ލަންޑަން (ނޮވެމްބަރު 22) - އުުކުޅުވަޅަށް ލިބިފައިވާ އަނިޔާ އަކުން ފިޓްވެ، ކުޅުމަށް އައުމަށް ތައްޔާރުވަމުން އައި ޗެލްސީގެ ތަރި، ކޯލް ޕާމާ ގޭތެރޭގައި އުޅެނިކޮށް ފައިގެ އިނގިއްޔަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އުކުޅުވަޅަށް ލިބުނު އަނިޔާއާ ހެދި ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި، ޕާމާ، 23، މި ހަފްތާ ތެރޭ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅެން ތައްޔާރުވަމުން އަންނަނިކޮށް، އޭނާގެ ވާތުފައިގެ އިނގިއްޔަކަށް އަނިޔާވީ، ގޭގައި އުޅުމުގެ ތެރޭގައި ދޮރެއްގައި ޖެހިފަ އެވެ. މިއާ އެކު، ޕާމާ އަށް މަދުވެގެން ހަފްތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޗެލްސީން ވަނީ ބުނެފަ އެެވެ.
މި ލިބުނު އަނިޔާއާ އެކު، ޕާމާ އަށް މުހިންމު މެޗުތަކެއް ގެއްލޭނެ އެވެ. އެއީ، ޕްރިމިއާ ލީގުގައި މިރޭ ބާންލީއާ ކުޅޭ މެޗާއި އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި އަންނަ ހަފްތާގައި އާސެނަލާ ބައްދަލުކުރާ މެެޗެވެ.
"އަހަންނަށް ވެސް ރޭގަނޑު ހޭލެވިގެން، ބޮލާއި ފަޔާއި އެކިތަންތަން (ދޮރުގައި) ޖެހޭ ފަހަރު އާދޭ، އެހެންވީމަ، އެކަން ކޮންމެ މީހަކަށް ވެސް ވެދާނެ،" ޕާމާގެ އަނިޔާގެ ސުވާލުތަކަށް ޖަވާބު ދެމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުންޏެވެ.
ޕާމާ، އެންމެ ފަހުން ކުޅުނު މެޗަކީ ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު 2-1 އިން މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ ބަލިވި މެޗުގަ އެވެ. އޭގެ ފަހުން، ޗެލްސީން ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވިިއިރު، ބަލިވީ ދެ މެޗުންނެވެ. ޗެލްސީ މި ވަގުތު އޮތީ ޕްރިމިއާ ލީގުގެ ތިން ވަނައިގަ އެވެ.
ގޭތެރޭގައި އުޅެނިކޮށް ލިބުނު އަނިޔާއަކުން ޕާމާގެ އެނބުރި އައުން ލަސްވެއްޖެ ގޭތެރޭގައި އުޅެނިކޮށް ލިބުނު އަނިޔާއަކުން ޕާމާގެ އެނބުރި އައުން ލަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ