ޑޮނަރުންމާ ބޭނުމީ ސިޓީއާ އެކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ޑޮނަރުންމާ ބޭނުމީ ސިޓީއާ އެކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން

މެންޗެސްޓާ (ސެޕްޓެމްބަރު 12) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު، މެންޗެސްޓާ ސިޓީއާ ގުޅުުނު އިޓަލީ ގައުމީ ޓީމުގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ، އެ ކްލަބާ އެކު ވެސް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ޓާގެޓް ކަނޑައަޅައިފި އެވެ.
ޑޮނަރުންމާ، 26، އަކީ މިދިޔަ ސީޒަނުގައި، ޕީއެސްޖީން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ޕީއެސްޖީއާ ޖެހުނު މައްސަލަތަކަކަށް ފަހު، އެ ކްލަބް ދޫކޮށް ޑޮނަރުންމާ، ސިޓީ އަށް ބަދަލުވީ، ޖުމްލަ އެކު، 30 މިލިއަން ޑޮލަރު އަރާ ޑީލެއްގެ ދަށުންނެވެ.
"ސިޓީއާ އެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލުމަކީ އަހަރެން ދެކޭ ހުވަފެނެއް. ކްލަބް ފުޓްބޯޅައިގައި ކުޅުންތެރިއަކަށް ހޯދޭނެ އެންމެ ބޮޑު ކާމިޔާބަކީ އަހަރެން ދެކޭ ގޮތުގައި ޗެމްޕިއަންސް ލީގު، އެހެންވީމަ، ސިޓީއާ އެކު އަހަރެން ބޭނުމީ އެ ކާމިޔާބު، އެ ފޮރުވާފައި ބާއްވާކަށެއް ނެތިން،" ޑޮނަރުންމާ ބުންޏެވެ.
ޑޮނަރުންމާއާ އެކު، ޕީއެސްޖީން ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުން އާ ކުރަން ޕީއެސްޖީން ޑޮނަރުންމާއާ އެކު ކުރި މަޝްވަރާތައް ހުއްޓާލީ މުސާރައަކާ މެދު ގޮތެއް ނުނިންމިގެންނެވެ. އޭގެ ފަހުން، ޑޮނަރުންމާ ދޫކޮށްލަން ނިންމައި، ޕީއެސްޖީން ވަނީ ލިލް އަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ ގޯލްކީޕަރު، ލޫކަސް ޝެވަލިއޭ، 60 މިލިއަން ޑޮލަރު ދީފައި ވަނީ ގަނެފަ އެވެ.
ޕީއެސްޖީން މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ފްރާންސްގެ ތިން މުބާރާތުގެ ތަށި ހޯދިއިރު ޑޮނަރުންމާ ވަނީ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޒުވާން އުމުރެއްގައި އޭސީ މިލާނުގެ ފުރަތަމަ ޓީމަށް ކުޅެން ފެށި ޑޮނަރުންމާ، އެ ޓީމު ދޫކޮށްލީ 2021 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގަ އެވެ. މިހާތަނަށް ޕީއެސްޖީ އަށް 161 މެޗު ކުޅެދީފައިވާއިރު، އެ ޓީމާ އެކު، 10 ޓްރޮފީ ހޯދި އެވެ.
ސިޓީގައި ޑޮނަރުންމާ ކުޅޭ ފުރަތަމަ މެޗަކަށް އަންނަ އާދިއްތަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ކުޅޭ މެޗު ވުމުގެ ފުރުސަތު އެބައޮތެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ