ކައްވަޅާއިމެދު ވިސްނަންވީ ހަމައެކަނި ޤަބުރުސްތާނަކަށް ވަންނަން ޖެހުމަކުން ނޫނެވެ. ޖަނާޒާއެއްގައި ބައިވެރިވެ ޤަބުރު ވަޅުލެވޭތަން ބަލަން ހުރެވޭ ވަޤުތުގައި އެކަންޏެއް ނޫނެވެ. ޤަބުރުސްތާނެއް ނުފެނި ކިތަންމެ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއަ ނަމަވެސް ކޮންމެ ދުވަހަކުވެސް ކައްވަޅާއިމެދު ވިސްނަންޖެހޭނެއެވެ.
"މިއީ އެކަނިވެރިކަމުގެ ވަޅުގަނޑެވެ! ބިރުވެރިކަމުން ފުރިގެންވާ ކައްވަޅެވެ. އަރާމުންވެސް ފުރިގެންވާ ކައްވަޅެވެ. އަނދިރިކަމުން ފުރިގެންވާ ކައްވަޅެވެ. މިއަދު ނޫނީ މާދަން ނަމަވެސް ތިބާ ވަންނަން ޖެހޭނެ ކައްވަޅެވެ. ކައްވަޅުގެ ބިރުވެރިކަމާއި ޢަޛާބުން ސަލާމަތްވެ އަރާމުން ފުރިގެންވާ ތަނަކަށް ބަދަލުކޮށްލުން އޮތީ ތިބާގެ އަތްމަތީގައެވެ. ބޭނުން ގޮތަކަށް ތައްޔާރުވެގެން އަންނާށެވެ!"
ކައްވަޅުތައް ކޮންމެ ދުވަހަކު ބާރުއަޑުން މިފަދައިން ގޮވާނަގާއިރުވެސް ހިތާމައަކީ މިއަޑުތައް އަަހރެމެންނަށް ނުއިވޭ ކަމެވެ.
ޢަލީގެފާނު ވިދާޅުވެފައިވަނީ މިފަދައިންނެވެ. "މަރުވުމަކުން ސަލާމަތެއް ނުވެވޭނެއެވެ. މަރުވުމާއި ދެކޮޅު ހަދައިފިނަމަ މަރު އެމީހާގެ މައްޗަށް ބާރު ހިންގައި ވެރިވެގަންނާނެއެވެ. ފިލަން ކޮންމެ ތަނަކަށް ދިއަ ނަމަވެސް (ކޮންމެ ތަނަކަށް ވަދެ އޮތް ނަމަވެސް) މަރު އެމީހާ ހޯދާނެއެވެ. މަރަށް ފިލަން އެމީހަކު ބޭނުން ކަމެއް ކުރާށެވެ. ކިތަންމެ ވަރަކަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ރައްކައުތެރިވެ ފިލައި އޮތް ނަމަވެސް މަރުވުމުގެ ވަގުތު ޖެހުމުން މަރު އައިސް ތިބާ އާއި ބައްދަލުކުރާނެއެވެ. (މަރުވާނެއެވެ.) މަރުނުވެ އެއްވެސް އިންސާނަކަށް ދުނިޔޭގައި ހުރެވޭނެ ނަމަ ރަސޫލް (ﷺ)އަށް ހުންނެވުނީހެވެ."
"ކޮންމެ ނަފުސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިއަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެއަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. "އާލްއިމްރާން: 185)
މަރަކީ ކޮބައިކަމާއި މަރުވަނީ ކިހިނެއްކަން ބަޔާންކޮށް ސައިންސްވެރިން ވަނީ މިހައިތަނަށް ދުއިސައްތައަށްވުރެ ގިނަ ރިޕޯޓްނެރެފައެވެ. ނަމަވެސް އެއްވެސް ރިޕޯޓެއްގައި އެއްވެސް ތެދެއް ނެތެވެ. އެހެންކަމުން ތެދު އެންމެ ރިޕޯޓެއްވެސް ނެރެވިފައެއް ނުވެއެވެ.
އެއީ އެކަން ވާނެވެސް ގޮތެވެ. އިންސާނާ އުފައްދަވަނީ ފެންތިއްކަކުންނެވެ. ފުރާނަ އަޅުއްވަވައި ބޮޑުކުރައްވަވަނީ ﷲ ތަޢާލާއެވެ. އަޖަލު ހަމަވުމުން ފުރާނަ ގެންދަވަނީ ﷲ ތަޢާލާއެވެ. މިކަންކަން ކީރިތި ޤުރްއާނުގައި ވްނީ ބަޔާން ކުރައްވަވައިފައެވެ. ހުރިހާ ވެސް މައްސަލައަކީ އެކަންކަން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ ފަދައިން ޤަބޫލުކުރަން ބޭނުން ނުވުމެވެ.
ސައިންސްވެރިން މިހައިތަނަށް ކުރި އެއްވެސް ދިރާސާއަކުން އިންސާނާ މަރުވަނީ މިވެނި ސަބަބެއް މެދުވެރިވެގެން ކަމަށް ބުނެދެވޭނެ އެއްވެސް ސަބަބެއް ހޯދިފައެއް ނެތެވެ. އެހެނީ އެކި މީހުން މަރުވަނީ އެކި ސަބަބުތައް މެދުވެރިވެގެން ކަމެވެ. ހަމައެކަނި މިއެނގޭ ވަރަކީ މަރުވާއިރު ހިތް ހުއްޓޭ ކަމާއި ސިކުނޑި މަސައްކަތް ނުކުރުން ފަދަ ކަންކަމެވެ. އެންމެ ކުޑަމިނުން އެކަން ވުމަށް މެދުވެރިވާ ސަބަބު ވެސް ނުހޯދެއެވެ. ނުއެނގުނު ކަމަށް ނުބުނަން ވެގެން ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ.
"ހާޓްއެޓޭކް" އެއީ އެންމެ އަތްމަތީ ބަހެވެ. އިއްޔެ ހުރިހާ ޓެސްޓްތަކެއް ހެދިއިރު 100 އިންސައްތަ ފިޓް މީހާއަށް މިއަދު އެބުނާ ހާޓްއެޓޭކް ޖެހުނީ ކީއްވެގެންކަމާއިމެދު ސުވާލުކޮށްފިނަމަ ދައްކާނީ "ލަންބާޗޯޅާ" ވާހަކަތަކެކެވެ.
މިތިބަ އެއްވެސް ކަމެއްގެ ޙަޤީޤަތް ޤަބޫލުކުރަން ބޭނުން ނުވާ މީހުންނޭވެ! މަރުވަނީ ޞިއްޙީ މައްސަލައަކުން ކަމަށްވާނަމަ ދުނިޔޭގައި މިތިބަ މޮޅު ޑޮކްޓަރުންތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ 24 ގަޑި އިރު ދުނިޔޭގައި ތިބި އެންމެ މޮޅު ޑޮކްޓަރުން ފަރުވާދީ ބަލަހައްޓަމުން ގެންދާ ވެރިންނާއި ބިލިއަނަރުން ޞިއްހީ މައްސަލަތަކުގައި މަރުވިއަ ދެނީ ކީއްވެގެން ހެއްޔެވެ؟ އެ މައްސލަތައް ޙައްލު ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެ މައްސަލަތައް ޙައްލު ނުކުރެވޭއިރު ތިއަ ހޯދާ ބޮޑެތި ސެޓުފިކެޓްތަކުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ޤަބުރުސްތާނު ކުރިމަތިން އިއްޔެ ބޮޑެތި މޮޓޯ ކޭޑްތައް ދުއްވި މީހުން މިއަދު އެ މަރުވަނީއެވެ. ވަޅުލެވެނީއެވެ. ވަޅުލެވުމާއިއެކު ހަށިގަނޑު ކައި ހުސްކޮށްލަނީ ހަމަ އެހަށީގަނޑުން ނުކުންނަ ފުޅަތަކެވެ.
--ޝައިޚް އަހްމަދު ސުލައިމާން ޚަތާނީގެ ދަރުސަކުން
ތިބާގެ ކައްވަޅު މިފަދައިން ގޮވައި ކޮންމެ ދުވަހަކު ތިބާއަށް އިންޒާރުދެމުން ގެންދާކަން އެނގޭހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ