ޑައިމަންޑް ޖުބިލީ މުބާރާތް: ޕާކިސްތާން އަތްދަށުވެ، ރާއްޖެއިން މުބާރާތާ އަލްވަދާއު ކިޔައިފި

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ޕާކިސްތާނު އަތުން 3-0 އިން ބަލިވެ، ހޯސްޓް ގައުމު ރާއްޖެއަށް ފައިނަލަށް ނުދެވި މުބާރާތާ އަލްވަދާއު ކިޔައިފިއެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްގާނިސްތާނެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާނު އަތުން 1-0 އިން ރާއްޖެ ބަލިވެފައި އޮތުމުން މިއަދުގެ މެޗުން މޮޅުވުން އޮތީ މަޖުބޫރުވެފައެވެ. އަނެއްކޮޅުން ޕާކިސްތާނު މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ 0-0 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިގެންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މި މެޗަށް ރާއްޖޭން ވަނީ ބޮޑެތި ބަދަލުތަކަކާއެކު ނުކުމެފައެވެ. ފުރަތަމަ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހަމްޒާ މުހައްމަދު އަދި ގޯލްކީޕަރު ހުސެއިން ޝަރީފް ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ. އޭގެ ބަދަލުގައި މެޗު ފެށީ ނާއިޒު ހަސަން އަދި ކެޕްޓަން ބޭންޑާއެކު ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ.
ބޯ ވާރޭގެ ތެރޭގައި ކުޅުނު ފުރަތަމަ ހާފުގައި ރާއްޖޭން ކައުންޓާ އެޓޭކްތަކަށް އިސްކަންދިން އިރު، އަހުމަދު އައިހަމްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މީގެ އިތުރުން އަހުޒަމް ރަޝީދު އަދި މުހައްމަދު އިލާން އިމްރާނަށް ވެސް ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. ހާފުގެ ފަހުކޮޅު ޕާކިސްތާނުގެ ޝާޔަކް ދޯސްތު ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާކޮށްފައެވެ.
ދެވަނަ ހާފަށް ރާއްޖޭން ނުކުތީ އަހުޒަމާއި ނާއިޒުގެ ބަދަލުގައި އަލީ ފާސިރު އަދި ނައްސާހު އިބްރާހިމް ކުޅެން އަރުވައިގެންނެވެ. ހާފުގެ ކުރީކޮޅު ރާއްޖޭން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް އިބްރާހީމް އައިސަމް އަދި އިލާން ފޮނުވާލި ހަމަލާތައް ޕާކިސްތާނުގެ ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ޕާކިސްތާނުން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ކްލަބު ވްރެކްސަމްއަށް ކުޅެމުން އަންނަ އުމަރު ނަވާޒްއެވެ. އޭރިއާ ތެރެއިން ޕާކިސްތާނުގެ ހައްޔާން ކަޓަކް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލްގެ އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް ނުކުތް ވަގުތު، ނަވާޒް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ނަތީޖާ ހަމަހަމަކުރުމަށް ރާއްޖޭން ކުރި މަސައްކަތުގައި އަލީ ފާސިރު ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ދިފާއުކުރިއެވެ. އަދި ރީބައުންސް ބޯޅައަށް މަސައްކަތްކުރި ވަގުތު ފާސިރަށް ޕާކިސްތާނުގެ ޑިފެންޑަރުން ފައުލްކުރި ކަމަށް އެޕީލްކުރި ނަމަވެސް، ރެފްރީ ޕެނަލްޓީއެއް ދީފައެއް ނުވެއެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ހުސެއިން ސިފާއު ޔޫސުފްގެ ބަދަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ އަޝްފާގު ކުޅެން އެރުވިއެވެ. އެހެންނަމަވެސް، 84 ވަނަ މިނެޓުގައި އަބްދުލް ސަމަދު ޝަހުޒާދު ކާމިޔާބުކުރި ލަނޑާއެކު ރާއްޖޭގެ އުންމީދުތައް ގެއްލިގެން ދިޔައެވެ. މި ލަނޑަށްފަހު ރާއްޖޭގެ ކުޅުން އިތުރަށް ގޯސްވެ، ޕާކިސްތާނުން ވަނީ މެޗު ނިމުމުގެ ކުރިން ހާރޫން ހާމިދު ކާމިޔާބުކުރި ލަނޑާއެކު ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މިއީ 1991 ވަނަ އަހަރަށްފަހު ރާއްޖެއިން ޕާކިސްތާނުގެ އަތުން ބަލިވި ފުރަތަމަ ފަހަރެވެ. މުބާރާތުން ކަޓާފައިވީ ނަމަވެސް، ރާއްޖެއަށް ދެން އޮންނާނީ ބަންގްލަދޭޝްގެ ޒުވާން ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ