ކުރީގެ ދެ ރައީސުންނާއެކު ސޯބެގެ ކެމްޕެއިން ނިންމާ ޖަލްސާ މިރޭ އައްޑޫގައި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމާލުމުގެ ޖަލްސާ އައްޑޫ ސިޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވާ ގޮތަށް، މިރެއަށް ތާވަލުކޮށްފި އެވެ.
ހިތަދޫ ސްކޫލްގައި މިރޭ 20:30 ގައި ފަށާ މި ޖަލްސާއަށް ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނޭ ގިނަ ބޭފުޅުން މިވަގުތު ތިބީ އައްޑޫގަ އެވެ. 
ސޯބެގެ ކެމްޕެއިން ނިންމާ ޖަލްސާއަށް ނަޝީދު އައްޑޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު އިރުއޮއްސޭއިރެވެ. މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައިވެސް ނަޝީދާއި ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ. 
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވާ، އޭނާއަށް އެންމެން ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. 
އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރަނީ ސޯބެ އާއި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ  އަހްމަދު ސައީދެވެ. ކެންޑިޑޭޓް ނަންބަރު އެކެއް ސައީދަށް ލިބުނުއިރު ސޯބެގެ ނަންބަރަކީ ދޭކެވެ. 
2011 ވަނަ އަހަރު ސޯބެ އެންމެ ފުރަތަމަ އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ވެސް ހިތަދޫ އުތުރު ދާއިރާއިންނެވެ. އެއަށް ފަހު ޖެހިގެން އައި ދެ އިންތިހާބުގައި ވެސް ތަނަވަސް އަގުލަބިއްޔަތަކުން އެ ގޮނޑި ސޯބެ ދިފާއުކުރެއްވި އެވެ. 2014 ވަނަ އަހަރު 1،147 ވޯޓު ސޯބެއަށް ލިބިވަޑައިގެންނެވިއިރު 2017 ވަނަ އަހަރު 1،376 ވޯޓު އޭނާ ކާމިޔާބު ކުރެއްވި އެވެ. 
ނަވާރަވަނަ މަޖިލީހުގައި ދެ ބައި-އިލެކްޝަނެއް ބޭއްވި އެވެ. އެއީ ކޮމަންޑޫ ދާއިރާ އާއި މާލެ އަތޮޅު ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދެވި ބޭފުޅުން ނިޔާވުމުން ބޭއްވި ބައި-އިލެކްޝަންތަކެކެވެ. އެ ދެ އިންތިހާބު ވެސް ކާމިޔާބުކުރީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. 
ގޮނޑި ގެއްލުމުން ބައި-އިލެކްޝަންގައި ވާދަކުރައްވަން ޕީއެންސީގެ ޕްރައިމަރީގައި ސައީދުގެ މައްޗަށް ސިނާނު ކުރި ހޯއްދެވި އެވެ. ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބުނުއިރު، ސައީދަށް ލިބުނީ 187 ވޯޓެވެ. 
ނަމަވެސް ޕީއެންސީން ވަނީ ފަހު ވަގުތު ސިނާން އަތުން ޓިކެޓު އަތުލައި ސައީދުއަށް އެ ޓިކެޓު ހަވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން ސިނާން ވިދާޅުވީ ބައ-އިލެކްޝަންގައި ވާދަނުކުރަން ނިންމެވީ އެއީ އިންތިހާބު ކާމިޔާބުކުރަން ޕާޓީއަށް އެންމެ ފަހި ގޮތް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ