އުނުއޮރިޔާން ނިވާވާ ނަމަ މި މަޖިލިހުގެ ތަޅުމަށް އެންމެ ރަނގަޅުވާނެ

ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހަށް ހާއްސަކޮށްފައި އޮތް ބާބުގައި ހިމެނޭ 35 މާއްދާ ތަކުރާރުކޮށް ކިޔަކިޔާ ވެސް މަޖިލިހުގެ މެމްބަރުން ޓައި އަޅުއްވަން ޖެހޭ ކަމަށް ބަޔާންކޮށްފައި އޮތް ތަނެއް ނުފެނުނެވެ. ނުވަތަ ޖަލްސާއަށް ވަޑައިގަންނަވާ އިރު ހެދުން އަޅުއްވާނެ ގޮތެއް ވެސް ނެތްމެ އެވެ. އެކަމަކު އެ ބާބުގައި މަޖިލިހުގެ މެމްބަރުންނަށް ވަރަށް ބޮޑެތި ޒިންމާތައް ހަވާލުކޮށްފައި އެބަ ހުއްޓެވެ.
ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުން. އަދި މިކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުން
އިއްޔެ ރިޔާސަތުގައި އިންނެވި އިރު މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވިސްނުންފުޅުގައި އެކަަހަލަ ކަމަކާ މެދު ފިކުރެއް އޮތް ކަމަކަށް ވެސް ނުބެލެވެ އެވެ. އެމަނިކުފާނުގެ ކަންބޮޑުވުމަކީ ޖަލްސާގައި ތިއްބެވި ބައެއް މެމްބަރުން ޓައި ނޭޅުއްވުމެވެ. (ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޯ! އަޅަމެން ގަބޫލުކުރަމެވެ. މި އަޅާމެންނަށް މިއަދު މި އޮތީ މިފަދަ މަންޒަރުތައް ބެލުމާއި އަޑުއެހުމެވެ.)
"މިއަދު ބައެއް އިއްޒަތްތެރި މެންބަރުން ޓައި ނާޅުއްވާ ވަޑައިގެން ތިއްބެވީމާ އަޅުގަނޑު ހަމަ ދަންނަވާލަން، އެހެން ނަހައްދަވާށޭ. އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތް ހިފެހެއްޓުމަކީ އަޅުގަނޑުމެން ހުރިހާ މެންބަރުންގެ މައްޗަށް އޮތް ލާޒިމް ކަމެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކިހާ މޮޅު ވާހަކަފުޅެއްތޯ އެވެ. ޓައި އަޅުއްވައި، ކޯޓު ތުރުކުރައްވައިގެން މަޖިލިހަށް ވަޑައިގަތުމުން އެ މުއައްސަސާގެ ދަރަޖަ މަތިވަނީ ކިހިނެއް ބާވަ އެވެ؟ މިހާރު އޮތް މަޖިލިހަކީ، އަޅުގަނޑުގެ ނަޒަރުގައި، ދިވެހި ތާރީހުގައި ވެސް ދުށް އެންމެ ފެންވަރު ދަށް ރައްޔިތުންގެ މަޖިލިހެވެ. ދުނިޔެ އާއި އަމިއްލަ ގައުމުގެ ކަންކަމާ މެދު ވެސް އެންމެ ހަނި ވިސްނުން ގެންގުޅުއްވާ މެމްބަރުން ތިއްބި މަޖިލިހެވެ. ގިނަ މެމްބަރުން ގާނޫނުއަސާސީ އެއްކޮށް ވިދާޅުވެފައި ހުރި ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަމެވެ. ނުވަތަ ގާނޫނުއަސާސީއަކީ ކިހާ ބޮޑު ގާނޫނެއްކަން ވެސް ދެނެވަޑައެއް ނުގަންނަވަ އެވެ.
މިސާލެކެވެ.ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހަށް ދިން ހާއްސަ ސިފަ އާއި އަޅައިދިން ވަރުގަދަ ބިންގާ ފުނޑުކޮށްލާފައި ވަނީ، ކޯޓު ތުރުކުރައްވައިގެން މަޖިލިހުގެ ރިޔާސަތުގައި އަބްދުއްރަހީމް އިންނަވައިގެން 20 ނޮވެމްބަރު 2024ގަ އެވެ. އެ ދުވަހު ހުށައަޅައި، އެރޭ ފާސްކުރި ގާނޫނުއަސާސީގެ އިސްލާހުއާ އެކު ރައްޔިތުންގެ މަޖިލިހުގެ މިނިވަންކަން ގެއްލުވާލީ އެވެ. މެމްބަރުންނަކީ ސިޔާސީ ޕާޓީތަކުން ކޮންޓްރޯލްކުރާ 'ބުދުތަކަކަށް' ހެދީ އެވެ.
ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލިހާ ބެހޭ އެއްވެސް މާއްދާއެއްގައި ސިޔާސީ ޕާޓީއެއްގެ ވާހަކަ ވެސް ކުރިން ގެނެސްފައެއް ނުވެ އެވެ. ބޮޑެތި މަގުސަދުތަކަކަށްޓަކަ އެވެ. ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުން އިސްލާހު ގެނައީ، މެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީން އޭނާ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށެވެ. މިއީ ރައީސް މުހައްމަދު މުއިއްޒުގެ ބާާރުގެ ދަށަށް މިހާރުގެ މަޖިލިސް ވައްޓާލި ވޯޓެވެ. އެ ދުވަހު ފެހި ފިތަށް ފިއްތާލެއްވި ގޮތަށް ޕީއެންސީގެ މެމްބަރުން އެތިއްބެވީ ފިތި ބާރުވެފަ އެވެ.
ގާނޫނުއަސާސީގެ މުހިންމު ބިންގާތައް، އެންމެ 24 ގަޑިއިރުގެ ތެރޭގައި ފުނޑުކޮށްލާ  ރައްޔިތުންގެ މަޖިލިހެއްގެ ކަރާމާތެއް އޮންނާނެ ބާވަ އެވެ؟ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް ވާން ޖެހޭނީ އެއަށް ވުރެ ފުޅާކޮށް ވިސްނައި، ވީހާ ވެސް ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ހިމެނޭ ބަދަލަކަށެވެ. އެއީ މިއަދު ވަކި މީހެއް ބުނީމާ، މިއަދު މަޖިލިހަށް ބިލް ހުށައަޅައި، މިއަދު ކޮމިޓީގައި ބަހުސްކޮށް، މިއަދު ފާސްކުރާހާ ފަސޭހަ ކަމަކަށް ހަދާ ނަމަ، ރައްޔިތުންގެ މަޖިލިހެއް، ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދެއް ކޮށްގެން، ހިންގުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
މިސާލެކެވެ.
ދެމަފިރިއަކު ވަރިވާން ފެމިލީ ކޯޓަށް ހުށައެޅިޔަސް ގައިމު އިތުރު ވަގުތު ދެ އެވެ. ކުޑަކޮށް ވިސްނާލައި، ދެ މީހުންނަށް އެއްބަސްވެވޭ ހައްލެއް ހޯދަން މަސައްކަތްކުރުމަށެވެ. ތަޖުރިބާކާރެއްގެ އިރުޝާދު ހޯދާށެވެ. ރުޅިމަޑުކޮށް ހަމަ ވިސްނުމަކަށް ގެންގޮސްދެވޭތޯ އެވެ. އެކަމަކު އެ އޮތް ބޮޑު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ގާނޫނުއަސާސީން ލިބިދީފައި އޮތް ފުޅާ މިނިވަންކަމާއި ބާރު ދޫކޮށްލަން 24 ގަޑިއިރު ވެސް ނުނެގި އެވެ.
މިސާލެކެވެ.
އަޅުގަނޑު ހަނދާން އެބަ ހުއްޓެވެ. އާ ގާނޫނުއަސާސީ ހެދުމުގެ މާ ކުރިން، 1990ގެ އަހަރުތަކުގެ ކުރީކޮޅު، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް އަޑުއަހަން ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ދިޔައިމެވެ. އޭރު މަޖިލިސް ހިންގަނީ، ޕާކިސްތާން ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި އަޅައިދީފައި މިހާރު އެ ހުރި މަޖިލިހުގެ އިދާރާގައެއް ނޫނެވެ. ގުރުއާނާ ބެހޭ މަރުކަޒު ހިންގަމުން އަންނަ އިމާރާތުގަ އެވެ.
އެ ދުވަހު އޮތީ އަވިއައިނު ފަދަ އެއްޗެހިން ޑިއުޓީ ކުޑަކުރަން، އޭރުގެ މާލޭ މެމްބަރު އަހުމަދު މުޖުތަބާ ހުށައެޅުއްވި ބިލަކަށް ވާހަކަ ދެއްކުމެވެ. މުޅި މަޖިލިސް ކޮންޓްރޯލްކުރައްވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މުޖުތަބާއަކީ ސަރުކާރުގެ ވިސްނުމާ ދެކޮޅު ހިޔާލުގެ ދެތިން މެމްބަރުންގެ ތެރެއިން އެއް ބޭފުޅެވެ.
ސަރުކާރުގެ ވިސްނުމަކީ، ރާއްޖެ ފަދަ ހޫނު ގައުމެއްގައި އަވިއައިނު އެޅުމަކީ ސިއްހީ ގޮތުން މުހިންމު ކަމަކަށް ވިޔަސް (މުޖުތަބާ އެ އިސްލާހު ހުށައެޅުއްވީ ވެސް އެ ނަޒަރުން ވިސްނަވާފަ އެވެ.) ޑިއުޓީ ކުޑަނުކުރުމެވެ. އެހެންކަމުން އެއް މެމްބަރަކު ތެދުވެ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހޫނު ގަދަވެގެން އަޅުގަނޑުގެ ދެ ލޯ ރަތް މަދަނަށް ވިޔަސް އަވިއައިނު ނާޅާނެ" ކަމަށެވެ.
ހަނދާންކުރުން ހުއްޓެވެ. މި ދައްކަނީ އިންޓަނެޓް ނެތް ޒަމާނުގެ ވާހަކަ އެވެ. މައުލޫމާތު ހޯދުން އުނދަގޫ ޒަމާނުގެ ވާހަކަ އެވެ. ގިނަ ރައްޔިތުން ވެސް ސަރުކާރުން ބުނާ ގޮތެއް ހެދި ދުވަސްވަރުގެ ވާހަކަ އެވެ. މުޖުތަބާ ކަހަލަ ދުނިޔޭގެ ތަންދޮރު ދަންނަ، މައުލޫމާތު މުއްސަނދި މަދު ބޭފުޅަކު ދަައްކަވާ ވާހަކަ ވެސް ގިނަ ދިވެހިންނަށް އޭގެ ރަނގަަޅު ގޮތުގައި މޭރުން ވެސް ނުވާ ޒަމާނެވެ.
އެކަމަކު އޭރު ވެސް އެކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަވާނީ 50 މެމްބަރުންގެ ތެރެއިން ވެސް މަދު ބޭފުޅެކެވެ. މިހާރު މިނިވަންކަން ލިބި، އިންޓަނެޓް ލިބި، މައުލޫމާތުން ސިކުނޑި ފުރާލެވޭހާ ފަސޭހަކޮށް އެއްޗެހި ކިއުމުގެ ފުރުސަތު އޮތަސް، 94 މެމްބަރުން ހިމެނޭ، ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ 'ނިދައިފަ' އެވެ. އަވިއައިނުގެ މުހިންމުކަން މިއަދު ކުޑަކުއްޖަކަށް ވެސް އެނގޭނެ އެވެ. އެކަމަކު ސަރުކާރުގެ ސިޔާސަތު މި ވަގުތު އޮތީ އަވިއައިނާ ދެކޮޅަށް ނަމަ އެ މޭރުމުން ވާހަކަ ދައްކަވަން ވެސް، ޕީއެންސީގެ މެމްބަރުން ޖެހިލުންވެވަޑައެއް ނުގަންނަވާނެ އެވެ.
މިސާލެކެވެ.
މިއަދު މަޖިލިހުގައި ކަން ހިނގަމުންދާ ގޮތަށް ވިސްނާލާށެވެ. މީޑިއާ ކޮންޓްރޯލްކުރާ ބިލް ފާސްކުރާތީ އެކަމާ ދެކޮޅަށް ނޫސްވެރިންނާއި ބައެއް އާންމުން ތިބީ މަޖިލިސް ދޮށަށް އެއްވެފަ އެވެ. ހެނދުނުއްސުރެ އެވެ. މެންދުރު ނަމާދުކުރުމާއި މެންދުރު ކެއުން ވެސް މަގުމަތީގަ އެވެ. މިއަދު ޖަލްސާއެއް ބާއްވަޔޯލަ އެވެ. އެކަމަކު ހަވީރު ވެގެން ދިޔަ އިރު ވެސް އެޖެންޑާއެއް ނެތެވެ. ދެން އިވުނީ އެ ބިލަށް އަނެއްކާ އިސްލާހުތަކެއް ގެންނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވާ އަޑެވެ. ބައްދަލުވި އެވެ. އެކަމަކު މަޖިލިހުގައި ގާނޫނީ ލަފާ ދެއްވާ އެންެމެ އިސް ފަރާތް، ކައުންސެލް ޖެނެލް ފާތިމަތު ފިލްޒާ ހުށައެޅުއްވި އިސްލާހުތައް ކިޔާލައްވަންް އިދިކޮޅު މެމްބަރުންނަށް ފުރުސަތު ވެސް ނުދިނެވެ. 'ފެހި ފިތުން ފިތިފައި' ތިއްބެވި ޕީއެންސީގެ މެމްބަރުން އެ އިސްލާހުތައް ފާސްކޮލެއްވީ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްްތެރި ރައީސް، އަބްދުއްރަހީމް އެވެ: މަނިކުފާނުގެ ދަށުގައި އޮތް މި ފެންވަރުގެ ރައްޔިތުންގެ މަޖިލިހެއްގައި މެމްބަރުން ޓައި ނާޅުއްވާ ތަޅުމަށް ވަޑައިގަތުމުން އުނިވާނެ ގަދަރެއް، ގެއްލޭނެ އިއްޒަތެއް، ހަގީގަތުގައި ނެތެވެ. އިސްލާމް ދީނުގައި އަންގާފައިވާ މިންވަރަށް އުނިއޮރިޔާން ނިވާކުރައްވައިގެން މެމްބަރުން ތިއްބެވި ނަމަ ތަޅުމަށް ވައްދަވައި ޖަލްސާ ކުރިއަށް ގެންދަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ