މައިންގެ ފަރާތުން ދަރިންނަށް ހެޕިޓައިޓިސް ބީ ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ

ރާއްޖެއަކީ މައިންގެ ފަރާތުން ދަރިންނަށް ހެޕިޓައިޓިސް ބީ ނުފެތުރޭ ގައުއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން މިއަދު އިއުލާނު ކޮށްފި އެވެ.
ވީ ކިހިނެއް؟ - ޑަބްލިއުއެޗްއޯ އިން ބުނީ ރާއްޖެ އަކީ ވެސް މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ އަދި ސިފްލަސް ވެސް ނުފެތުރޭ ގައުމެއް ކަމަށެވެ.
ތަފްސީލް - މިއާއެކު ރާއްޖެ އަކީ ދުނިޔޭގައި ވެސް މި ތިންބަލި، މައިންގެ ފަރާތުން ދަރިންނަށް ނުފެތުރޭ ނުވަތަ 'ޓްރިޕަލް އެލެމިނޭޝަން' ހާސިލް ކުރި ފުރަތަމަ ގައުމު ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ އަށް ލިބުނު ކާމިޔާބީ އަށް މަރުހަބާކިޔާ ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައި ބުނީ މައިންނާއި ތުއްތު ކުދިންގެ ސިއްހަތާ ގުޅޭ ކަންކަމުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައ ބަލިވެއިންނަ އަންހެނުންގެ %95 މީހުންނަށް ވިހެއުމުގެ ކުރިން ލިބެންޖެހޭ ސިއްހީ ފަރުވާ ލިބޭ ކަމަށާއި އެޗްއައިވީ، ސިފްލަސް އަދި ހެޕިޓައިޓިސް ބީ އަށް ޓެސްޓުކުރުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް އޮންނަ ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަ ކުރި އެވެ.
އަލަށް އުފަންވާ ކުދިންނަށް ދޭންޖެހޭ ހެޕިޓައިޓިސް ބީ ވެކްސިން %95 އަށް ވުރެ ގިނަ ކުދިންނަށް ދޭ ކަމަށާއި ވެކްސިންގެ ޑޯޒް ހަމަކޮށް އެ ބަލިން އުމުރަށް ރައްކާތެރިވުމުގެ ފުރުސަތު އެ ކުދިންނަށް އޮންނަ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.
2022 ވަނަ އަހަރާއި 2023 ވަނަ އަހަރު އެޗްއައިވީ ނުވަތަ ސިފިލިސް ހުންނަ އެއްވެސް ކުއްޖަކު ރާއްޖޭގައި އުފަންވެފައި ނުވޭ
ޑަބްލިއުއެޗްއޯ އިން ބުނީ ރާއްޖޭގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއި ލެބޯޓްރީގެ ކޮލިޓީ މެނޭޖްމަންޓް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.
ސިއްހީ ދާއިރާ އާ ގުޅުންހުރި އަމާޒުތައް ހާސިލްކޮށް ބަލިތައް ނައްތާލުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތުގައި ޑަބްލިއުއެޗްއޯގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ އަށް ލިބުނު މި ކާމިޔާބީ ފާހަގަ ކުރައްވާ ރައީސް މުހައްމަދު މުއިއްޒު ވަނީ މި ލަނޑުދަނޑި ހާސިލްކުރުމަށް ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާއި މުޖުތަމައުން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ