ޓޫރިޒަމުން 671 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރި؛ ބޮޑު ބައި ސަރުކާރު ކުންފުނިތަކަށް

ރިސޯޓްތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމާ އެކު މިދިޔަ އަހަރުގެ ތެރޭގައި ރިސޯޓްތަކުން ބޭންކުތަކަށް 600 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 
އެނގުން މުހިންމު - ޖެނުއަރީ 2025ގައި އަމަލުކުރަން ފެށި ބޭރު ފައިސާ މާރުކުރުމުގެ އާ ގާނޫނުގެ ދަށުން ރިސޯޓްތަކާއި ޓޫރިޒަމް ދާއިރާގެ އެހެން ވިޔަފާރިތައް އަދި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތައް ބޭންކުތަކަށް ޑޮލަރު މާރުކުރަން އެމްއެއެމްއޭގައި ވަކިން ރަޖިސްޓްރީކުރަން ޖެހެ އެވެ. އެގޮތުން: 
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ %20 މާރުކުރަން ޖެހޭ
ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ
ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް އަދި މާލީ އިދާރާތައް ފިޔަވައި މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭ ވިޔަފާރިތަކުން ވެސް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ
މި ގޮތަށް ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ %70 ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަން ވަނީ މަޖުބޫރުކޮށްފަ އެވެ. 
ތަފްސީލް - އެމްއެމްއޭގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ ބޭރު ފައިސާ މާރުކުރުމުގެ އުސޫލު ހަރުކަށިކޮށް ގެނައި ގާނޫނުގެ ދަށުން 182 ރިސޯޓަކުން ރަޖިސްޓްރީކޮށް ޑޮލަރު މާރުކުރަމުން އަންނަ ކަމަށެވެ. ރިސޯޓްތަކުގެ އިތުރުން ސަފާރީތައް އަދި ގެސްޓްހައުސްތައް ހިމެނޭ ގޮތުން: 
671 މިލިއަން ޑޮލަރު ވަނީ މިދިޔަ އަހަރު މާރުކޮށްފައި
އޭގެ ތެރެއިން %78، 523.4 މިލިއަން ޑޮލަރު ވަނީ  ބޭންކުތަކުން އެމްއެމްއޭއަށް މާރުކޮށްފައި 
ރިސޯޓްތަކުން މާރުކުރި ޑޮލަރުގެ ބޮޑު ބައެއް އެމްއެމްއޭއަށް ނެގުމާ އެކު މިދިޔަ އަހަރު ދައުލަތުގެ ރިޒާވަށް ވަނީ ރަނގަޅު އަސަރެއް ކޮށްފައި ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ. އެ ރިޕޯޓްގައި ބުނީ އެމްއެމްއޭއަށް ބޭންކުތަކުން ލިބޭ ޑޮލަރު އިތުރުވުމާ އެކު ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމަށް އެމްއެމްއޭއިން ބޭންކުތަކާއި އަސާސީ މުދާ ގަތުމަށް ވިއްކި ޑޮލަރު  %10 މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށެވެ. އެއީ 1.1 ބިލިއަން ޑޮލަރެވެ. 
އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެމްއެމްއޭން ޑޮލަރު ފޯރުކޮށްދީފައި ވަނީ:
 651 މިލިއަން ޑޮލަރު - ސަރުކާރުގެ ކުންފުނިތަކަށް (އަސާސީ މުދާ ގެނައުން، ކުންފުނިތަކުގެ ދަރަނި ދެއްކުން)
447.6 މިލިއަން ޑޮލަރު - ބޭންކުތަކަށް (ބޭރަށް ފުރާ އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް) 
436 މިލިއަން ޑޮލަރު - ސީދާ ސަރުކާރަށް (ބޭރު ދަތުރުތަކާއި ދަރަނި ދެއްކުން އަދި ބޭރުން ބޭސް ފަރުވާ ކުރުމުގެ އެހީގެ ގޮތުގައި ދިނުމަށް)
އެމްއެމްއޭން ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ބޭންކުތަކަށް ފޯރުކޮށްދިން ޑޮލަރުގެ އަދަދަކީ %29 އިތުރު އަދަދެކެވެ. 
މީގެ އިތުރުން، އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ބޭރު ފައިސާއަށް ވުރެ އިތުރަށް އިގްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާ މަދުކޮށް ރުފިޔާގެ އަގު ހިފެހެއްޓުމަށް އޯޕަންމާކެޓް އޮޕަރޭޝަންސް (އޯމޯ) މިދިޔަ އަހަރު ހިންގި އެވެ. އޭގެ މާނައަކީ ބޭންކުތަކަށް އެމްއެމްއޭން ދިގު މުއްދަތުގެ ސެކިއުރިޓީއެއް ވިއްކުމެވެ. އެ ސެކިއުރިޓީ ބޭންކުތަކުން ގަތުމުން ބޭންކުތަކުގައި ހުންނަ ރުފިޔާ މަދުވެ އެވެ. 
އޯމޯ އޮޕަރޭޝަނުން އެމްއެމްއޭއަށް އަނބުރާ ނެގުނީ 3 ބިލިއަން ރުފިޔާ ކަމަށް ރިޕޯޓްގައިވެ އެވެ. އެހެން ނަމަވެސް، ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާ މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ