ސޮރައިއެސިސް: ހަންގަނޑު ކަހައި، ރެނދުލުން ފަދަ އުނދަގޫތައް މެދުވެރިކުރުވާ ދިގު މުއްދަތުގެ ހަމުގެ ބައްޔެއް

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ޖެހޭ ސޮރައިއެސިސް އަކީ ހަންގަނޑު ރަތްވެ، ފޮޮޅި، ކަހައި އަދި ރެނދުލުން ފަދަ އުނދަގޫތައް މެދުވެރިކުރުވާ، ހަމުގެ ދިގުމުއްދަތުގެ ބައްޔެކެވެ. ގިނަ ފަހަރަށް މި ބައްޔަކީ އެގްޒީމާ، އެލާޖީ ނުވަތަ އާދައިގެ ހަމުގެ މައްސަލައެއް ކަމަށް ބެލެނިވެރިންނަށް ހީކުރެވޭތީ، ދަރިފުޅަށް ބޭނުންވާ އެކަށީގެންވާ ސިއްހީ ފަރުވާ ހޯދައިދިނުމަށް ލަސްވެއެވެ. ނަމަވެސް، ކުޑަކުދިންނަށް ޖެހޭ ސޮރައިއެސިސްއަކީ ހަމައެކަނި ހަމުގެ އާދައިގެ މައްސަލައެއް ނޫނެވެ. މިއީ އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެއް ނޫން ކަމުގައި ވިޔަސް، އެކަށީގެންވާ ގޮތެއްގައި މި ބަލި މެނޭޖް ނުކުރެވިއްޖެނަމަ، ކުއްޖާގެ އަރާމަށް ބުރޫއަރައި، ނިދުމަށާއި، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. އެހެންކަމުން މި ބަލީގެ އަލާމާތްތަކާއި، ބަލި އިތުރަށް ގޯސްވާން މެދުވެރިވާ ސަބަބުތަކާއި، ފަރުވާގެ ގޮތްތައް ބެލެނިވެރިންނަށް އަވަހަށް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގައި ހަމުގެ ބަލިތަކަށް ހާއްސަ އަދި ވެނެރިއޮލޮޖިސްޓް ޑރ. އެލިން ހެރްލިނާ، އެސްޕީ ޑީވީއީ ވިދާޅުވެފައިވެއެވެ. ބެލެނިވެރިން ހަނދާން ބަހައްޓަންޖެހޭ އެންމެ މުހިންމު ކަމަކީ ސޮރައިއެސިސް އަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫންކަން--ފޮޓޯ/އީއެމްސީ ކުޑަކުދިންނަށް ޖެހޭ ސޮރައިއެސިސް އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ހަންގަނޑު ދުޅަވާ، ދިގުމުއްދަތުގެ ބައްޔެކެވެ. މި ބަލީގައި ހަމުގެ ސެލްތައް އާވާ މިންވަރު އާދައިގެ ހާލަތަށްވުރެ ބާރުވެއެވެ. ނަތީޖާއެއްގެ ގޮތުން، ހަމުގެ މަތީ ފަށަލައިގައި ސެލްތައް ޖަމާވެ، ބޯ، ހިކި، އަދި ހުދު ކުލައިގެ ފޮޅިތަކެއް ހުންނަ ރަތް ލައްތަކެއް އުފެދެއެވެ. އާދައިގެ ހާލަތެއްގައި ހަމުގެ ސެލްތައް އާވުމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ނަގައެވެ. ނަމަވެސް ސޮރައިއެސިސް ހުންނަ ނަމަ މިކަމަށް ނަގަނީ އެންމެ ތިނެއް ނުވަތަ ހަތަރު ދުވަހެވެ. މިގޮތަށް ހަމުގެ ސެލްތައް ޖަމާވުމުގެ ސަބަބުން ހަންގަނޑު ބޯވެ، ފޮޅި ނަގާގޮތް ދިމާވެއެވެ. މިކަމުގައި ބެލެނިވެރިން ހަނދާން ބަހައްޓަންޖެހޭ އެންމެ މުހިންމު ކަމަކީ މިއީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމެވެ. ކުދިން އެކަކު އަނެކަކާ އަތްލައި، ކުޅެ ނުވަތަ ތަކެތި ހިއްސާކުރުމުން މި ބަލި ނުފެތުރޭނެއެވެ. ސޮރައިއެސިސްއަކީ ކުޑަކުދިންގެ އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ފެންނަން ފަށާފާނެ ބައްޔެކެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަ މިންވަރު ކޮންމެ ކުއްޖަކަށް ވެސް ތަފާތުވެދާނެއެވެ. ސޮރައިއެސިސް ތަހައްމަލުކުރަމުންދާ ފަރާތެއް ނަމަ ފައިދާހުރި ކާނާ ކެއުމާއި، ރަނގަޅަށް ނިދުން އަދި އޮމެގާ-3 ފަދަ މާއްދާތައް ހިމެނޭ ކާނާ ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއްދޭންވާނެ--ފޮޓޯ/އީއެމްސީ ސޮރައިއެސިސްގެ އަލާމާތްތަކަކީ ހަމުގެ އެހެން ބަލިތަކާ ވަރަށް އެއްގޮތް އަލާމާތްތަކަކަށް ވާތީ، ބަލި ދެނެގަތުމަށް ގިނަ ފަހަރަށް ލަސްވެއެވެ. އެހެންކަމުން ސަމާލުކަން ދޭންޖެހޭ ބައެއް އަލާމާތްތަކުގެތެރޭ: ހަންގަނޑުގައި ރަތްކުލައިގެ ލައްތަކެއް ޖަހައި، އޭގެ މަތީގައި ހުދު ނުވަތަ ރިހިކުލައިގެ ބޯ، ހިކި ފޮޅިތަކެއް ހުރުން ބަލި ގޯސްވާ ވަގުތުތަކުގައި ކެހުމާއި، ހަންގަނޑުގައި ރިއްސުން ނުވަތަ ދިލަނެގުން ބައެއް ހާލަތްތަކުގައި ހަންގަނޑު ރެނދުލައި ލޭ އައުން އާންމުކޮށް މި ބަލި ފެންނަނީ އުޅަނބޮށި، ކަކޫ، ބޯ، މޫނު އަދި ދެ ހަންގަނޑުޖެހޭ ތަންތަނުންނެވެ. ހަންގަނޑު ފޮޅިފައި ހުރުމާއި، އެ ފޮޅިތައް ނައްޓާލަން އުނދަގޫވުން ނިޔަފަތިތަކުގައި ވަޅުޖެހުން، ބޯވުން، ކުލަ ބަދަލުވުން ނުވަތަ ފަސޭހައިން ބިންދައިގެންދާ ގޮތްވުން ހަންގަނޑު ކަހާތީ ކުއްޖާ މާބޮޑަށް ރުޅިގަދަވުން، ނިދަން އުނދަގޫވުން ނުވަތަ ހަރަކާތްތެރިވެ އުޅުމުގައި އުނދަގޫވުން ބަލީގެ އަލާމާތްތައް ފެނުމަށްފަހު ފިލައިގޮސް، އަލުން އަނބުރާ ފެންނަ ގޮތްވުން ބައެއް ހާލަތްތަކުގައި، ހަންގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަސަރުކޮށްފާނެ ކަމަށް ޑރ. އެލިން ފާހަގަކުރައްވާފައިވެއެވެ. ސޮރައިއެސިސް ޖެހެން މެދުވެރިވާ ސީދާ ސަބަބެއް އަދި ހޯދިފައި ނެތް ނަމަވެސް ބަލި ފެށުމަށް ނުވަތަ އިތުރަށް ގޯސްވާން މެދުވެރިވާ ބައެއް ކަންތައްތަކުގެތެރޭ، އާއިލާގެ މީހަކަށް ސޮރައިއެސިސް ނުވަތަ އޮޓޯއިމިއުން ބައްޔެއް ޖެހިފައިވުން، ހަންގަނޑު މަށައިގެން ދިއުން ފަދަ ހަންގަނޑަށް ލިބޭ އެހެނިހެން އަނިޔާތައް ހިމެނެއެވެ. މީގެއިތުރުން ނަފްސާނީ ބުރަބޮޑުވުމާއި ހާސްކަން، ހަންގަނޑު މާބޮޑަށް 'ޑްރައިވުން' ނުވަތަ ކުރަކިވުން، ނިދި މަދުވުމާއި ވަރުބަލިވުން، ކުއްޖާގެ ބަރުދަން މާބޮޑަށް އިތުރުވުން އަދި ބައެއް ކަހާ ތަންތަން މާބޮޑަށް ކެހުމުގެ ސަބަބުން ހަންގަނޑު އިތުރަށް ހަލާކުވުން މީގެ އަލާމާތްތަކުގެތެރޭ ހިމެނެއެވެ. ސޮރައިއެސިސް ކޮންޓްރޯލްކޮށް ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވިޓަމިން ޑީ، ސީ، އީ އަދި ޒިންކް ފަދަ މާއްދާތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭނުންކުރުން މުހިއްމު--ފޮޓޯ/އީއެމްސީ ޑރ. އެލިން ހެރްލިނާ ވިދާޅުވާ ގޮތުގައި، ސޮރައިއެސިސް އަކީ އާންމުގޮތެއްގައި މުޅިން ފަސޭހަކުރެވޭ ބައްޔެއް ނޫނެވެ. ނަމަވެސް އެކަށީގެންވާ ފަރުވާއާ އެކު ބަލީގެ އުނދަގޫތައް ކޮންޓްރޯލްކުރެވިދާނެ ކަމަށް ޑރ. އެލިން އިރުޝާދު ދެއްވައެވެ. އެހެންކަމުން ޑޮކްޓަރުން ފަރުވާ ކަނޑައަޅާނީ ބަލީގެ ބޮޑުމިނަށާއި، ކުއްޖާގެ އުމުރަށް އަދި ބަލި ހުރި ތަންތަނަށް ބަލާފައި ކަމަށް ޑރ.އެލިން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ: 1- ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދީ، ކެހުން މަދުކޮށްދޭ މޮއިސްޗަރައިޒާއެއް ގަވައިދުން ބޭނުންކުރުން 2- ދުޅަވުމާއި ފޮޅި ނެގުން މަދުކުރުމަށް ޑޮކްޓަރުން ދެއްވާ ބޭސް ގަވައިދުން ބޭނުންކުރުން 3- ފައިދާހުރި ކާނާ ކެއުމާއި، ރަނގަޅަށް ނިދުން އަދި އޮމެގާ-3 ފަދަ މާއްދާތައް ހިމެނޭ ކާނާ ބޭނުންކުރުމަށް ސަމާލުކަންދިނުން 4- ހަމުގެ ދުޅަހެޔޮކަމަށް ވިޓަމިން ޑީ، ސީ، އީ އަދި ޒިންކް ފަދަ މާއްދާތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭނުންކުރުން 5- އާދައިގެ ފަރުވާއިން ރަނގަޅުނުވާ ހާލަތްތަކުގައި، އަލްޓްރާވައިލެޓް (UV) އަލި ބޭނުންކޮށްގެން ހަމުގެ ސެލްތައް އުފެދޭ މިންވަރު ލަސްކޮށްދޭ ފަރުވާ ހޯދުން، ހިމެނެއެވެ. ދަރިފުޅުގެ ހަންގަނޑުގައި ހުންނަ ލައްތައް ރަނގަޅުނުވެ، ގޯސްވަމުންދާނަމަ ނުވަތަ ތަކުރާރުކޮށް ބަލި ފެންނަމުންދާނަމަ ލަސްނުކޮށް ހަމުގެ ހާއްސަ ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ހަމައެހެންމެ، ކެހުމުގެ ސަބަބުން ނިދަން އުނދަގޫވެ، ދުވަހުގެ މަސައްކަތްތަކަށް ހުރަސްއެޅޭނަމަ ވެސް ސިއްހީ އެހީތެރިކަން ހޯދުން މުހިންމެވެ. ބަލީގެ ކުރީކޮޅު ފަރުވާ ފެށުމުން، ބަލީގެ އުނދަގޫތައް ކުޑަވެ، ކުއްޖާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ފަހިވެއެވެ. އެހެންކަމުން، ބަލި ދެނެގަތުމަށާއި ދަރިފުޅުގެ ހާލަތާ އެންމެ ގުޅޭ ފަރުވާ ކަނޑައެޅުމަށްޓަކައި ލަސްނުކޮށް ހަމުގެ ހާއްސަ ޑޮކްޓަރެއްގެ އިރުޝާދުގެ މަތިން ބޭސް ފަރުވާ ކުރަން ފެށުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ