ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕާކިސްތާން އަތުން 3-0 އިން ބަލިވެ، ބާކީ މެޗެއް އޮއްވައި ރާއްޖެ މުބާރާތުން ކަޓައިފި އެވެ.
މީގެ ތިން އަހަރު ކުރިން، ލ. ގަމުގައި ކުޅުނު އެކުވެރިކަމުގެ މެޗަކުން ރާއްޖޭން ޕާކިސްތާން އަތުން 1-0 އިިން މޮޅުވި އެވެ. އެކަމަަކު، މިއަދުގެ މެޗުން ޕާކިސްތާނުން ރާއްޖެ ބަލިކުރުމާ އެކު، މިއީ، ރާއްޖޭގައި ކުޅެގެން ޕާކިސްތާނަށް ރާއްޖެ އަތުން ލިބުނު ފުރަތަމަ މޮޅެވެ. އަދި، 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ބަލިކުރި ފަހުން، 35 އަހަރަށް ފަަހު ރާއްޖެ އަތުން ލިބުނު ފުރަތަަމަ މޮޅެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ މެޗުން ޕާކިސްތާނުން ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމު (23 އަހަރުން ދަށުގެ ޓީމާ) 0-0 އިން އެއްވަރުވިއިރު، ރާއްޖޭން ވަނީ ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 1-0 އިން ބަލިވެފަ އެވެ. އެހެންކަމުން، މިއަދުގެ މެޗުން ބަލިވެ، ރާއްޖެ އަށް ކުޅުނު ދެ މެޗުން ވެސް ޕޮއިންޓެއް ނުލިބި ނިންމާލަން ޖެހުމާ އެކު މުބާރާތުން ކެޓީ އެވެ. އެއީ، ދެ މެޗުން ޕާކިސްތާނަށް ހަތަރު ޕޮއިންޓް ލިބުނުއިރު، މިރޭ ކުޅޭ އަފްގާނިސްތާނާއި ބަންގްލަދޭޝަށް ވެސް އެ އަދަދަށް ޕޮއިންޓް ހަަމަކުރެވެން އޮތްއިރު، ރާއްޖެ އަށް ދެން އެންމެ ގިނަވެގެން ވެސް ހަމަކުރެވެން އޮތީ އާދިއްތަ ދުވަހުގެރޭ ބަންގްލަދޭޝް ބަލިކޮށްގެން ތިން ޕޮއިންޓް ކަމަށްވާތީ އެވެ.
ޕާކިސްތާނާއި ރާއްޖޭން މިއަދުގެ މެޗަށް ނުކުތީ ބަދަލުތަކާ އެކު އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ފެށި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ގޯލްކީޕަރު، ހުސެއިން ޝަރީފް (ހުސެން)ގެ ބަދަލުގައި މިއަދުގެ މެޗު ފެށީ ނާއިޒު ހަސަން (ދާދު) އާއި މުހައްމަދު ފައިސަލް އެވެ. ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކީޕަރު ފައިސަލް އެވެ.
ގަލޮޅު ދަނޑުގައި މިއަދު ބޯ ވިއްސާރައިގައި ފުރަަތަމަ ހާފު ފަށައިގެން ކުޅުުނުއިރު، ދެ ޓީމުން ވެސް އެޓޭކަށް ދިޔަ ބޯޅަތަކުގައި ރަނގަޅަށް ފުރުސަތެއް ތަނަވަސްކުރެވޭ ގޮތެއްނުވި އެވެ. އެ ގޮތުން، ރާއްޖޭގެ އަހުމަދު އައިހަމް (ފަތޯ) އަށް ފުރަތަމަ ހާފުގައި ބޮލުން ޖަހަން ލިބުނު ފުރުސަތުގައި އެ ބޯޅަ ބްލޮކްވިއިރު، އަހުޒަމް ރަޝީދު (އަހު) ނެގި ހުރަހަށް ބޯޅަ ފޮނުވާލަން އެރި މުހައްމަދު އިލާން އިމްރާން އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލިބޭ ގޮތެއްނުވި އެވެ. އަދި، ރާއްޖޭގެ ދާދު އަށް ފުރަތަމަ ހާފުގައި ޕާކިސްތާން ޑިފެންސް ފަހަތުން މާގިނަ ބޯޅަތަކެއް ލިބޭ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފުގައި ޕާކިސްތާންގެ އެންމެ ރަނގަޅު ފުރުސަތެއް ލިިބިގެންދިޔައީ، ބަންގްލަދޭޝް ޕްރިމިއާ ލީގުގައި ބްރަދާސް ޔޫނިއަން އަށް ކުޅޭ ޝާޔަކް ދޯސްތު އަށެވެ. އެ ގޮތުން، އޭރިއާ ރޮނގުމަތިން އޭނާ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ރާއްޖޭން ދެ ވަނަ ހާފުގައި ކުޅުން ފެށީ އަހު އާއި ދާދުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) އާއި ނައްސާހު އިބްރާހިމް ނާސިރު ކުޅެން އެރި އެވެ. އަދި، ފުރަތަމަ ދެ މިނިޓް ތެރޭގައި އެ ދެ ކުޅުންތެރިންނަށް ވެސް ގޯލަށް ބޯޅަ ފޮނުވާލަން ލިބުނު ފުރުސަތުތަކުގައި، ޖެހި ޝޮޓްތައް ވަނީ ބްލޮކްވެފަ އެވެ.
ދެ ވަނަ ހާފުގެ ފުރަތަމަ ހަ މިނިޓްގައި ތެރޭ ރާއްޖޭން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އިއްބެ ފޮނުވާލި ޝޮޓެއް ގޯލާ ސީދާނުވެދިޔަ އެވެ. އަދި، އިލާން އާއި އިބްރާހިމް އައިސަމް ޖެހި ޝޮޓްތައް، ޕާކިސްތާންގެ ކީޕަރު، ޔޫސުފް އިޖާޒް ބަޓް ވަނީ މަތަކޮށްފަ އެވެ.
ރާއްޖޭން އެޓޭކަށް ޖެހިގެން ކުޅެމުން ދަނިކޮށް، ޕާކިސްތާނުން ވަނީ ދެ ވަނަ ހާފުގައި ލިބުނު ފުރަތަމަ ހުސް ފުރުސަތުގައި ގޯލު ޖަހައިފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، އިނގިރޭސި ކްލަބް، ވްރެކްސަމް އަށް ކުޅޭ އުމަރު ނަވާޒް އެވެ. މިއީ، ރާއްޖޭގެ ޑިފެންސް ފަހަތުން އެރިއާތެރެއިން ޕާކިސްތާންގެ ހައްޔާން ކަޓަކް ފޮނުވާލި ބޯޅައެއް ކީޕަރު ފައިސަލް އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ނަވާޒް ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.
ޕާކިސްތާނުން ލީޑުނެގި ފަހުން ލިބުނު ފުރަތަމަ ފުރުސަތުގައި ރާއްޖޭގެ ފަތޯ ޖެހި ޝޮޓް ކީޕަރު ބަޓް ވަނީ މަތަކޮށްފަ އެވެ. ބަދަލަކަށް ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި ޕާކިސްތާންގެ ފޯވާޑް، އިނގިރޭސި ފަސް ވަނަ ޑިވިޝަންގައި ކުޅެމުން އަންނަ، އޯޓީޒް ހާން އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ރާއްޖޭގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.
ކައުންޓަ އެޓޭކުގައި، ސެންޓޭ އަށް މެޗުގެ 58 ވަނަ މިނިޓްގައި ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ކީޕަރު ބަޓް މަތަކުރިއިރު، ރީބައުންސަށް ނުކުތް ބޯޅަ އަށް ސެންޓޭ ދުވެފައި ދިޔަ ވަގުތު އޭނާ އަށް ފައުލުކުރި ކަަމަށް އެޕީލްކުރި ނަމަވެސް, މެޗުގެ ރެފްރީ، އިންޑިއާގެ ކުމާރު އަޝްވިން ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ރާއްޖޭން ވަނީ މެޗުގެ 77 ވަނަ މިނިޓްގައި، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)ގެ ބަދަލުގައި އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިފަ އެވެ. ދަގަނޑޭ އަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ބަޓް ވަނީ މަތަކޮށްފަ އެެވެ.
ޕާކިސްތާނުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނިޓްގައި އަބްދުލް ސަމަދު ޝަހުޒާދު އެވެ. އޭރިއާތެރެއިން ލިބުނު ބޯޅައެއް އޭނާ ވަނީ ގޯލުގެ ދުރު ކަަނަށް އަމާޒުކޮށްލައިފަ އެވެ. އަދި، އޭގެ ހަތަރު މިނިޓް ފަހުން، ޕާކިސްތާނުން ތިން ވަނަ ގޯލު ޖެހި އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ޕޮލެންޑް ކްލަބަކަށް ކުޅެމުން އަންނަ ހާރޫން ހާމިދު އެވެ. އުމުރުން 22 އަހަރުގެ ހާމިދު ޖެހި ޝޮޓް ގޯލަށް ވަނީ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.
އޭރިއާތެރެއިން މެޗުގެ 89 ވަނަ މިނިޓްގައި ދަގަނޑޭ ބޯޅަ ފޮނުވާލެވޭތޯ އެރި ނަމަވެސް ރަނގަޅަށް ފައިގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ.
ރާއްޖޭން ވަނީ 2008 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި 3-0 އިން ޕާކިސްތާން ބަލިކޮށްފަ އެވެ.
ޕާކިސްތާން އަތުން ބަލިވެ ޑައިމަންޑް ޖުބިލީ މުބާރާތުން ރާއްޖެ ކަޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ