ޕާކިސްތާން އަތުން 3-0 އިން ބަލިވެ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނުދެވި ރާއްޖެ މިއަދު ކަޓައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާލޭގައި ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ވަނީ ކުޅުނު ފުރަތަމަ މެޗުން އަފްގާނިސްތާން އަތުން 1-0 އިން ބަލިވެފަ އެވެ. ރާއްޖެ އަށް ފަހު މެޗުން ބަންގްލަދޭޝް އަތުން މޮޅުވިޔަސް ގިނަވެގެން ލިބޭނީ ތިން ޕޮއިންޓެވެ.
ޕާކިސްތާން އަތުގައި މިހާރު ހަތަރު ޕޮއިންޓް އެބައޮތެވެ. މިވަގުތު އެއް ޕޮއިންޓާ އެކު އޮތް ބަންގްލަދޭޝް އާއި، ތިން ޕޮއިންޓާ އެކު އޮތް އަފްގާނިސްތާން މިރޭ ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އޭގެ ތެރެއިން ކޮންމެވެސް އެއް ޓީމަކަށް މަދުވެގެން ހަތަރު ޕޮއިންޓް ހަމަކުރެވޭނެ އެވެ. އެހެންވެ ފައިނަލަށް ދިއުމުގެ މެތެމެޓިކަލް ފުރުސަތެއް ރާއްޖެ އަށް ނެތެވެ.
ގައުމީ ޓީމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން ހަންގޭރީގެ އިސްތަވާން އުރުބާނީ އަލުން ހަވާލުވެގެން ރާއްޖެ ވާދަކުރާ މި މުބާރާތުގައި މިއަދު ބަލިވީ ފަހަކަށް އައިސް ރާއްޖޭން އަބަދުވެސް އެ ޓީމެއްގެ މައްޗަށް ކުރި ހޯދާ ޕާކިސްތާން އަތުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދެ އެވެ. އެކަމަކު ރާއްޖޭން ފުރުސަތުތަކެއް ހޯދި އެވެ. މި ހާފުގެ އެންމެ ފަހު ސިކުންތުގައި ނާއިޒް ހަސަން (ދާދު) ގެ ޖޯޒީގައި ހިފައި އޭނާ އޭރިއާ ތެރެއަށް ވައްޓާލި ނަމަވެސް އިންޑިއާގެ ރެފްރީ އަޝްވިން ކުމާރު އެއީ ފައުލެއް ކަމަށް ބަލައިފައެއް ނުވެ އެވެ.
ދެ ވަނަ ހާފުގައި ވެސް ރާއްޖެއަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އައިސަމް އިބްރާހިމް އާއި މުހައްމަދު އިލާން އިމްރާނަށް ލިބުނު ފުރުސަތު ޕާކިސްތާނުގެ ކީޕަރު ޔޫސުފް އީޖާޒް ބަޓް ދިފާއުކުރީ އެވެ.
މެޗުގެ 53 ވަނަ މިނިޓުގައި ޕާކިސްތާނަށް ލީޑު ނަގައިދިނީ އުމަރު ނަވާޒެވެ. މިއީ މުހައްމަދު ހައްޔާން ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި ވަގުތު ރީބައުންސް ބޯޅައިގައި ނަވާޒް ކާމިޔާބުކުރި ލަނޑެވެ.
އެއަށް ފަހު އަހުމަދު އައިހަމް (ފަތޯ)ގެ ހަމަލާއަކާއި އަލީ ފާސިރު (ސެންޓޭ) ގެ ދެ ހަމަލާއެް ކީޕަރު ބަޓް ދިފާއު ކޮށްފައިވެ އެވެ.
ޕާކިސްތާނުން ފަހު ދެ ގޯލު ޖެހީ ފަހު 10 މިނިޓު ތެރޭގަ އެވެ. ދެ ގޯލު ވެސް ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިންނެވެ. އޯޓިސް ހާން ހުސް ކޮށްލާފައި ދިން ބޯޅައަކުން އަބްދުއްސަމަދު ޝަހްޒާދު 84 ވަނަ މިނިޓުގައި ޕާކިސްތާނަށް ލީޑު ފުޅާ ކޮށްދިން އިރު ތިން ވަނަ ލަނޑު ޖެހީ 87 ވަނަ މިނިޓުގަ އެވެ. ހާރޫން އަބްދުއްރަޝީދު ފޮނުވާލި ބޯޅަ ގޯލަށް ވަނީ އައިސަމް ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ.
ޕާކިސްތާނަށް ލީގު ބުރުގައި ބާކީ އޮންނާނީ އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.
ޕާކިސްތާން އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ