ކުރިއާ ހިދުމަތް ދޭ ކުންފުނިތަކުން ވައިގެ މަގުން ގެންނަ މުދާ ކްލިއާ ކުރުމުގައި ގިނަ ދުވަސް ހޭދަވާތީ ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާތަކާ އެކު، ޑެމަރޭޖު ފީއާ ނުލާ މުދާ ކްލިއާ ކުރެވޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވިޔަފާރިވެރިންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއާގެ ހިދުމަތް ދޭ ސީޕެކްސްގެ ޖެނެރަލް މެނޭޖަރު ހުސެން ވަނީ ވައިގެ މަގުން ގެންނަ މުދާ އެންމެ އެދެވޭ ގޮތުގައި ކްލިއާ ނުކުރެވޭކަމުގެ ޝަކުވާ ކުރައްވައިފަ އެވެ.
ތަފްސީލް - އެމްއޭސީއެލްގައި ކުރިއާ ސްކޭންކުރަން ހުންނަނީ އެންމެ ސްކޭނު މެޝިނެއް ކަމަށާއި، ކަސްޓަމްސްގައި ވެސް އެ މަސައްކަތާ ގުޅޭ ތިބެނީ މަދު މުވައްޒަފުންތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އީކޮމާސް ޕްލެޓްފޯމުތައް ފުޅާވަމުން އަންނައިރު އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން އެބަ ޖެހޭ،" ހުސެން ވިދާޅުވި އެވެ.
"މިދިޔަ މަހު އެކަނި ވެސް އެމްއޭސީއެލްއަށް ދެއްކިން 1 މިލިއަން ރުފިޔާ ޑެމަރޭޖަށް... އަޅުގަނޑުމެން އެދެފިން، އަޅުގަނޑުމެން ކޮން ކަމެއް ކޮށްގެންތޯއޭ އަޅުގަނޑުމެން މަސައްކަތް ފުޅާކުރެވޭނީ ނޫނީ މިކަން ރަނގަޅުކުރެވޭނީ؟"
އޭނާ ފާހަގަކުރެއްވި ގޮތުގައި:
މިހާރު އެއްވެސް ފީއަކާ ނުލާ މުދާ ކްލިއާކުރަން އޮންނަނީ 80 ގަޑިއިރު
އޭނާގެ ކުންފުންޏަށް އެކަނި ވެސް ދުވާލަކު ފަސް ޝިޕްމެންޓް އާދޭ
ކުރިއާ ހިދުމަތް ދޭ 12 ވަރަކަށް ކުންފުނި އޮންނައިރު މުދާ ނެރެނީ ތަރުތީބުން
"މިސާލަކަށް މިއަދު އަޅުގަނޑުމެންނަށް ދެ ޝިޕްމެންޓު ނެރެވިއްޖެ ނަމަ ތިން ޝިޕްމެންޓް އެބަ ބެކްލޮގް ވޭ،" އެއާ އެކު ޑެމަރޭޖު ވެސް ބޮޑުވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ކުރިއާ ކާގޯގެ ވެރިންނާ މީގެ މަހެއް ކުރިން ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކުރުމުން މައްސަލަތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ހުސެން ވިދާޅުވި އެވެ.
"އަޅުގަނޑު އިކޮނޮމިކް މިނިސްޓްރީ ކޮޕީ ކޮށްފައި، ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީ ކޮޕީ ކޮށްފައި، ރައީސް އޮފީސްގެ އީމެއިލް ކޮޕީކޮށްފައި އެމްއޭސީއެލް ކޮޕީކޮށްފައި އެތަކެއް ފަހަރަކު މަތިން އަޅުގަނޑު ޝަކުވާ ހުށަހަޅައިފިން. ރައީސް، ހައްލު ދެއްވަން ތިބީ ވެރިން. އެކަމަކު އަޅުގަނޑުމެންނަށް ވެރިޔަކު ނުފެނޭ،" ހުސެން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަސްޓަމްސްގެ ވެރިންނަށް އެތަކެއް ފަހަރަކު ދަންނަވައިފިން މައްސަލައެއް ނެތޭ، އެމްއޭސީއެލް އިން އެބަ ބުނެޔޭ އަދި ނެތޭ ޖާގަ ބޮޑު ކުރެވޭކަށް. އަދި ނެތޭ މެޝިން އިތުރުކުރެވޭކަށް. އަދި ނެތޭ ސްޓާފުން ވެސް އިތުރު ކުރެވޭކަށް. އެހެންވެއްޖެއްޔާ ކަސްޓަމްސްގެ ވޯކިން އަވާސް ބޮޑުކޮށްލަދޭށޭ. 24 ގަޑިއިރަށް ހައްދަވައިދެއްވާށޭ. އޭރަށް އަޅުގަނޑުމެންނަށް އެއްކަލަ ފްރީ ޓާއިމްގެ ތެރޭ [މުދާ] ކްލިއާ ކުރެވޭނެ."
އޭނާ ވިދާޅުވީ ޑެމަރޭޖަށް އެތައް މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު ދެން ވިޔަފާރި ކުރިއަށް ގެންދަން ޖެހެނީ ކޮންމެވެސް 'މީހެއްގެ ގައިގައި އެލިގަނެގެން' އެސްއެމްއީ ލޯނެއް ހޯދައިގެން ކަމަށެވެ.
"ސަރުކާރުގެ އެސްއޯއީ ހިންގާ ގޮތަކަށް އަޅުގަނޑުމެންނަށް ނުހިންގޭނެ. އަޅުގަނޑުމެންގެ ވިޔަފާރި ސަސްޓެއިން ކުރެވޭނީ ދެކޮޅުޖެހިގެން."
އެތައް ހިތްވަރެއް ކޮށްގެން ހޯދާ ވިޔަފާރި ކުރިއަށް ގެންދަން އުފުލަން ޖެހޭ ތަކުލީފު މާ ބޮޑުކަމަށް ހުސެން ވިދާޅުވި އެވެ. ހުސެން ފާހަގަކުރެއްވި ގޮތުގައި އެ ޝަކުވާތައް ހައްލުކުރަން ބޭނުންވަނީ އިދާރީ ކުޑަ ބަދަލެކެވެ.
އެމްއޭސީއެލްގެ ވެރިންނާ އެކު ކުރިއާގެ ހިދުމަތް ދޭ ކުންފުނިތަކުގެ ބައްދަލުވުމަކަށް އެދިފައިވާނެ ކަމަށާއި، މައްސަލަތައް ހައްލުކުރަން ދުނިޔޭގެ ފެންވަރުގެ ކޮންސަލްޓެންޓުން ގެނެސްދޭން ވެސް ތައްޔާރަށް ތިބިކަމަށް އޭނާ ވިދާޅުވި އެވެ.
ހުސެން ވިދާޅުވީ ކަނޑު މަގުން ގެންނަ މުދާ ކްލިއާކުރަން ވެސް ދަތިތައް ދިމާވާ ކަމަށެވެ.
"އާރުޓީޖީ [ކްރޭން] އިރުއިރުކޮޅާ އޮންނަނީ ހަލާކުވެފައި އެމްޕީއެލްގައި. އިރުއިރުކޮޅާ އެތަނުގެ މެޝިނަރީސް ހަލާކުވެފައި ހުންނަނީ. ވަރަށް ދަތިކޮށް ވިޔަފާރިކުރަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ނިސްބަތުން ބަލާ ނަމަ ވައިގެ މަގުން ގެންނަ މުދާ ކްލިއާކުރަން ހަތަރު ގުނަ އިތުރަށް ފީ ދައްކަން އެބަ ޖެހޭ ކަން ފާހަގަކުރައްވާ ހުސެން ވިދާޅުވީ ޓާމިނަލް ހޭންޑްލިން ނުވަތަ ޑިއުޓީއަށް މިހާ ބޮޑު އަދަދެއް ދައްކައިގެން ވިޔަފާރި ދަމަހައްޓަން އުނދަގޫ ކަމަށެވެ.
"އާދޭހާ އެކު އެދެން އަޅުގަނޑުމެން އެންމެން ޝާމިލްވާހެން މާދަމާ ވެސް، އަޅުގަނޑުމެންނަށް ކަމާ ބެހޭ އެންމެހާ ވުޒާރާތަކާ އެކު ބައްދަލުވުމެއް ބާއްވައިގެން ވިޔަސް އަޅުގަނޑުމެންނާ ގުޅިގެން ގާތުން [މަސައްކަތްކޮށްދޭން]" ހުސެން ވިދާޅުވި އެވެ.
މައްސަލަތަކަށް ހައްލު ގެނެސްދިނުމަށް ރައީސް އަރިހުން އެދިވަޑައިގަންނަވަމުން ހުސެން ވިދާޅުވީ މިއަދު އެކަނި ވެސް ޝިޕްމެންޓެއްގެ ޑެމަރޭޖަށް 6،000ރ ދެއްކެވި ކަމަށެވެ. މިދިޔަ މަހު ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެއްކި އިރު ވިޔަފާރި ދަމަހައްޓާނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްއޭސީއެލްގައި މިހާރު ނެތް އެ ކެޕޭސިޓީއެއް ކުރިއާ ހިދުމަތް ފުޅާކުރެވޭކަށް،" ހުސެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއާ ހިދުމަތުގެ މައިގަނޑު އަސާސަކީ އަވަހަށް މުދާ ފޯރުކޮށްދިނުން ކަމަށާއި ހިދުމަތް ލަސްވުމުން ވިޔަފާރީގެ މައިގަނޑު އަސާސް ގެއްލޭ ކަމަށެވެ. މައްސަލަތައް ކިޔައިދެވިދާނެ ކަމަށާއި އެކަމަށް ހައްލު ގެނެސްދޭން ތިއްބެވީ ސަރުކާރާއި ކަމާ ގުޅުން ހުރި ވެރިން ކަމަށް ވިދާޅުވި އެވެ.
ބައްދަލުވުމުގެ ބައިވެރިންގެ ވާހަކަތަކާ ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ޑެމަރޭޖު ފީ ނަގަން ފަށާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކޮށްދެއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މިހާރު މުދާ ކްލިއާކުރަން އޮންނަ 18 ގަޑިއިރުގެ ވަގުތު 24 ގަޑިއިރު ދޭ ހިދުމަތަކަށް ހައްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އިތުރަށް ވެސް ބަލައިދޭނަން އެއާޕޯޓާއި ސީޕޯޓުގައި ތިބޭފުޅުން ފާހަގަކުރެއްވި ކަންތަކުގައި އަޅުގަނޑުމެންނަށް ގެނެސްދެވެން ހުރި ލުއިތައް ގެނެސްދިނުމަށް،" ރައީސް ވިދާޅުވި އެވެ.
ވައިގެ މަގުން ގެންނަ މުދަލަށް ޑެމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ