މަޝްވަރާއާއި ދިރާސާއަށް ނުބަލާ، ގެންނަނީ ތާކުންތާކު ނުޖެހޭ ބަދަލުތަކެއް: ކުޅުދުއްފުށީ މޭޔަރު

ކައުންސިލްތަކަށް އެހީ ދޫކުރާ އުސޫލަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލަށް ފާޑުވިދާޅުވެ، ކަންބޮޑުވުމަކީ މަޝްވަރާއާއި ނިޒާމާ ގުޅޭ ގޮތުން ހެދި ދިރާސާއަށް ބެލުމެއް ނެތި 'ތާކުންތާކު ނުޖެހޭ' ބަދަލުތައް ގެންނާތީ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިއަދު ވިދާޅުވެއްޖެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކަށް ދެމުން އަންނަ އެހީ ދެގުނަ ބޮޑުކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފައެވެ. އަދި، ރަށުގެ އާބާދީ މަދުކަމުގައިވީ ނަމަވެސް، ބިމުގެ ގޮތުން ރަށް ބޮޑުނަމަ، އެ ރަށެއްގެ ކައުންސިލަކަށް ބްލޮކް ގްރާންޓް ބޮޑުކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ވަނީ އިއުލާންކުރައްވައިފައެވެ. އެ ކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާތިފް ވިދާޅުވީ، ރައީސް މުއިއްޒު ވިދާޅުވަނީ ދިވެހި ރައްޔިތުންގެ މާލިއްޔާއިން ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާއަށް އިތުރު ގޮތްގޮތް ހައްދަވަ ވާހަކަ ކަމަށެވެ. އެ ގޮތުން، މިހާރު އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކުގެ މަސައްކަތަށް ދޭއިރު ބާކީ 95 އިންސައްތައަކީ މައި ސަރުކާރަށް ލިބޭ ފައިސާކަން އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/210903 "ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތަކަށް ވާންވީ ސަރުކާރަށް ރައްޔިތުން ދީފައޮތް 95 އިންސައްތައިން ރައްޔިތުންނަށް އިތުރު މަންފާއެއް ކުރާނެ ސިޔާސަތުތަކެއް އެކަށައެޅުން،" މޭޔަރު އާތިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު ހުށަހަޅާ ބަދަލުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ އިންސައްތަ އެއްވެސް ވަރަކަށް ބޮޑުނުވާ ކަމަށެވެ. އެހެންވެ، އެ އިންސައްތަ ބޮޑުނުކޮށް މި ބަދަލު ގެނެސްފި ނަމަ ކައުންސިލްތަކުން މަސައްކަތްކުރަން ލިބޭ ފައިސާއިން ފަސް އިންސައްތަ އުނިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. "ސަރުކާރުގެ އިޚުލާސްތެރިކަމެއް ހުރީވިއްޔާ މިހާރު ޤާނޫނުގައި ކައުންސިލްތަކަށް ދައުލަތުގެ އާމްދަނީގެ ތެރެއިން ދޭންޖެހޭގޮތަށް ކަނޑައަޅާފައި އޮތް ފަސް އިންސައްތަ ބޮޑުކޮށްދެއްވާ، ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށްް މި ފަސް އިންސައްތައިގެ ބޭރުން ކޮންމެ ވެސް އިންސައްތައެއް ދައުލަތުގެ ބަޖެޓުން ހަމަޖައްސަވައިދެއްވާ،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މޭޔަރު ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ކައުންސިލަރުންނާ އެކު މަޝްވަރާކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބާއްވާފައިވާ ފަނޯއްލަ ދަރުބާރުގައި އެކުލަވާލި އިސްލާހީ ކަރުދާސްތަކާއި، ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މި ސަރުކާރުން ހެދި ދިރާސާއަށް ބެލުމެއް ނެތި ކުއްލިކުއްލިއަށް ބަދަލު ގެންނާތީ ކަމަށެވެ. "މި ސަރުކާރުން ލާމަރުކަޒީ ނިޒާމާގުޅޭގޮތުން ހެއްދެވި ދިރާސާއަށް ބެލުމެއްނެތި ކުއްލި ކުއްލިއަށް ތާކުންތާކު ނުޖެހޭ ގޯސް ބަދަލުތައް ގެންނަވަން ނިންމަވާ އިއުލާން ކުރައްވަމުންދާކަން [އެންމެ ބޮޑު ކަންބޮޑުވުމަކީ]،" އާތިފް ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ޕޯސްޓުގައިވާ ގޮތުން، ސަރުކާރުން ނިންމާފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަކުރުމުގެ އިތުރުން، އެ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އިނާޔަތްތައް ކޮމިޓީތަކުގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްތަކުގެ ބަޖެޓުން ދޭ ގޮތަށް ހަމަޖެއްސުމަށެވެ. މި ބަދަލުތައް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު، އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހުށަހެޅުމުގެ ކުރިން ސަރުކާރުން ގެންނާނެ ކަމަށް އެ މަނިކުފާނު ލިޔުއްވާފައިވެއެވެ. https://sun.mv/210905 ފާހަގަކޮށްލެވޭ ގޮތުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭ ގޮތް ހެދީ މިދިޔަ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުގައެވެ. އޭގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް އެ ފަހަރު ގެނައި ބަދަލުތަކުގެ ތެރޭގައި އަންހެނުންގެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައް ހިމަނާފައިވެއެވެ. ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީތަކުން ބޭނުން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުމަށް ވެސް ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ