ޕާކިސްތާން އަތުން ތާރީޚީ ބައްޔެއް: ބާކީ އެއް މެޗު އޮއްވައި ރާއްޖެ މުބާރާތުން ކަޓައިފި
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް" ރާއްޖެއަށް ނިމުމަކަށް އަތުވެއްޖެއެވެ. ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބޯވިއްސާރައިގެ ތެރޭގައި ކުޅުނު މެޗުން ޕާކިސްތާން އަތުން 3-0 ގެ ބޮޑު ތަފާތަކުން ބަލިވުމާ އެކު، މުބާރާތުގައި ބާކީ އެއް މެޗު އޮއްވައި ރާއްޖޭގެ ގައުމީ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. މިއީ ރާއްޖޭގެ ފަސްގަނޑުގައި ކުޅެގެން ޕާކިސްތާނަށް ރާއްޖެ އަތުން ލިބުނު ފުރަތަމަ މޮޅެވެ. ކެޕްޝަން.. ލީގު އުސޫލުން ހަތަރު ގައުމުގެ މެދުގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުން އަފްގާނިސްތާން އަތުން 1-0 އިން ބަލިވި ރާއްޖެއަށް، ދެ މެޗު ކުޅުނުއިރު އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މި ވަގުތު ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ޕާކިސްތާން ތާވަލުގެ އެއްވަނައިގައި އޮތްއިރު، ރާއްޖެއަށް ބާކީ އޮތީ އަންނަ އާދިއްތަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވިޔަސް ރާއްޖެއަށް ލިބޭނީ އެންމެ ތިން ޕޮއިންޓް ކަމަށްވުމުން، ފައިނަލުގެ ޖާގަ ލިބޭ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމުގެ އެއްވެސް ފުރުސަތެއް ރާއްޖެއަކަށް ދެނެއް ނެތެވެ. ރާއްޖެއަށް ދިމާވީ ގޯލު ސްކޯ ކުރުމުގެ މައްސަލައެވެ. ސެންޓޭ އާއި އިބްރާހިމް އައިސަމް އަދި މުހައްމަދު އިލާން ޖެހި ޝޮޓްތައް ޕާކިސްތާނުގެ ކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ. ކެޕްޝަން.. ޕާކިސްތާނުގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ޖެހީ އިނގިރޭސި ކްލަބް ވްރެކްސަމްއަށް ކުޅޭ އުމަރު ނަވާޒެވެ. ދެވަނަ ލަނޑު 84 ވަނަ މިނެޓުގައި އަބްދުލް ސަމަދު ޝަހުޒާދު ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑު 88 ވަނަ މިނެޓުގައި ޖެހީ ޕޮލެންޑް ކްލަބަކަށް ކުޅޭ ހާރޫން ހާމިދެވެ. ރާއްޖޭން އެޓޭކްތައް ވަރުގަދަކޮށް، މެޗުގެ 77 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވެސް ކުޅެން އެރުވި ނަމަވެސް، މާ އެދެވޭ ހަމަލާތަކެއް އުފެއްދޭގޮތެއް ނުވިއެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފްގާނިސްތާނާއި ބަންގްލަދޭޝްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ