ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ، އުފަން ރަށް ކުޅުދުއްފުށީގައި ހުޅުވައިފި
ރާއްޖެއަށް 1988ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް، ކުޅުދުއްފުށި ސިޓީގައި ހަނދާނީ ބިނާއެއް މިއަދު ހުޅުވައިފިއެވެ. މި ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމާއި އެ އާއިލާގެ ދެ ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއްރަޝީދެވެ. މި ރަސްމިއްޔާތުގައި އާތިފް ވިދާޅުވީ، މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫންކަން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން، އެންމެ ފަހުން މި ގައުމުގެ މިނިވަންކަމުގެ އަގަކަށްވީ، މީގެ 37 އަހަރު ކުރިން ޝަހީދުވި ހުސައިން އާދަމްގެ ފުރާނަފުޅާއި އެ ދުވަހު ޝަހީދުވި އެންމެންގެ ލެޔާއި ފުރާނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަންކަމުގައި ތިލަދުންމައްޗަކީ އަބަދުވެސް މުހިންމު ދައުރެއް އަދާކުރި އަތޮޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކޮށްދެއްވި ބަތަލު އުތީމު ބޮޑުތަކުރުފާނަކީ ބޮޑުތިލަދުންމަތީގެ ދަރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޝަހީދު ކޯޕަރަލް ހުސައިން އާދަމްގެ ހަނދާނުގައި ހުޅުވި ބިނާ ---- ސަން ފޮޓޯ/ މޫސާ ނަދީމް ގައުމާ ދިމާކުރާ ކޮންމެ އުދުވާނެއްގައި ތިލަދުންމަތީގެ ބަތަލުން އެންމެ އިސް ސަފުގައި ތިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. މިއަދު ހުޅުވި ހަނދާނީ ބިނާގައި ހުރީ، ޝަހީދު ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. އެ ބިނާ ބަހައްޓާފައި ހުރީ، ޝަހީދު ހުސައިން އާދަމް ކުޅުދުއްފުށިން އެންމެ ފަހުން ފުރާވަޑައިގެންނެވި ސަރަހައްދު ކަމަށްވާ، ކުރީގެ ބަނދަރު ސަރަހައްދުގައެވެ. މި ބިނާ ފަރުމާކޮށް ހެެދުމަށް އެ ސިޓީ ކައުންސިލުން ވަނީ، ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ