މަސްވެރިންގެ މުޒާހަރާގެ ތެރެއިން ކުރީގެ ގައުމީ ކީޕަރު އިމްރާން އާއި މެންބަރު މައުރޫފް ހައްޔަރުކޮށްފި މަސްވެރިންގެ މުޒާހަރާގެ ތެރެއިން ކުރީގެ ގައުމީ ކީޕަރު އިމްރާން އާއި މެންބަރު މައުރޫފް ހައްޔަރުކޮށްފި

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު، އިމްރާން މުހައްމަދު އާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހައްޔަރުކޮށްފި އެވެ.
ދިވެހި ގައުމީ ޓީމަށް 100 މެޗު ކުޅެދީފައިވާ ހަމައެކަނި ކުޅުންތެރިޔާ، އިމްރާންއަކީ ބީކޭއެމްޔޫގެ ނައިބުރައީސް އެވެ. ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރުއަކީ އެ ޖަމިއްޔާގެ ސެކްރެޓްރީ ޖެނެރަލް އެވެ.
އެ ދެމީހުން ހައްޔަރުކުރީ މަސްވެރިންގެ މުޒާހަރާ ލީޑުކުރާ ދޯނީގައި އެ މީހުން ތިއްބައި އެ ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ. މައުރޫފް އާއި އިމްރާން ހައްޔަރުކުރިއިރު، އޭނާ ދިޔައީ މަސްވެރިންގެ މުޒާހަރާ ލީޑުކުރުމުގައި ވެސް އިސް ދައުރެއް އަދާ ކުރައްވަމުންނެވެ.
މަސްވެރިންގެ މުޒާހަރާގައި ބައިވެރިވާ ދޯނިޔަކަށް ފުލުހުން މިއަދު ހެނދުނު އަރަން ފެށީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް، މިހައިތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ އެއްގޮތަށް އުޅުނު ހަތަރު ބިދޭސީންނެވެ. އޭގެއިތުރުން މުޒާހަރާގައި ބައިވެރިވާ ދެ ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އަދަދު އާ ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ފުލުހުން ދޯނިތަކަށް ފުލުހުން އަރައި އެމީހުންގެ ބެލުމުގެ ދަށަށް ދޯނިތައް ގެންދަން ފެށީ ކޯޓު އަމުރެއް ވެސް ނުދައްކައި ކަމަށެވެ.
"ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކޯޓު އަމުރެއް ނުދައްކާ، ގާނޫނާ ހިލާފަށް، ސީދާ ގައިރުގާނޫނީކޮށް އެކަން އެ ކުރަނީ، ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކަމެއް ނޫން އިހުތިޖާޖު ކުރުމަކީ،" މައުރޫފް ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައި މާލޭ އެއް ނަންބަރު ފާލަން ބޭރުގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި މިވަގުތު 25 ވަރަކަށް ދޯނި އެބައޮތެވެ.
މަސްއޮޑިފަހަރަށް އިމިގްރޭޝަން އޮފިސަރުންނާއެކު ފުލުހުން އަރަން ފެށީ މުޒާހަރާއަށް ހުރަސް ނާޅަން މަސްވެރިންގެ ޔޫނިއަނާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން މިއަދު ގޮވާލައިިފައި އޮއްވަ އެވެ.
މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ