އިންޑިއާއިން މިދިޔަ އަހަރު އިންޑަސް ވޯޓާ ޓްރީޓީ (އައިޑަބްލިޔުޓީ) ސަސްޕެންޑްކޮށްފައި ވާއިރު، އަވަށްޓެރި ޕާކިސްތާނަށް "އެންމެ ފެން ތިއްކެއްވެސް" ނުދާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ވޯޓާ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުން މީގެ ކުރިން ބުނެފައިވަނީ ބޯޑަރު ހުރަސްކޮށް ދައުރުވާ ފެނުގެ އާރުތަކުގެ މިސްރާބަށް ބަދަލު ގެނައުމަށް ކުރާ ކޮންމެ މަސައްކަތަކީ "ހަނގުރާމައިގެ އަމަލެއް" ކަމަށް ބަލާނެ ކަމަށެވެ. އަދި 1960 ވަނަ އަހަރު ސޮއިކުރި އައި.ޑަބްލިއު.ޓީ އަކީ އެއްބަޔަކު އެއިން ވަކިވުމަކުން އުވޭ އެއްޗެއް ނޫން ކަމަށާއި އެހެންވެ އެ މުއާހަދާ އަދިވެސް ދެމި އެބަ އޮތް ކަމަށް ޕާކިސްތާނުން ބުނެ އެވެ.
"ކުރިއަށް އޮތް އަހަރުތަކުގައި [ޕާކިސްތާނަށް] އެންމެ ފެން ތިއްކެއްވެސް ނުދާނެކަން ކަށަވަރު،" އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ އޭ.އެން.އައި ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވޯޓާ މިނިސްޓަރު ސީ.އާރު. ޕާޓިލް ވިދާޅުވި އެވެ.
ޕާޓިލް ވިދާޅުވީ، ބޮޑުވަޒީރު ނަރެންދުރާ މޯދީގެ "އިރުޝާދަށް ފަހު" އިންޑިއާއިން މިކަމަށް "އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ" ކަމަށެވެ.
މި މުއާހަދާއަކީ އިންޑިއާއިން ފެށިގެން، ޕާކިސްތާނުގެ ތެރެއިން ދެމިގެންދާ ހަ ކޯރެއްގެ ފެން ބޭނުންކުރުމާ ބެހޭ މުއާހަދާއެކެވެ. މިއީ އެތައް ސަތޭކަ މިލިއަން ބަޔަކު ބަރޯސާވާ ފެނުގެ މައި ވަސީލަތެވެ.
އިންޑަސް ކޯރު ދަތުރުކުރަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން ބޮޑު، އަދި ދެ ގައުމުން ވެސް އެއްކޮށް މިލްކުވެރިކަމަށް ދައުވާކުރާ މުސްލިމް އަޣްލަބިއްޔަތު އޮންނަ ކަޝްމީރުގެ ސަރަހައްދީ ރޮނގުތަކުގެ ތެރެއިންނެވެ.
އިންޑިއާގެ ކަޝްމީރު ފަޅީގައި ޓޫރިސްޓުންނަށް ދިން ނުރައްކާތެރި ހަމަލާއެއްގެ ފަހަތުގައި ޕާކިސްތާން އޮތް ކަމަށް ތުހުމަތުކޮށް، އިންޑިއާއިން މެއި 2025 ގައި ވަނީ އައި.ޑަބްލިއު.ޓީ ސަސްޕެންޑް ކުރިކަން ހާމަކޮށްފަ އެވެ.
ނިއުކްލިއާ ހަތިޔާރު ލިބިފައިވާ މި ދެ އަވަށްޓެރިންގެ ދެމެދުގައި ހަތަރު ދުވަހުގެ ކުރިމަތިލުމެއް ހިނގައި، ޑްރޯން، މިސައިލް އަދި އާޓިލަރީގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް، ދެ ފަރާތުން ޖުމްލަ 70 އެއްހާ މީހުން އެފަހަރު މަރުވި އެވެ. އޭގެ ފަހުން ހަމަލާތައް ހުއްޓުމަކަށް އައުމަށް ފަހު ވެސް ފެނުގެ މައްސަލައަކީ ދެ ގައުމުގެ ދެމެދުގައި ބޮޑު ދެބަސްވުމެއް އުފެދިފައިވާ ކަމެކެވެ.
މި މަހުގެ ކުރީކޮޅު، އިންޑިއާއިން ކޮންޓްރޯލްކުރާ ޗެނާބް ކޯރުގެ ސަރަހައްދުގައި ދެ މަޝްރޫއެއް އިއުލާނު ކުރުމާ ގުޅިގެން، އިންޑިއާއިން ފެން "ހަތިޔާރަކަށް" ހަދަން ބޭނުންވާ ކަމަށް ޕާކިސްތާނުން ވަނީ ތުހުމަތުކޮށްފަ އެވެ.
މެއި މަހުގެ ތެރޭގައި، އިންޑިއާ ސަރުކާރުގެ ނޭޝަނަލް ހައިޑްރޯއިލެކްޓްރިކް ޕަވަރ ކޯޕަރޭޝަނުން ވަނީ ޗެނާބް ކޯރުން ބިއާސް ކޯރަށް ފެން ބަދަލުކުރުމަށް ހުށަހަޅާފައިވާ ޓަނަލް މަޝްރޫއެއްގެ ޓެންޑާ ނޯޓިސް ނެރެފަ އެވެ.
އިންޑިއާގެ ޕަވަ މިނިސްޓްރީން ޖެނުއަރީ މަހު ބުނެފައިވަނީ، "އިންޑަސް ވޯޓާސް ޓްރީޓީ އުވާލުމާ ގުޅިގެން" ޗެނާބް ކޯރުގައި ހުންނަ ސަލާލް ޕަވަ ސްޓޭޝަން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންޑިއާގައި މިހާރު ހުރި ޑޭމްތަކަކީ ފެން ބްލޮކް ކުރުމުގެ ނުވަތަ އެހެން ދިމާލަކަށް އަނބުރާލުމުގެ ގާބިލުކަން ހުރި ތަންތަނެއް ނޫނެވެ. އެ ތަންތަނަށް ހަމައެކަނި ކުރެވޭނެ ކަމަކީ ފެން ދޫކުރާނެ ވަގުތުތައް ކޮންޓްރޯލް ކުރުން ކަމަސް ތަޖުރިބާކާރުން ބުނެ އެވެ.
ފެން ދޫކުރާ މިންވަރު މަދުކުރުމަކީ ޕާކިސްތާނުގެ ދަނޑުވެރިކަމަށާއި މުޅި އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ. ނަމަވެސް އެފަދަ އެއްވެސް މަޝްރޫއެއްގެ އަސަރު ފެންނަން އެތައް އަހަރެއް ނަގާނެ އެވެ.
އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައިވާ ކަޝްމީރުގެ އޮފިޝަލަކު ވިދާޅުވީ، ފެން ކޮންޓްރޯލްކުރުމުގެ އެއްވެސް މަސައްކަތެއް "2027 ގެ މެދުތެރޭގެ ކުރިން ނުފެށޭނެ" ކަމަށާއި، އެ މަސައްކަތް ފެށުމަށް ފަހު ނިންމުމަށް މަދުވެގެން ފަސް އަހަރު ހޭދަވާނެ ކަމަށެވެ. -- އޭއެފްޕީ
ޕާކިސްތާނަށް އެންމެ ފެން ތިއްކެއް ވެސް ނުލިބޭ ގޮތް ހަދާނަން: އިންޑިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ