ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަކީ ކޮންމެ ރައްޔިތެއްގެ ފަޚުރެއް ކަމުގައި ހަދަންޖެހޭ: ރައީސް

ޤައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަޚުރެއް ކަމުގައި ހަދަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ޤައުމާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމަށްޓަކައި ޤުރުބާންވެވޭނީ ހަމައެކަނި ސިފައިންނާއި ފުލުހުންނަށް ނޫންކަމަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަޚުރެއް ކަމުގައި ހަދަންޖެހޭ ކަމަށެވެ. 
އަދި ބަވަނަވެފައިވާ ދުނިޔޭގައި އެކި ގޮތްގޮތުން ޤައުމުގެ މިނިވަންކަން ނިގުޅައިގަތުމަކީ ފަސޭހަކަމަކަށްވި ނަމަވެސް ކޮންމެ ރައްޔިތަކުވެސް ޤައުމާ އެއްކޮޅަށް ވިސްނުން ގެންގުޅޭނަމަ އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ ﷲ ސުބުހާނަހޫ ވަޠަޢާލާ ދެއްވާފައިވާ ސިކުނޑި. ވިސްނުން. އެ މީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމު ކަނޑައަޅައި އެގޮތުގައި ރެއާ ދުވާލު އެމީހާގެ ވިސްނުމާއި ހިތުގެ އަޑިން ޤައުމުދެކެ ލޯބިވެ، ޤައުމާ އެއްކޮޅަށް ކަންކަންކުރަން އަޒުމު ކަނޑައަޅައި މަސައްކަތްކުރާހާހިދަކު މި ޤައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ ޤައުމެއް ޤައުމަކަށްވާނީ އެ ޤައުމުގެ އަފްރާދުންގެ ސަބަބުން ކަމަށެވެ. ސަރުކާރުތަކުން ޤައުމުގައި އުމްރާނީ ކަންކަން ކުރި ނަމަވެސް އަފްރާދުންގެ ވިސްނުން އޮންނަންވާނީ ޤައުމާ އެއްކޮޅަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގޮތަށް ވިސްނުން ނުގެންގުޅޭ ނަމަ އުމްރާނީ ތަރައްގީ ފަދަ އަތްލެވޭ ތަރައްގީގެ ބޭނުމެއް ނެތް ކަމަށާއި، ކޮންމެ ފަރުދަކުވެސް އަމިއްލަ މަސްލަހަތަށްވުރެ ޤައުމު އިސްކުރުމަށް އެދޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙާއްސަ ޖަލްސާގައި ރައީސް ވަނީ ނޮވެމްބަރު 3ގެ ހަނދާނީ އައްޑަނަ، ޝަހީދުންގެ ޢާއިލާތަކަށާއި، ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވެސް އަރުއްވާފައެވެ.
ނޮވެންބަރު 3ގެ ޝަރަފުގެ ހަނދާނީ އައްޑަނައަކީ އެ ދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދީފައިވާ އައްޑަނައެކެވެ. 
އަދި ކުރީގެ ރައީސް މައުމޫނަށް އެރުވި ޚާއްސަ ޝަރަފަކީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސް މައުމޫން ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުވި ޝަރަފެކެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ