ޕާކިސްތާން އަތުން ބަލިވެ، ރާއްޖެއަށް ފުރުސަތު ގެއްލިއްޖެ

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފައިނަލާ ހަމައަށް ރާއްޖެއަށް ނުދެވޭނެކަން ކަށަވަރުވެއްޖެއެވެ.
ރާއްޖެއަށް ފައިނަލްގެ ޖާގަ ގެއްލުނުކަން ކަށަވަރުވީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ 0-3 އިން ބަލިވުމާ ގުޅިގެންނެވެ.
މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިން ގޭމެއް ކުޅުނީ ޕާކިސްތާން ޓީމުންނެވެ. އެ ޓީމުން ވަނީ މި ހާފުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ.
މިހާފުގައި ރާއްޖެ ޓީމުން ބޮޑަށް ފެނިގެންދިޔައީ ކައުންޓަރ އެޓޭކުތަކުގައި ކުރިއަށް ޖެހިގެން އެޓޭކު ކުރަން މަސައްކަތްކުރާ ތަނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޒުވާން މިޑްފީލްޑަރު އަހްޒަމް ރަޝީދު އޭރިއާ ތެރެއަށް މުޅިން ހުސްކޮށްލާފައި ހުރަސްކޮށްދިން ބޯޅައަށް އަރަން ހުރި ޒުވާން ފޯވާޑް އިލާނަށް ރަނގަޅަށް ނޭރި، މި ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ރާއްޖެއިން ދެވަނަ ހާފު ފެށި ދެ ބަދަލަކާއެކުއެވެ. އެގޮތުން އަޙްޒަމްއާއި ނާއިޒް ހަސަން (ދާދު) ގެ ބަދަލުގައި އަލީ ފާސިރުއާއި ނައްސާޙް ވަނީ ކުޅެން އަރާފައެވެ.
މިއާއެކު ދެވަނަ ހާފު ފަށައިގެން ރާއްޖޭގެ އެޓޭކުތައް ވަރަށް ބޮޑަށް ވަރުގަދަވެގެންދިޔައެވެ. ފުލުފުލުގައި ރާއްޖެ ޓީމުން ގިނަ ހަމަލާތަކެއް އުފައްދާފައިވީ ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފައި، ބޯޅަ ނިންމާލެވޭގޮތް ރާއްޖޭގެ ކުޅުންތެރިންނަކަށް ނުވިއެވެ.
އޭގެ ފައިދާ ނަގައި ކައުންޓަރ އެޓޭކުތަކުގައި ކުރިއަށް ޖެހިގެން ޕާކިސްތާނުން ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއިރު، އެ މަސައްކަތުގައި ކާމިޔާބުވުމީ މެޗުގެ 53 ވަނަ މިނެޓުގައެވެ. ކައުންޓަރ އެޓޭކުގައި ކުރިއަށް ޖެހި، އޭރިއާ ތެރޭގައި ހުރެފައި މުޙައްމަދު ހައްޔާން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލްގެ އަތުގައި ޖެހިފައި ރިބައުންސް ވެގެން އައުމުން އުމަރު ނަވާޒް ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގައި ޕާކިސްތާނަށް ލީޑުނަގައިދީފައެވެ.
ލަނޑަށްފަހު ޕާކިސްތާން ޓީމުން ވަރަށް ބޮޑަށް ވަގުތު ބޭކާރުކުރަން މަސައްކަތްކުރިއެވެ. މިއާއެކު މެޗުގެ ޓެމްޕޯ ލަސްވެ، ދެ ޓީމަށްވެސް މާ ތަފާތު ކުޅުމެއް ކުޅެވޭގޮތެއް ނުވިއެވެ.
އެހެންނަމަވެސް މެޗު ނިމުމުގެ ކުރިން ޕާކިސްތާން ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަމަދު ޝަހުޒާދެވެ. މިއީ އޭރިއާ ތެރޭގައި ވަރަށް ހަމަޖެހިލާފައި ހުރެފައި، ޖާގަ ތަނަވަސްކޮށްފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޕާކިސްތާނުން މެޗުގައި ތިންވަނަ ލަނޑުޖެހީ އޭގެ ތިން މިނެޓުފަހުންނެވެ. އޭރިއާ ތެރޭ ވަރަށް ހުސްކޮށް، ހަމަޖެހިލާފައި މަޑުމަޑުން ކުރިއަށް ޖެހިލާފައި ގޮސް، ހާރޫން ރާޝިދު ފޮނުވާލި ބޯޅަ ގޮސް ގޯލުގެ ތެރެއަށް ވަނީ ރާއްޖޭގެ އައިސަމްގެ ފައިގައި ޖެހިފައި ގޮސް ގޯލުގެ ދަނޑީގައި ވެސް ޖެހިފައެވެ.
މި ބައްޔާއެކު ރާއްޖެއަށް މިވަނީ މުބާރާތުގެ ފައިނަލާ ހަމައަށް ނުދެވޭނެކަން ޔަގީންވެއެވެ. އެއީ ފުރަތަމަ މެޗުގައި އަފްޣާނިސްޠާން އަތުން ވެސް 0-1 އިން ބަލިވެފައިވާތީއެވެ.
ރާއްޖެއަށް ދެ މެޗުވެސް ގެއްލި ޕޮއިންޓެއް ލިބިފައިނުވާއިރު، މެޗުން މޮޅުވި ޕާކިސްތާނަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. އެއީ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް އެއްވަރުވެފައިވާތީއެވެ.
މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގައި ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް ކުޅެ ނިމޭއިރު، އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު ދަތުރުކުރާނީ ފައިނަލަށެވެ. ދެ މެޗުން ބަލިވުމާއެކު ޕޮއިންޓެއް ނުލިބި އޮތް ރާއްޖެއަށް، ދެން އޮތް ތިން ޓީމާ ޕޮއިންޓުގެ ގޮތުން އަރާހަމަކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
މިރޭ އަފްޣާނިސްޠާނާއި ބަންގްލަދޭޝް ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، ރާއްޖެއަށް އަރާހަމަ ނުކުރެވޭ މިންވަރަށް ކޮންމެވެސް އެއް ޓީމަކަށް ޕޮއިންޓު ލިބޭނެއެވެ. އަފްޣާނިސްޠާން މޮޅުވެއްޖެނަމަ ހަ ޕޮއިންޓު ލިބޭއިރު މެޗު އެއްވަރުވެއްޖެނަމަ އަފްޣާނިސްތާނަށް ހަތަރު ޕޮއިންޓު ލިބޭނެއެވެ. އަދި ބަންގްލަދޭޝްއަށް ވެސް މެޗުން މޮޅުވެގެން ހަތަރު ޕޮއިންޓު ހަމަކުރެވޭނެއެވެ.
މުބާރާތުގައި ރާއްޖެއަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުން މޮޅުވިޔަސް ރާއްޖެއަށް ލިބޭނީ ތިން ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ