ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިޒުރޭލުގެ 20 އަސީރަކު މިނިވަންކޮށްފި

އިޒުރޭލާއި ހަމާސް ޖަމާއަތުން ވި ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ 20 އަސީރަކު މިއަދު މިނިވަންކޮށްފަ އެވެ.
އެ އަސީރުން  މި ދޫކޮށްލީ ގާޒާގައި ހަމާސް ޖަމާއަތުން ބަންދުކޮށްގެން ގެންގުޅޭތާ ދެ އަހަރަށް ވުރެ  ގިނަ ދުވަހަށް ފަހު އެވެ. މީގެ ދެ އަހަރު ކުރިން ހަމާސް ޖަމާއަތުން ރަހީނު ކުރި އިޒުރޭލު އާންމުންގެ ތެރެެއިން މިހާތަނަށް ދުނިޔޭގައި ތިބި އެންމެން މިއަދު ދޫކޮށް އެ ނިމުނީ އެވެ. 
އަދި 28 މީހެއްގެ ހަށިގަނޑު ވެސް އަނބުރާ އިޒުރޭލާ ހަވާލު ކުރުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެކަން ހިނގާނެ އިރެއް އަދި ނޭނގެ އެވެ.
އަސީރުން މިނިވަން ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި އިޒުރޭލަށް ވަޑައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
އިޒްރޭލާއި އެމެރިކާ އިން ބުނާ ގޮތުގައި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެންމެ މުހިންމު ޝަރުތަކީ އެ މީހުން ދޫކޮށްލުމެވެ.
އެ އެއްބަސްވުމުގެ ދަށުން ހަމާސް އިން 20 މީހުން ދޫކޮށްލަން ޖެހެ އެވެ.
ފުރަތަމަ ހަތް މީހުން ދޫކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ހަމާސް ޖަމާއަތުންއެ މީހުން ހަވާލު ކުރީ ރެޑް ކްރޮސްއާ އެވެ.
އޭގެ ދެ ގަޑިއިރު ފަހުން ބާކީ ތިބި 13 މީހުން ވަނީ ދޫކޮށްލައިފަ އެވެ. ދެވަނަ ގުރޫޕް ދޫކޮށްލުމުގެ ކުރިން، ހަމާސްގެ ހަނގުރާމަވެރިން ވަނީ އެ މީހުންގެ އާއިލާތަކަށް ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތުދީ، އެ ކޯލްތައް އިޒްރޭލުގެ މީޑިއާއާ ހިއްސާ ކުރުމަށް އެދިފަ އެވެ.
އެ ހުރިހާ މީހުން ވެސް މިދިޔަ ދެ އަހަރުގެ ބޮޑު ބައި ހޭދަކުރީ ބިމުގެ އަޑީގައި ޓަނަލްތަކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ