ބައެއް އިދާރާތަކުން 'ވަންގަވް'ގައި ބައިވެރިނުވާތީ، ޓްރޭޑްނެޓްގެ ވެރިން މަޖިލީހަށް ހަޒީރުކުރަން އަނެއްކާ އެދިއްޖެ

ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އެއް ވިއުގައެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓަކައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިފުތިތާހުކުރި 'ވަންގަވް' ވިއުގައިގައި، ބައެއް އިދާރާތަކުން ބައިވެރިނުވާ ސަބަބު ހޯދުމަށް، އެ ވިއުގަ ހިންގާ ޓްރޭޑްނެޓް ކޯޕަރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެއެވެ. މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މީގެ ކުރިން ވެސް ވަނީ، ވަންގަވްގައި ބައެއް އިދާރާތަކުން ބައިވެރިނުވާ މައްސަލައިގައި ޓްރޭޑްނެޓްގެ ވެރިން ހާޒިރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އެކަމަށް ފުރަތަމަ އެދިވަޑައިގަތުމުން މަޖިލީހުގެ އިދާރާއިން ވަނީ، އެ މައްސަލައިގައި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ޓްރޭޑްނެޓާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވައިފައިވާ ކަމަށް ބުނެފައެވެ. އެ ބައްދަލުވުމުން އެނގުނު ގޮތުގައި، ވަންގަވްއަށް އިދާރާތައް ވެއްދުމަށް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބާރުދޭ ގާނޫނީ އޮނިގަނޑެއް ފުރިހަމަވެފައި ނެތުން ކަމަށް، ކޮމިޓީއާ ހަވާލާދީ މަޖިލިސް އިދާރާއިން ބުނެފައިވެއެވެ. އަދި އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑު އެކަށައެޅުމަށް ބިލެއްގެ ޑްރާފްޓް އެކުލަވާލައި، ވަންގަވްގެ ބަލަދުވެރި މިނިސްޓްރީތަކަށް އެ ޑްރާފްޓް މުރާޖައާ ކުރުމަށް ހުށަހަޅައިފައިވާ ކަމަށް ވެސް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ. https://sun.mv/179465 އެ މައްސަލައިގައި އަނެއްކާވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ، ވަންގަވް އުފައްދައިފައިވަނީ 2023ގައި ކަމަށްވާއިރު، 2024 ވަނަ އަހަރާ ހަމައަށް އެ ވިއުގައާ ގުޅިފައިވަނީ ސަރުކާރުގެ 14 އިދާރާއެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޓްރޭޑްނެޓަށް ދިވެހި ރައްޔިތުންގެ މާލިއްޔާއިން ބޮޑު ބަޖެޓެއް އެކަށައަޅައި، އެ ފައިސާއިން ބޮޑު ޚަރަދުތައް ކުރަމުންދާއިރު، އެ ކުންފުނި އުފެއްދި މަގުސަދުތަކާއި ރޫހާ އެއްގޮތަށް އެ ތަނުގެ މަސައްކަތްތައް ކުރެވެމުންނުދާ ނަމަ އެއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): އޭނާ ވަނީ ވަނީ ކުންފުނީގެ ވެރިން އަނެއްކާވެސް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް "ވަންގަވްއާ ގުޅުމުގެ ބަދަލުގައި ބައެއް، ދައުލަތުގެ ބައެއް ވުޒާރާތަކާއި އިދާރާތަކުން ދަނީ އެ އިދާރާތަކުގެ އަމިއްލަ ވިޔުގަތައް ގައިމުކޮށް ޚިދުމަތް ފޯރުކޮށްދެމުންނެވެ." ކުޑޫ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހުރިހާ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ވަސީލަތްތަކާއި ފައިސާ ކަނޑައަޅައިފައިވަނިކޮށް ބައެއް އިދާރާތަކުން އަމިއްލަ ވިއުގަތައް ގާއިމުކޮށްގެން ކުރިއަށް ދިޔުމަކީ ކޮރަޕްޝަނަށް މަގުފަހިވެ، މަސައްކަތުގެ ސްޕީޑާއި އެފިޝެންސީއަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. އެގޮތުން ވަކި ވިއުގަތައް ތައާރަފުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށާއި، އެ ވިއުގަތައް މެއިންޓެއިން ކުރުމަށް ޚަރަދުތައް ދާނެކަން ކުޑޫ ފާހަގަކުރެއްވިއެވެ. "މި ހުރިހާ ކަމަކަށް ވަސީލަތްތަކާއި ފައިސާއަކީ ދައުލަތުގެ އޮފީސްތައް ހިންގުމަށް ކުރާ ޚަރަދުން ސަަލާމަތްކޮށް، އެކަންކަމުން އެއަށްވުރެ ޒަރޫރީ ބޭނުންތަކަށް ރައްކާކުރެވޭނެ ފައިސާއާއި ވަސީލަތްތަކެވެ." އޭނާ ލިޔުއްވާފައިވެއެވެ. އެހެންވުމުން، ވަންގަވްގައި ބައިވެރިނުވާ އިދާރާތަކުން އެ ވިއުގައިގައި ބައިވެރިނުވާ ސަބަބުތަކާއި އެކަމަށް ހުރަސްތަކެއް ހުރިނަމަ، އެ ހުރަސްތައް ދެނެގަނެ، އެ ކަންކަމަށް ހައްލުތަކެއް ހޯދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ކުޑޫ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި، ޓްރޭޑްނެޓްގެ އިސް ބޭފުޅުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުކޮށް، ކުރިއަށްދެވޭނެ މަގެއް ހޯދައިދިނުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ. https://sun.mv/212446 ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޓްރޭޑްނެޓްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ ބަދަލު ގެނައުމުގެ މަގުސަދަކީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ތަސައްވުރު ކަމަށްވާ 'މޯލްޑިވްސް 2.0'އާ ގުޅުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ