މި މަހުގެ ފަހުކޮޅު ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ ކަމުގެ އިޝާރާތް ބީއެމްއެލުން ވަނީ ދީފައި: ރައީސް

ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަށް މަހަށް ކުރެވޭ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަރަށް ބޮޑަށް ލިމިޓް ކޮށްފައިވަނިކޮށް އެކަމަށް މި މަހުގެ ފަހުކޮޅު ލުޔެއް ދެއްވާނެ ކަމުގެ އިޝާރާތް ބީއެމްއެލް އިން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތީ 250 ޑޮލަރެވެ. އެކަމަކު މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރިޔަސް މިހާރު ވަނީ ހުރިހާ ޑެބިޓް ކާޑުތަކަށް ވަކި ލިމިޓެއް ކަނޑައަޅައިފަ އެވެ. 
އެ ބަދަލާ ގުޅިގެން ކުޑަ އަގެއްގައި އެއްޗެއް ބޭރުގެ ވެބްސައިޓަކުން ގަންނަން މަސައްކަތްކުރި ނަމަވެސް އެކަން ނުވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. 
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ ލިމިޓެއް ގެނެސްފައި ވަނީ ބޭންކަށް ޑޮލަރުގެ ދަތިކަން އޮތުމުން ކަމަށެވެ. އެކަމަކު މި މަހުގެ ފަހުކޮޅު "ވަރަށް ބޮޑުތަނުން" ލުޔެއް ދޭނެ ކަމުގެ އިޝާރާތް ބީއެމްއެލް އިން އެ މަނިކުފާނަށް ދެއްވި ކަމަށް ވިދާޅުވި އެވެ. 
"ބޭންކް އޮފް މޯލްޑިވްސް އަށް ދަތިތަކެއް ވާތީ މިހާރު ކުޑަކޮށް ލިމިޓް ކޮށްލައިގެން އެ އުޅެނީ. އެހެން ނަމަވެސް އަޅުގަނޑު އިއްޔެގައި ބޭންކަަށް ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގައި މި މަސް ނިމޭ ހިސާބުން އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއި ކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ "ފޮރިން ސްޕެންޑް ލިމިޓް" ހަމަ އެކަނި ރާއްޖޭން ބޭރުގައި ތިބޭއިރު އެކްޓިވް ވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ބަދަލު ގެނައީ ރާއްޖޭގައި ތިބެ، ރާއްޖެ އިން ބޭރަށް ދާ މީހުންނަށް ކާޑު ކުއްޔަށް ދީގެން ވިޔަފާރި ކުރާ މައްސަލަ ވެސް ބޮޑުވެފައިވަނިކޮށެވެ. 
ސައިޓުތަކަށް ޑޮލަރުން ކުރާ ހޭދަ ބޮޑުވެގެން، ބީއެމްއެލްއިން މީގެ ކުރިން ވަނީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ވެސް ނިންމައިފަ އެވެ.  
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާން ކޮށްފައިވާ ގޮތުން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް ބޮޑުވާނެ އެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށާއި ބޭސް ފަރުވާގެ ކަންކަމުގައި ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ވެސް 3،000 ޑޮލަރުގެ ލިމިޓެއް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ