ރާއްޖޭގެ ތާއީދާއެކު "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގެންފި
"ނިއުޔޯކް ޑެކްލެރޭޝަން"، ނުވަތަ ސުލްހަވެރި ގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރު، އދ ގެ އާންމު މަޖިލީހުން މިއަދު ބަލައިގެންފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ސުލްހައާއި އިންސާފަށް ގޮވާލާ މި ގަރާރަށް ރާއްޖޭން ތާއީދުކުރާކަން ހާމަކުރައްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އަދި މިފަދަ ގަރާރުތަކަކީ، ބައިނަލްއަގްވާމީ މުޢާހަދާތައް ހަރުދަނާކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ގަރާރުތަކެއް ކަމަށެވެ. "ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން" ފާސްކުރުމަށް ރާއްޖޭން ވޯޓުދިން އިރު، ރާއްޖެ ހިމެނޭހެން 142 ގައުމަކުން ވޯޓު ދިނީ ގަރާރު ފާސްކުރުމަށެވެ. މި ގަރާރާ ދެކޮޅަށް 10 ގައުމަކުން ވޯޓުދިން އިރު 12 ގައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅައިފައެވެ. މި ގަރާރަކީ މިދިޔަ ޖުލައި މަހުގެ 28އިން 30އަށް ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ ގައި ގައި ބޭއްވި މަތީ ފަންތީގެ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ނަތީޖާ ކަރުދާހެވެ. މި ގަރާރުގައި ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، އެ ގައުމުގައި މިނިވަން، އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ޑެކްލަރޭޝަންގައި ގޮވާލާފައިވެއެވެ. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ގައުމުތަކަށް ލިބޭ ހައްގު އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ. ރާއްޖޭން އަބަދުވެސް ގޮވައިލަމުން އަންނަނީ، ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައިގެން ކަމަށެވެ. އަދި މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބައިނަލްއަގްވާމީ ޤާނޫނުތަކާއި އދ.ގެ ޗާޓަރާއި އެއްގޮތްވާގޮތުގެ މަތިން ފަލަސްތީނުގެ ދައުލަތް ގާއިމްކުރެވުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ