"އަދަދު" ދެ ނޫސްވެރިން ހިމެނޭ ގޮތަށް ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރުތަކެއް "އަދަދު" ދެ ނޫސްވެރިން ހިމެނޭ ގޮތަށް ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރުތަކެއް

"އަދަދު" ގެ ނޫސްވެރިޔާ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން ހިމެނޭ ގޮތަށް ބައެއް އެހެން ނޫސްވެރިންނަށް ގޮތް ނޭނގޭ ސޯޝަލް މީޑިއާ އެކައުންޓުތަކުން މަރުގެ އިންޒާރު ދޭން ފަށައިފި އެވެ.
އާއިދުއަށް މަރުގެ އިންޒާރު ދިނީ ޝައިތޯނު ނަމަކަށް ކިޔާ އެކްސް އެކައުންޓަކުންނެވެ. އެ އެކައުންޓުން މިއަދު މެންދުރު ކުރި 11:20 ގައި ކުރި ޕޯސްޓެއްގައި ބުނެފައި "ތި ކުއތ މަރާލަންވީ" ކަމަށެވެ.
އޭނާއަށް މަރުގެ އިންޒާރު ދިނީ މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރުމާ ދެކޮޅަށް މަޖިލިސް ގޭ ކައިރީގައި ނޫސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުން އަނިޔާ ކުރާ ވާހަކަ ބުނުމުންނެވެ.
އާއިދުގެ އިތުރުން މި ނޫހުގެ ޝަހުޒާންއަށް ވެސް ވަނީ މަރުގެ އިންޒާރެއް ލިބިފަ އެވެ. އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ ރައީސް އަދި "ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފްއަށް ވެސް ވަނީ މަރުގެ އިންޒާރެއް ލިބިފަ އެވެ.
ބިލާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ބައެއް އެހެން ނޫސްވެރިންނަށް ވެސް އެކި ކަހަލަ އިންޒާރުތައް ދަނީ ލިބެމުންނެވެ. އެގޮތުން، އާއިލާގެ މެންބަރުން ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ބިރު ދެއްކުމާއި ޖިނާއީ ދައުވާއެއް އުފުލާނެ ކަމުގެ އިންޒާރު ބައެއް ނޫސްވެރިންނަށް ވަނީ ލިބިފަ އެވެ.
މީގެ ކުރިން މި ނޫހުގެ ޗީފް އެޑިޓަރު ހުސެއިން ފިޔާޒް މޫސާއަށް ސެޕްޓެމްބަރު 11، ގައި ވަނީ މަރުގެ އިންޒާރެއް ދީފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަން އެމްޖޭއޭ އިން ވަނީ ފުލުހުންގެ އިދާރާއަށް ގޮވާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު 4:00 އަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފަ އެވެ. އެ ޖަލްސާގައި މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެ ޖަލްސާގެ އެޖެންޑާ ރައްޔިތުންގެ މަޖިލީހުން އަދިވެސް އާންމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ