ލިވަޕޫލް މެޗަށް އެތުލެޓިކޯގެ އަލްވަރޭޒް ފިޓެއް ނޫން ލިވަޕޫލް މެޗަށް އެތުލެޓިކޯގެ އަލްވަރޭޒް ފިޓެއް ނޫން

ލިވަޕޫލް (ސެޕްޓެމްބަރު 17) - ޗެމްޕިއަންސް ލީގުގެ އާ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރަށުންބޭރުގައި އިނގިރޭސި ޗެމްޕިއަން، ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް އެތުލެޓިކޯގެ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒް ފިޓެއް ނޫން ކަމަށް އެ ކްލަބުން ބުނެފި އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަށް ދަތުރުކުރި އެތުލެޓިކޯގެ ސްކޮޑުގައި އަލްވަރޭޒް ނުހިމެެނެ އެވެ. އޭނާގެ އިތުރުން، 22 ކުޅުންތެރިންގެ ސްކޮޑުގައި ތިއާހޯ އަލްމާޑާ، ހޯސޭ ހިމެނޭޒް، އަލެކްސް ބައޭނާ އަދި ޖޯޑީ ކާޑޯސޯ ވެސް ނެތެވެ. އަލްވަރޭޒަށް ލިބިފައިވާ އަނިޔާއެއް ގޯސްވީ މި ހަފްތާގައި ސްޕެނިޝް ލީގުގައި އެތުލެޓިކޯ އިން ކުޅުނު މެޗުގަ އެވެ.
މި ސީޒަނުގައި މިހާތަނަށް އަލްވަރޭޒް ވަނީ ކުޅުނު ހަތަރު މެޗުން ގޯލެއް ޖަހައިފަ އެވެ. ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު އަލްވަރޭޒަކީ، ލިވަޕޫލުން ދެ ފަހަރެއްގެ މަތިން ގެންނަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. މިދިޔަ ދެ ސީޒަނުގައި ވެސް ލިވަޕޫލުން އަލްވަރޭޒަށް ޝައުގުވެރިކަން ފާޅުކުރި އެވެ. އެ ގޮތުން، މި ފަަހަރުގެ ޓްރާންސްފާގައި ލިވަޕޫލުން ނިއުކާސަލްގައި ހުރި އަލެކްސަންޑަ އިސާކް ގެންނަން ކުރި މަސައްކަތް ދިގުލައި، އަލްވަރޭޒް ގެންނަން އުޅުނެވެ. އެކަމަކު، ފަހުން އިސާކްގެ ޑީލް ވަނީ ނިންމައިފަ އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ އެތުލެޓިކޯއާ ކުޅެން ނެގި ލިވަޕޫލްގެ ސްކޮޑުގައި އިސާކް ހިމެނެ އެވެ. ލިވަޕޫލާއި އެތުލެޓިކޯ އިން ކުޅޭ މެޗު ފަށާނީ މިރޭ 00:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ