ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ވިޔާނުދާކޮށް ނުވަތަ ހަޑިކޮށް އުޅުމަކީ ބައެއް ސިޔާސީ ޕާޓީތަކަށް މިހާރު ގަބޫލުކުރެވޭ ގޮތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސައުދުﷲ މިހެން ވިދާޅުވީ، ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައި ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
މި ގަރާރަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް އެކިއެކި ކަންކަން ކުރަމުންދާ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި، މިކަމަކީ 2004 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން އަބަދު ތަހައްމަލު ކުރަން ދިވެހި ރައްޔިތުން ނުތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”މިހާރު ފާހަގަކުރެވޭ އެއްކަމަކީ ރައްޔިތުންގެ ތާއީދު ހޯދުމަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ އެންމެ ހަޑިކޮށް ވިޔާނުދާކޮށް މަގުމަތީގައި އުޅުން ކަަމަށް ބައެއް ބޭފުޅުންނަށް ނުވަތަ ޕާޓީތަކަށް ވަނީ ގަބޫލްކުރެވިފައިކަން. އެކަހަލަ ކަންތައްކޮށް ޓީވީތަކާއި ނޫސްތަކުގައި ރިޕޯޓްކުރީމަ ރައްޔިތުންގެ ތާއީދު ލިބޭ ކަމަށް އެ ފަރާތްތަކަށް ގަބޫލްކުރެވޭ. އެކަންކަން ބަދަލުކޮށްގެން ނޫނީ ހެޔޮ ގޮތުގައި ގައުމައިގެން ކުރިއަށް ދިއުމަށް ފަސޭހައެއް ނުވާނެ،“ ސައުދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން ސައުދުﷲ ފާހަގަކުރެއްވި ގޮތުގައި، ހަޑިކޮށް އުޅުމުން އެއީ ”ބަރާބަރު“ ނުވަތަ ”މޮޅު“ ބައެއް ކަމަށް ދެކޭ ހިސާބަށް ބައެއް ރައްޔިތުންގެ ވިސްނުން ބަދަލުވެގެން ދިއުމަކީ ހިތާމަހުރި ކަމެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ޅަދަރިންނަށް ދެވެނީ ނުބައި މެސެޖެއް ކަމަށާއި، ދަރިންގެ އަހުލާގު ރަނގަޅު ކުރަން ހިންގާ ޕްރޮގްރާމްތަކުގެ މަގްސަދު މިކަމުގެ ސަބަބުން ގެއްލިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ، އަންނަން އޮތް ޖީލަށް ރަނގަޅު ނަމޫނާއެއް ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ގާނޫނާ ހިލާފަށް ކަންކަން ކުރާ ފަރާތްތަކާ މެދު ކަމާބެހޭ އިދާރާތަކުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
މި ބަހުސް ކުރިއަށްދާއިރު، މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ސައުދުﷲ ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މިފަދަ ނުރަނގަޅު އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.
ރައްޔިތުންގެ ތާއީދު ހޯދަން ބައެއް ޕާޓީތަކުން ހަޑިކޮށް އުޅޭތީ މެމްބަރު ސައުދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ