންނާއި ކުދީންކޮޅު މިރޭ މި ގޮތުގައި ބަނޑުހައިކަމާ އެކު ވޭތިކޮށްލާނީއެވެ. أَبُوْ طَلْحَة رَضِيَ الله عَنْه ގެ ދެކަނބަލުން رسول الله ﷺ ގެ މެހުމާނަށް ކާންދެއްވީ އެ ދެކަނބަލުންނާއި ތުއްޕުޅު ބޭފުޅުން ކާއެތިކޮޅަކަށް ނުހަނު ބޭނުންފުޅުވެފައި ވަނިކޮށެވެ. މި ޙާދިޘާއާ ގުޅިގެން މި އާޔަތް ބާވައިލެއްވިއެވެ.
މާނައީ: "އަދި އެބައިމީހުންގެ ކުރީގައި މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންޞާރުން، އެބައިމީހުންގެ ގާތަށް ހިޖުރަކުރި މުހާޖިރުންދެކެ ލޯބިވެއެވެ. އަދި އެމީހުންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތިކަމެއް) އެމީހުން (އެބަހީ: އަންޞާރުން)ގެ ހިތްތަކުގައި ނުވެއެވެ. އަދި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެބައިމީހުންނަށް އިސްކަންދެއެވެ. އަތްމަތި ދަތި ޙާލުގައި ވީނަމަވެސް މެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން ސަލާމަތްވެއްޖެ މީހާ ދަންނާށެވެ! ފަހެ، އެމީހުންނީ ކާމިޔާބު ލިބިގެންވި މީހުންނެވެ."[4] މިއީ، އަޚުވަންތަކަމާއި އެއްބަނޑުއެއްބަފާކަން އަހަރެމެން މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ގޮތެވެ. ތިމާގެ އަމިއްލަ މަޞްލަޙަތާއެކުމެ، އެހެންމީހުންނަށް އަޅައިލުމެވެ. ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެކެވެ. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފެއްގައި، މި ގުނަވަންވެސް ޙިއްޞާވާން ޖެހެއެވެ. މިއީ، މުސްލިމުންގެ މިސާލެވެ. މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެއްބަނޑު އެއްބަފާކަމެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް އަނެކާއަށް އަޅައިލައި އެހީތެރިވުމަކީ، އޭނާގެ މައްޗަށްވާ ދީނީ ވާޖިބެކެވެ. އެފަދަ މީހަކަށް الله سبحانه وتعالى ގެ ރުއްސެވުމާއި މަދަދު ލިބިގެންވެއެވެ.
މާތް الله ގެ އަޅުތަކުންނޭވެ! މާތް الله އަހަރެމެން އިންސާނުން އުފައްދަވައިފައި ވަނީ އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވާ، އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތްކޮށް އިޖުތިމާޢީ ދިރިއުޅުމެއް އުޅޭ ގޮތަށެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "މުއުމިނުން ވާކަން ކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! އަދި ތިޔަބައިމީހުން اللهއަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ."
މުސްލިމް އަޚުންނޭވެ! އިސްލާމީ މުޖުތަމަޢުގެ އަފުރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބައެއްކަމުގައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި ހެޔޮކޮށް ހިތުމުގައެވެ. އެކަކު އަނެކަކަށް އަޅައިލައި އޯގާތެރިވުމުގައެވެ. މި ކަމަކީ، އިންސާނިއްޔަތުކަމުގެ އިތުރުން، މުސްލިމުންގެ އީމާންކަމާ ވެސް ގުޅިފައިވާކަމެކެވެ. رسول الله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يُؤْمِنُ أَحَدُكُمْ حَتَّى يُـحِبَّ لِأَخِيْهِ مَا يُـحِبُّ لِنَفْسِهِ)[5] މާނައީ: "ތިމާގެ އަމިއްލަ ނަފުސަށް ލޯބިކުރާ ކަމެއް ތިމާގެ އަޚާއަށް ވެސް ލިބުމަށް ލޯބިކޮށްފުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަވެގެން ނުވެއެވެ."
މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމަޢެއް ބިނާ ކުރެވޭނީ، އެމުޖުތަމަޢެއްގެ އަފުރާދުން، އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެންނެވެ. އެކުވެރިކަމާއި އުޚުއްވަތްތެރިކަމަކީ، ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުޢޫރެކެވެ. އެއީ، އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެކެވެ. ތެދުވެރި އުޚުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ ސަބަބުން، އެހީތެރިވުމާއި އިޙްސާސްތައް ދެނެގަތުމާއި އަމިއްލަ ނަފުސަށްވުރެ އަނެކާއަށް އިސްކަން ދިނުމާއި، މަޢާފުކުރުން ފަދަ ރިވެތި އަޚުލާޤީ ސިފަތައް އަށަގަނެއެވެ. އެހެންކަމުން، އިސްލާމްދީނުގައި އުޚުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމަށް، ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---[6] މާނައީ: "އަދި، الله ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوةތެރީން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمةގެ ސަބަބުން ތިޔަބައިމީހުންނީ أخންތަކެއްކަމުގައި ވެއްޖައީމުއެވެ."
ޚުޠުބާ: ދަތިޙާލުގަ އަމިއްލަ ބޭނުންތައް ނުފުއްދައިހުރެވެސް ދަތިޙާލުގައިވާ މީހުންނަށް އެހީތެރިވުމަކީ އެމީހަކަށް ﷲ ތަޢާލާ ތަޢްރީފް ކުރައްވަވާ ސަބަބެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ