ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީން އުޅުމުން އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްއާ އެކަމާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް އަދި ކުރާނެ މަޝްވަރާއެއް ވެސް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، އީދު ބަންދުގައި ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ނާޒިމްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަން ކުރެއްވި ދަތުރުފުޅެއް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުންނެވެ. ނޫސްވެރިޔާ ސުވާލުކުރީ:
އެ ބައްދަލުވުމުގައި ރާއްޖެ އަނބުރާ ވަޑައިގަތުމަށް ނާޒިމުގެ ކިބައިން އެދިވަޑައިގެން، ރާއްޖެ ވަޑައިގަތަސް ހައްޔަރުނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމުގެ ތުހުމަތުކުރެވޭ
ދެން އޮތީ ނައިބު ރައީސް ހަސަން މުހައްމަދު ލަތީފުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުން ކަމަށް ތުހުމަތުކުރެވޭ
މި ތުހުމަތުތަކަށް ރައީސް ވިދާޅުވާން އޮތީ ކީކޭތޯ
ނާޒިމް މަގާމުން ވަކިކުރަން މަޖިލީހަށް ގަރާރު ހުށަހެޅި ދުވަހު އޭނާ ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފަ އެވެ. ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ އީދުގެ ކުރިން މިދިޔަ ހޯމަ ދުވަހު އެވެ. މާލެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.
ބުނީ ކީކޭ؟ - މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި ރައީސް ވިދާޅުވީ، އެއިން އެއްވެސް ވާހަކައެއްގައި ތެދެއް ނެތް ކަމަށާއި އެއީ ބުހުތާނު ދޮގަކަށް ވުރެ ވެސް ބޮޑު ދޮގެއް ކަމަށެވެ. ރައީސް ވިދާޅުވީ، އެ ތުހުމަތުތައް ކުރެއްވި ތަން ސޯޝަލް މީޑިއާގައި ދައުރުކުރި ވީޑިއޯއަކުން ފެނިފައިވާ ކަމަށާއި ފައިސާ ކޮޅެއް ދިނުމުން ވާހަކަދައްކާ މީހުންނާއި ނޫސްވެރިންގެ ލޭބަލް އަމިއްލައަށް އަޅުވައިގެން އުޅޭ ސިޔާސީ އެކްޓިވިސްޓުން ވެސް އުޅޭ ކަމަށެވެ.
ސިންގަޕޫރު ދަތުރުފުޅާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކުރައްވަން ޗުއްޓީއަކަށް ކަމަށާއި އެ މަނިކުފާނުގެ ހުރިހާ ވަގުތެއް ހޭދަކުރެއްވީ އެކަމުގައި ކަމަށެވެ.
"އަޅުގަނޑެއް ނާޒިމާ އެކީގައި ދައްކާނެ ވާހަކައެެއް ވެސް، މަޝްވަރާއެއް ވެސް ނެގޯޝިއޭޝަނެއް ވެސް ނެތް. އެއީ އެކަމަށް ކުރި ދަތުރެއް ނޫން. މިކަމަށް ހެކިވާނެ އެތައް ބަޔަކު ތިބޭނެ. މާލޭން ފުރިއިރު އަޅުގަނޑު ކުދިންނާ އެކު ފުރި ތަން ފެންނާނެ ނޫންތޯ އެމްއޭސީއެލް މުވައްޒަފުންނަށް ވެސް،" ރައީސް ވިދާޅުވި އެވެ.
"ކޯޗެއް ކްރިއޭޓުކުރަން މިއުޅެނީ. ތިއީ ކޯޗެއް. ތިއީ ޕޮލިޓިކްސް އެއްވެސް ނޫނެއްނު. ޑާޓީ ޕޮލިޓިކްސް އެއްވެސް ނޫން. މުޅިން އެހެން ލެވަލްއެއް. ޑެސްޕަރޭޓް ޓު ދަ މެކްސިމަމް."
އެނގުން މުހިންމު - މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި ނާޒިމް ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށް އިއްޔެ އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުކުރީ މަޖިލީހުގެ މެންބަރުންގެ ދެމެދު މަސަލަސްކަން ގެއްލުވާލަން މަސައްކަތްކުރައްވާ ކަމަށެވެ. ނާޒިމް އިސްތިއުފާ ދެއްވައި އިއްޔެ ނެރުއްވި ބަޔާނުގައި އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.
ނާޒިމްއާ ދައްކާނެ ވާހަކައެއް ނެތް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ