އެމްއެމްއޭއަށް ޑޮލަރު މާރުކުރުން އުވާލައި ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ލިބޭގޮތް ހަދާނަން: ޔާމީން

އެމްއެމްއޭއަށް ޑޮލަރު މާރުކުރަން މަޖުބޫރުވާގޮތަށް ހަދާފައިވާ އުސޫލު ގާނޫނާ ހިލާފު ކަމަށާއި ވެރިކަން ކުރަން ފުރުސަތު ލިބިއްޖެނަމަ އެ އުސޫލު އުވާލައި ރިސޯޓް މުވައްޒަފުންނަށް ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުސާރަ ލިބޭގޮތަށް ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ -  އެމްއެމްއޭއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަސްތެރޭ ވަނީ ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ އާ ގާނޫނެއްގެ ދަށުން ބޭރު ފައިސާއާ ބެހޭ ހަރުކަށި ގަވައިދެއް އާންމުކޮށްފަ އެވެ. އަދި މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދެއް ވެސް އާންމުކުރި އެވެ.
އާ ގަވާއިދުގައިވާ ގޮތުން ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް، ވަކި މުއްދަތެއްގެ ތެރޭގައި މާރުކުރަން ޖެހޭނެ އެވެ. އަދި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ އަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އުސޫލެއް ވެސް ނެރެފައި ވެއެވެ.
މި ބަދަލާ އެކު ބައެއް ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ މިހާރު ދެނީ ރުފިޔާއިން ނެވެ. 
ބުނީ ކީކޭ؟ - ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ބައިވެރިވި މީހަކު އެ ޖަލްސާގައި ވާހަކަދައްކަމުން ވަނީ، އޭނާ ވަޒީފާ އަދާކުރާ ރިސޯޓުގައި ވެސް ދިވެހި ފައިސާ މުސާރަދޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، އެ ގާނޫނޫ އުވާލަން ރިސޯޓު މުވައްޒަފުން އެދޭ ކަމަށާއި ވެރިކަމާ ހަވާލުވާން ފުރުސަތު ލިބިއްޖެނަމަ އެކަން ކުރައްވާނަންތޯ ޔާމީންއާ އޭނާ ސުވާލުކުރި އެވެ. އެމީހާ ބުނީ:
އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ހެދި ގަވާއިދުގެ ދަށުން ރިސޯޓު މުވައްޒަފުންގެ ހައްގު ނިގުޅައިގަނެ އެ މުވައްޒަފުން ނިކަމެތިކޮށްފި
ޔުނިވާސަލް އެއްވެސް ރިސޯޓަކުން މިހާރު ޑޮލަރަކުން މުސާރައެއް ނުދޭ
ބޭންކު ރޭޓަށް 500 މާރުކުރީމާ މި ޖެހެނީ 7000 ކޮންމެވެސް ވަރެއް
އެކަމަކު މާކެޓު ރޭޓުން 500 ޑޮލަރަށް މިހާރު ވެެސް އެބަޖެހޭ 9000 އަށްވުރެ މަތިން
"10،000ރގެ ގެއްލުމެއް ރައީސް މުހައްމަދު މުއިއްޒު ރިސޯޓު މުވައްޒަފުންނަށް ދީފި. ރިސޯޓު މުވައްޒަފުން ވަރަށް މަސައްކަތްކޮށްގެން މި ސަރުކާރު ގެނައީ. އެކަމަކު ހަމަ ސީދާ އެ މުވައްޒަފުންގެ ކަރަށް ފައިން އަރައިގެން އެ ހުންނެވީ،" ޕީއެންއެފް ޖަލްސާގައި ވާހަކަދެއްކި އެމީހާ ބުންޏެވެ.
ޖަވާބުގައި ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ވެސް ޖާދޫ ހަދާ ބޭފުޅެއް ނޫން ކަމަށާއި، އެކަންކަން ހައްލުކުރަން ވަގުތުކޮޅެއް ވެސް ބޭނުންވާނެ ކަމަށެވެ. އެކަމަކު އެމްއެމްއޭއަށް ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ނެރުނު އުސޫލަކީ ގާނޫނާ ހިލާފު ބާތިލު އެއްޗެއް ކަމަށް ދެކޭ ކަމަށާއި އެއީ ބާތިލުކުރަންޖެހޭ އުސޫލެއް ކަމަށް ޔާމީން ވިދާޅުވި އެވެ.  ޔާމީން އިތުރަށް ވިދާޅުވީ:
ރިސޯޓު މުވައްޒަފުން ބުރަ މަސައްކަތުން ހޯދާފަ ހުންނަ ފައިސާ ރައްޔިތުންގެ އަތުން މަޖުބޫރުކޮށްގެން އެހެން ދޭކަށް ނުބުނެވޭނެ
އެހެންވެއްޖެއްޔާ އަނބިދަރިންނަށް ހޯދާ ކޮންމެ ތިން ހެދުމަކުން ދެ ހެދުން ސަރުކާރަށް ދޭންވާނެއޭ ވެސް ބުނަންވާނެ
އެއީ ރިސޯޓު މުވައްޒަފުންގެ މަސައްކަތުން ހޯދާ ޑޮލަރު؛ އެ ޑޮލަރު ސަރުކާރުން ގަންނަން ބޭނުންވާނަމަ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓުން ގަނޭ
"އަޅުގަނޑު ދަންނަވަން އޮތީ އެއީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫނޭ. އެހެނެއް ނުހެދޭނެޔޭ. ހަމަ ޑޮލަރުން ރިސޯޓުގައި އެ އުޅޭ ކުދިންނަށް މުސާރަ އާއި އެލަވަންސްއާ ދެން ވެސް އެ ދޭންޖެހޭ އެއްޗެއް ދޭގޮތަށް ބަދަލުކުރެވޭނެ، ބަދަލުކުރާނަން،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ